ހިލޭ ޑިގްރީ ޕްރޮގްރާމަށް މިދިޔަ ހަ އަހަރުގެ ތެރޭގައި 835 މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ
27 ސެޕްޓެމްބަރު 2026 - 13:00

ސަރުކާރުން ފެށި ހިލޭ ޑިގްރީ ޕްރޮގްރާމަށް މިދިޔަ ހަ އަހަރުގެ ތެރޭގައި 835 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް އޮޑިޓަ ޖެނެރަލްގެ ރިޕޯޓުން ދައްކައިފި އެވެ.
މި މުއްދަތުގައި 19،265 އެޕްލިކޭޝަން ލިބުނުއިރު، އޭގެ ތެރެއިން 16،388 ދަރިވަރަކަށް ކިޔެވުމަށް ފުރުސަތު ދީފައިވެއެވެ. ނަމަވެސް، މިހާ ބޮޑު ހަރަދެއްކޮށްފައިވާއިރު، ޕްރޮގްރާމް ފުރިހަމަކޮށް ފުރަތަމަ ޑިގްރީ ހާސިލްކުރި ދަރިވަރުންގެ ސީދާ އަދަދު ސާފުވާން ނެތްކަން އޮޑިޓް ރިޕޯޓުން ވަނީ ފާހަގަކޮށްފައެވެ. އަދި ދަރިވަރުންގެ މަޢުލޫމާތު ރަނގަޅަށް ބެލެހެއްޓޭނެ ހަރުދަނާ ނިޒާމެއް ޤާއިމްކޮށްފައި ނުވާކަންވެސް އެނގެއެވެ.
.png&w=750&q=75)
Ad by Hajj Corporation
މީގެ އިތުރުން، ޕްރޮގްރާމް ފުރިހަމަ ނުކުރާ 790 ދަރިވަރަކަށް ޚަރަދުވި 19 މިލިޔަން ރުފިޔާ އަނބުރާ ހޯދުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. އަދި ކުރިން ޑިގްރީ ހާސިލްކޮށްފައިވާ 271 މީހަކަށް އެކަން ބެލޭނެ ނިޒާމެއް ނެތުމުގެ ސަބަބުން އަލުން 9.3 މިލިޔަން ރުފިޔާ ހަރަދުވެފައިވެއެވެ.
މި ސްކީމަށް ކުރާ ހަރަދު އަހަރަކަށްވުރެ އަހަރެއް އިތުވެފައިވާއިރު، ކިޔަވަމުންދާ ދަރިވަރުންގެ އަމިއްލަ ޖީބުން ކުރަންޖެހޭ ހަރަދުތައްވެސް ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސްފައެވެ. އެގޮތުން 60،000 ރުފިޔާއަށްވުރެ އިތުރަށް އަމިއްލައަށް ހަރަދުކުރަންޖެހުނު ޕްރޮގްރާމްތަކުގެ ނިސްބަތް ވަނީ އިތުރުވެފައެވެ.
މި މައްސަލަތައް ހައްލުކުރުމަށްޓަކައި، ދަރިވަރުންގެ މަޢުލޫމާތު ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުމަށާއި، ފައިސާ އަނބުރާ ހޯދުމުގެ އިތުރުން ގައުމަށް އެންމެ ބޭނުންތެރި ދާއިރާތަކަށް ސްކީމް މުރާޖާކުރުމަށް އޮޑިޓަރ ޖެނެރަލް ވަނީ ލަފާދީފައެވެ.


