ރަސްމާލޭ މަޝްރޫއުގައި ހުރިހާ މަސައްކަތެއް ހަވާލުކުރާނީ ދިވެހި ކުންފުނިތަކާ: އަލްއައްބާރު
8 އޮކްޓޯބަރު 2026 - 14:03

ރަސްމާލޭގައި ހިންގުމަށް ހަމަޖެހިފައިވާ "މޯލްޑިވްސް ވޯޓާފްރޮންޓް އެންޑް މެރީނާ" މަޝްރޫއުގެ ހުރިހާ މަސައްކަތެއް ހަވާލުކުރާނީ ދިވެހި ކުންފުނިތަކަށް ކަމަށާއި، އެ މަޝްރޫއުގައި ދިވެހި ވިޔަފާރިވެރިންނަށް އިންވެސްޓްކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ޔޫއޭއީގެ އީގަލް ހިލްސްގެ ޗެއާމަން މުހައްމަދު އަލްއައްބާރު ރާއްޖެއަށް ވަޑައިގެން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބިޔަ މި މަޝްރޫއާ ބެހޭގޮތުން ރާއްޖެއަށް ވަޑައިގެން ރާއްޖޭގެ މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ދިވެހި މުޖުތަމައަށް ފައިދާ ނުކުރާނެ އެއްވެސް މަޝްރޫއެއް ހިންގުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށެވެ.
.png&w=750&q=75)
Ad by Hajj Corporation
އީގަލް ހިލްސްއިން އެހެން ގައުމުތަކުގައި ވެސް މަޝްރޫއުތައް ހިންގާފައިވަނީ އެ ގައުމެއްގެ ރައްޔިތުންގެ ބައިވެރިވުން ވީހާވެސް ބޮޑަކަށް ހިމަނައިގެންކަން އަލްއައްބާރު ފާހަގަކުރެއްވިއެވެ. އެގޮތުން އެ ކުންފުނީގެ ހުރިހާ ކޮންޓްރެކްޓަރުންނާއި، ސަޕްލަޔަރުންނާއި، އަދި އާކިޓެކްޓުންނަކީ ވެސް އެ ޤައުމެއްގެ މީހުން ކަމަށްވާއިރު، އެއީ ވެށީގެ މައްސަލަތަކާއި އެހެނިހެން ކަންކަން އެންމެ ރަނގަޅަށް އެނގޭނީ އެ ގައުމެއްގެ ރައްޔިތުންނަށް ކަމަށްވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމާލޭގެ މަޝްރޫއުގައި ދިވެހިންގެ ބައިވެރިވުން ހަމައެކަނި ވަޒީފާއާއި ކޮންޓްރެކްޓްތަކަށް ހަނިވެގެން ނުދާނެ ކަމަށާއި، ދިވެހި ވިޔަފާރިވެރިންނަށް ވެސް މި މަޝްރޫއުގައި ބައިވެރިވެވޭނެ މަގު ފަހިކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިއީ އީގަލް ހިލްސްއަށް ރައުސްމާލު ބޭނުންވެގެން ކުރާކަމެއް ނޫން ކަމަށާއި، ނަމަވެސް މަޝްރޫއު ފެށުމުން ވިޔަފާރިވެރިންނަށް ލިބޭނެ ބޮޑު އާމްދަނީގެ ފައިދާގައި ދިވެހިން ބައިވެރިކުރުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވިއެވެ.
ރަސްމާލޭގައި މެރީނާއެއް ތަރައްގީކޮށް ހިންގުމަށް ދިވެހި ސަރުކާރުން އީގަލް ހިލްސްއާ އެކު 20 ބިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މަހުގެ 21 ވަނަ ދުވަހުއެވެ. ބުރުޖް ޚަލީފާ ފަދަ ބިޔަ މަޝްރޫއުތައް ހިންގާ އިމާރް ކުންފުނި ވެސް ބައިވެރިވާ މި މަޝްރޫއުގެ ދަށުން ބައިނަލްއަގުވާމީ ފެންވަރުގެ ހިދުމަތްތަކާއި، މަތީ ފަންތީގެ ރެސިޑެންސްތަކާއި، މުނިފޫހިފިލުވުމުގެ ވަސީލަތްތައް އެއް ފުރާޅެއްގެ ދަށުން ލިބިގެންދާނެއެވެ.
ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެފައިވާ ގޮތުގައި، މިއީ ދައުލަތުން އެއްވެސް ދަރަންޏެއް ނުނަގައި އަދި ޓެކްސް އިނާޔަތްތަކެއް ނުދީ ރާއްޖެއަށް ވަންނަ އެންމެ ބޮޑު ބޭރުގެ އިންވެސްޓްމަންޓެވެ. މި މަޝްރޫއުގެ ސަބަބުން ދައުލަތަށް 11 ބިލިއަން ޑޮލަރަށްވުރެ ގިނަ އާމްދަނީ ލިބި، 54,000 އަށްވުރެ ގިނަ ވަޒީފާ އުފެދިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

-01.jpg&w=3840&q=75)
