ޕީއެޗްޑީ ސްކޮލަޝިޕާއި ބޮޑެތި އިނާމުތަކާއެކު ޤައުމީ ޤުރުއާން މުބާރާތުގެ ވަނަތައް ހަވާލުކޮށްފި
24 ސެޕްޓެމްބަރު 2026 - 17:24

ކީރިތި ޤުރްއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތުން ފަޚުރުވެރި އެއްވަނަ އިސްމާޢީލް އިޒުޢާން އިބްރާހީމާއި، އާޔަން އަޙްމަދު ޢިނާން އަދި ޢާއިޝަތު ޒީކް ރިޔާޟު ޙާޞިލުކޮށްފިއެވެ.
މި މުބާރާތުގެ ވަނަތައް ލިބުނު ފަރާތްތަކަށް އިނާމާއި ހަނދާނީ ލިޔުން ޙަވާލުކޮށްދެއްވީ މިރޭ އިސްލާމީ މަރުކަޒުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
.png&w=750&q=75)
Ad by Hajj Corporation
މި މުބާރާތުގެ ޙާފިޡުންގެ ބައިން 1 ވަނަ މާލޭ، ހމ. ފްލެޓް 02 ޖީ 141 އިސްމާޢީލް އިޒުޢާން އިބްރާހީމް ހޯދިއިރު، 2 ވަނަ ޙާޞިލުކުރީ ގ. ފަރެސް އިޒްކާން ޢަޖީބް ޙުސައިނެވެ. އަދި 3 ވަނަ ލިބުނީ މއ. އަރިވަރު މުޙައްމަދު އަޝްހަމް ޢަލީއަށެވެ. މުޅި މުބާރާތުން ބަލައިގެން ކިޔެވުމުގެ ބައިން 1 ވަނަ ގދ. ގައްދޫ ހަވީރީނާޒް އާޔަން އަޙްމަދު ޢިނާން ހޯދިއިރު، 2 ވަނަ ގދ. ތިނަދޫ ޑައިމަންޑް ޒީކް އިބްރާހީމް ލުޠުފީ އަދި 3 ވަނަ މާލޭ ވ. ފަޒީލާމަންޒިލް ޙުސައިން ޔަމާން ޢަޒީމް ވަނީ ހޯދާފައެވެ. މީގެއިތުރުން މުޅި މުބާރާތުން ނުބަލާ ކިޔެވުމުގެ ބައިން 1 ވަނަ ސ. ފޭދޫ އޯޝަން ޢާއިޝަތު ޒީކް ރިޔާޟް ހޯދިއިރު، 2 ވަނަ ގދ. ރަތަފަންދޫ ވައިލެޓްވިލާ އުވައިސް ބިން ޢިނާޒު އަދި 3 ވަނަ ހއ. ދިއްދޫ ވައިޓް ޕާލް އިޒްޔާން ޢިމާދު އަބްދުﷲ ވަނީ ހާސިލުކޮށްފައެވެ.
މި އަހަރުގެ މުބާރާތުގެ ފަޚުރުވެރި ވަނަތަކަށް ދެވުނު އަގުހުރި އިނާމުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ޝަރަފުގެ ފިލަޔާއި، ރައީސުލްޖުމްހޫރިއްޔާ ދެއްވާ 1 ލައްކަ ރުފިޔާގެ ފައިސާގެ އިނާމާއި ޚާއްޞަ އިނާމުތަކުގެ އިތުރުން، ބޭނުން ރޮނގަކުން ބޭނުން ޤައުމަކުން ޕީއެޗްޑީއަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ހިމެނެއެވެ. އަދި ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒާއި މޯލްޑިވްސް ޒަކާތު ހައުސްއާއި އިސްލާމިކް ޑިވެލޮޕްމަންޓް ފަންޑު ހިމެނޭހެން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުންދޭ 75 ހާސް ރުފިޔާގެ ފައިސާގެ އިނާމާއި ހަނދާނީ ލިޔުމާއި، ޓްރޮފީއާއި މޯލްޑިވިސް ޙައްޖު ކޯޕަރޭޝަންގެ ފަރާތުން ދެވުނު ޢުމްރާ ދަތުރު ވެސް ވަނަތަކަށް ވަނީ ދެއްވާފައެވެ. މި މުބާރާތުގައި އެކި އުމުރުފުރާތަކުން ބަލައިގެންނާއި ނުބަލާ ކިޔެވުމުގެ ގޮފިން ވެސް ދަރިވަރުން ވަނަތައް ހާސިލްކޮށްފައިވެއެވެ.
މިއަހަރުގެ ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތުގެ އޮޑިޝަން ބުރުގައި 3050 ކުދިން ބައިވެރިވި އިރު، އޭގެ ތެރެއިން އޮޑިޝަންގައި ކިޔަވާފައިވަނީ 2742 ކުދިންނެވެ. މި މުބާރާތުގެ ސެމީ ފައިނަލަށް 379 ދަރިވަރުން ދަތުރުކުރިއިރު، ފައިނަލް ބުރަށް 140 ދަރިވަރުން ދަތުރުކުރި ކަމަށް ވިޔަސް ފައިނަލްގައި ވާދަކޮށް ކިޔަވާފައިވަނީ 138 ދަރިވަރުންނެވެ.
ޤުރުއާން ކިޔެވުމުގެ ޤައުމީ މުބާރާތަކީ ސީދާ ދަޢުލަތުގެ ބަޖެޓުން ޚަރަދު ކޮށްގެން ކުރިއަށްގެންދާ މުބާރާތެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހަމަޖައްސަވާފައެވެ. އަދި ޤައުމީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާކޮށް، ގިނަ ބައިވެރިންނަށް ފުރުޞަތު ފަހިކޮށްދިނުމުގެ އިންތިޒާމުތައް ވެސް ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ.


