21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުންމަނާކުރަން ރައީސް ނިންމެވީ މުހިންމު ނިންމެވުމެއް: މުބީން
22 އޮކްޓޯބަރު 2024 - 06:03
21 އަހަރުން ދަށުގެ މީހުންނަށް ދުންފަތް ވިއްކުންމަނާކުރަން ރައީސް ނިންމެވީ މުހިންމު ނިންމެވުމެއްކަމަށް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ، ކުރީގެ މަޖިލިސް މެންބަރު އަހުމަދު މުބީން މިއަދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަނގު އުމުރަކީ، 21 އަހަރު ކަމުގައި ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައި އެކަން ވަނީ ރޭ ޢިއުލާން ކުރަށްވާފައެވެ.
މުބީން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސްގެ އެ ނިންމެވުމަށް އޭނާ ތާއީދު ކުރަށްވާކަމަށެވެ. އަދި އެއީ މުހިންމު ނިންމެވުމެއް ކަމަށް ވިދާޅުވިއެވެ.
ޒުވާނުން ދުންފަތުގެ ގޯސް އާދައިން ދުރުކުރުމަށްޓަކައި ދުންފަތާއި ދުންފަތުން އުފައްދާފައިވާ ތަކެތީގެ ވިޔަފާރީގެ މުއާމަލާތްކުރެވޭނެ އެންމެ ހަގު އުމުރަކީ 18 އަހަރުގެ ބަދަލުގައި 21 އަހަރުކަމަށް ކަނޑައެޅުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މިއަދު މަޖިލީހަށް ހުށަހަޅުއްވާނެކަމަށް ރައީސް ރޭ ވަނީ ވިދާޅުވެފައެވެ.
އެ އިސްލާހްތައް ހުށަހެޅި ބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.