ބީއެމްއެލްގެ ތާރީހުގައި އެންމެ ކާމިޔާބު 9 މަސް: ސާފު ފައިދާ 1.93 ބިލިއަނަށް!
9 އޮކްޓޯބަރު 2026 - 05:38

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން 2026 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ މާލީ ރިޕޯޓް އާންމުކޮށްފިއެވެ.
މި ރިޕޯޓުން ދައްקާގޮތުގައި، މިއަހަރަކީ ބޭންކުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު އަދި އެންމެ ރަނގަޅު މާލީ ނަތީޖާއެއް ހޯދަމުންދާ އަހަރެވެ.
.png&w=750&q=75)
Ad by Hajj Corporation
އެގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު %26 އިތުރު އަދަދެކެވެ. ހަމައެކަނި ތިންވަނަ ކުއާޓަރުގައި (ޖުލައި - ސެޕްޓެމްބަރު) ސާފު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 2025 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރާ އަޅައިބަލާއިރު %36 ގެ ކުރިއެރުމެކެވެ.
ބޭންކުގެ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ 38 އިންސައްތައިގައެވެ. މިއީ ރެގިއުލޭޓަރީ މިންގަނޑުން ލާޒިމުކުރާ %12 އަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ. ކަސްޓަމަރުން ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓް ވަނީ 42.36 ބިލިއަން ރުފިޔާއަށް އަރާފައެވެ. (2025 ވަނަ އަހަރުގެ ނިޔަލަށް ހުރީ 37.19 ބިލިއަން ރުފިޔާގައެވެ.) އަހަރުގެ ފުރަތަމަ 9 މަސްދުވަހު އަލަށް ދޫކުރި ލޯނުތަކުގެ ޖުމްލަ އަދަދު ވަނީ 12.1 ބިލިއަން ރުފިޔާއަށް އަރާފައެވެ.
ދުނިޔޭގެ މާލީ ބާޒާރުގެ ހާލަތާއި ޑޮލަރު ހޯދުމަށް ހުރި ދަތިތަކާ އެކުވެސް، ބޭންކުން ދަނީ ރާއްޖޭގެ ވިޔަފާރިތަކަށާއި އާންމު ރައްޔިތުންނަށް ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. އެގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ 9 މަސްދުވަހުގެ ތެރޭގައި ރެމިޓަންސް އަދި އިމްޕޯޓް ލެޓަރ އޮފް ކްރެޑިޓް ހިމެނޭހެން، ރާއްޖެއިން ބޭރަށް 2.86 ބިލިއަން ޑޮލަރު ވަނީ ފޮނުވާފައެވެ. ޒަރޫރީ ބޭނުންތަކަށް ޑޮލަރު މާރުކޮށްދިނުމުގެ ގޮތުން 2026 ވަނަ އަހަރުގެ ފުރަތަމަ 9 މަސްދުވަހު 722.1 މިލިއަން ޑޮލަރު ކަސްޓަމަރުންނަށް ފޯރުކޮށްދީފައިވެއެވެ. މިއީ މަހެއްގެ މައްޗަށް އެވްރެޖްކޮށް 80.2 މިލިއަން ޑޮލަރެވެ.
ރާއްޖެއިން ބޭރުގައި ކިޔަވާ ދަރިވަރުންނަށް 40 މިލިއަން ޑޮލަރު އަދި ސިއްހީ ބޭނުންތަކަށް 33 މިލިއަން ޑޮލަރު މި މުއްދަތުގެ ތެރޭގައި ދޫކޮށްފައިވެއެވެ.
މި މާލީ ނަތީޖާއާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، 2026 ވަނަ އަހަރަކީ ބޭންކުގެ ތާރީހުގައި އެންމެ ކާމިޔާބު އަހަރަށް ވެގެންދާނެ ކަމަށެވެ. އަދި ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީގެ ތަނަވަސްކަން ވަރުގަދަކޮށް ހުރިއިރު، ކަސްޓަމަރުން ބޭންކަށް ކުރާ އިތުބާރުގެ ސަބަބުން ބޭންކުގެ ބެލެންސް ޝީޓް ދަނީ ކުރިއަރަމުން ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކުރިއަށް އޮތް ފަތުރުވެރިކަމުގެ ސީޒަނާއެކު ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވެ، މުޅި އަހަރުގެ ނަތީޖާ އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބޭންކުން އުންމީދު ކުރެއެވެ.

-01.jpg&w=3840&q=75)
