ގާތްގަނޑަކަށް ފަސްހާސް ދަރިވަރުންނާ އެކު މި އަހަރުގެ އޭލެވެލް އިމްތިހާނުފަށައިފި
27 ސެޕްޓެމްބަރު 2026 - 05:44

މި އަހަރުގެ އޭލެވެލް އިމްތިހާނު 4،973 ދަރިވަރުންނާ އެކު މިއަދު ފަށައިފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އިމްތިހާނު އަންނަ އޮކްޓޫބަރު މަހުގެ 30 ގެ ނިޔަލަށް މުޅި ރާއްޖޭގައި ކުރިއަށްދާނެ ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
މި އިމްތިހާނުގައި މާލޭ ސަރަހައްދުން 3،284 ދަރިވަރުން ބައިވެރިވާއިރު، އަތޮޅުތެރެއިން ބައިވެރިވަނީ 1،689 ދަރިވަރެކެވެ. މުޅި ރާއްޖޭގައި ޖުމުލަ 53 ސެންޓަރެއްގައި އިމްތިހާނު ކުރިއަށްދާއިރު، އޭގެ ތެރޭގައި މާލޭ ސަރަހައްދުގެ 4 ސެންޓަރަކާއި އަތޮޅުތެރޭގެ 49 ސެންޓަރެއް ހިމެނެއެވެ.
ރާއްޖޭގައި އޭލެވެލް ކިޔަވާ ދަރިވަރުންގެ އަދަދު އިތުރު ކުރުމަށް ސަރުކާރުން އަންނަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ވީހާވެސް ގިނަ ކުދިންނަށް އޭލެވެލް ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ގްރޭޑް 11 އަދި 12 އަށް ވައްދާ ކްރައިޓީރިއާ ދަށްކޮށް، އުސޫލުތައް ވަނީ އިސްލާހުކޮށްފައެވެ.
މި ސިޔާސަތުގެ ދަށުން މާލޭގައި ޒަމާންވަންދެން ހިންގި ސީއެޗްއެސްއީގެ އާ އިމާރާތް ހުޅުވައި ކިޔަވައިދޭން ފަށާފައިވާއިރު، ކުރިން ކިޔަވައިދޭ ސްކޫލްތަކުގެ އިތުރުން މިދިޔަ އަހަރު ވަނީ އަލަށް 12 ސްކޫލެއްގައި ވެސް އޭލެވެލް އަށް ކިޔަވައިދޭން ފަށާފައެވެ. މިކަމުގެ ސަބަބުން މަތީ ސާނަވީ ތައުލީމު ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް އިތުރަށް ފަހިވެގެން ގޮސްފައިވެއެވެ.


