ބޯޑަރު ހުރަސްކޮށް އަންނަ ޕްލާސްޓިކްގެ ނުރައްކާ: ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން އަޑުއުފުލައިފި
5 އޮކްޓޯބަރު 2026 - 12:55

ޕްލާސްޓިކް ތަޣައްޔަރުވުމާބެހޭ ބައިނަލްއަޤްވާމީ މަޝްވަރާ ކޮމިޓީ (އިންޓަރގަވަމެންޓަލް ނެގޯޝިއޭޓިންގ ކޮމިޓީ - އައިއެންސީ) ގެ ދެވަނަ އިންފޯމަލް ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވެ، ބޯޑަރު ހުރަސްކޮށް ކުދި ޖަޒީރާ ގައުމުތަކަށް ކުރިމަތިވާ ޕްލާސްޓިކްގެ ނުރައްކާތަކާ ދެކޮޅަށް އަޑުއުފުލައިފިއެވެ. ތައިލެންޑުގެ ބެންކޮކްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރާއްޖެއިން ވަނީ ކުދި ރަށްވެހި ގައުމުތަކުގެ (ސިޑްސް) ޚާއްސަ ހާލަތްތައް ބައިނަލްއަގުވާމީ މުއާހަދާގައި ހިމެނުމަށް ގޮވާލާފައެވެ.
މި ބައްދަލުވުމުގައި ރާއްޖެއިން ވަނީ، ޕްލާސްޓިކް ތަޣައްޔަރުވުމުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް ދިމާވާ ނުއފުރާދީ އަދި ބޯޑަރުތައް ފަހަނައަޅައިދާ އަސަރުތައް ފާހަގަކޮށްފައެވެ. އަދި މިފަދަ ގައުމުތަކުގެ ނިކަމެތިކަމާއި ޚާއްސަ ހާލަތްތަކަށް ރިއާޔަތްކޮށް، އެކުލަވާލެވޭ ބައިނަލްއަގުވާމީ މުއާހަދާގެ ފަހުގެ ލިޔުމުގައި މިކަންކަން ހަރުދަނާކޮށް ހިމަނައި، އަމަލީގޮތުން ތަންފީޒުކުރުމަށް ދިވެހިރާއްޖެއިން ވަނީ ބާރުއަޅާފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ބެންކޮކްގައި ބޭއްވުނު މި ބައްދަލުވުމުގައި ދިވެހިރާއްޖެ ތަމްސީލުކުރެއްވީ ލީގަލް ކައުންސެލް އަލްއުސްތާޛާ ފަޒީލާ އަޙުމަދު ޝަހީމް އަދި އެންވަޔަރަންމަންޓް އެނަލިސްޓް އަލްފާޟިލާ ފާތިމަތު ޝަމްރާއެވެ. މި ބޭފުޅުންގެ ބައިވެރިވުމަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްސަދަކީ ޕްލާސްޓިކް ތަޣައްޔަރުވުމާބެހޭ މުއާހަދާގެ އެކި ދާއިރާތަކާ ގުޅޭގޮތުން ގައުމުތަކުގެ މެދުގައި ޚިޔާލު ބަދަލުކޮށް މަޝްވަރާކުރުމެވެ. މީގެ މައިގަނޑު އަމާޒަކީ 2027 ވަނަ އަހަރުގެ މާޗް މަހު ބޭއްވުމަށް ހަމަޖެހިފައިވާ އައިއެންސީގެ ފަސްވަނަ ބައްދަލުވުމުގެ ހަތަރުވަނަ ބައިގައި މި މުއާހަދާގެ މަސައްކަތް އެއްކޮށް ނިންމުމަށްޓަކައި ގައުމުތަކުގެ މެދުގައި އެއްބަސްވުމެއް ބިނާކުރުމެވެ.
މިފަދަ ބައިނަލްއަޤްވާމީ މަޝްވަރާތަކުގެ ސަބަބުން، ދުނިޔެއަށް ކުރިމަތިވެފައިވާ ޕްލާސްޓިކް ތަޣައްޔަރުވުމުގެ ބޮޑު މައްސަލައަށް ދާއިމީ އަދި ހަރުދަނާ ހައްލެއް ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.

-01.jpg&w=3840&q=75)
