ޗެލްސީއާއި އާސެނަލަށް މޮޅެއް، ޕޮއިންޓަކާއެކު ޔުނައިޓެޑް ދިޔައީ އަނެއްކާވެސް ޗޮކުން
10 އޮކްޓޯބަރު 2026 - 21:38

ންޓަނޭޝަނަލް ބްރޭކަށްފަހު އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކުޅުނު މެޗުތަކުން ޗެލްސީއާއި އާސެނަލް މޮޅުވި އިރު، އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ހޮޓްސްޕާސް ވާދަކުރި މެޗު 1-1 އިން އެއްވަރުވެއްޖެއެވެ.
އަމިއްލަ ދަނޑުގައި އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ އަމިއްލަ ދަނޑުގައި 5-1 ގެ ބޮޑު ނަތީޖާއަކުން ބޯންމައުތު ބަލިކޮށްފައެވެ. އަނެއްކޮޅުން ޔުނައިޓެޑަށް ލިބުނު އެއްވަރުވުމާއެކު، މިއީ 1986-87 ވަނަ އަހަރުގެ ސީޒަނަށްފަހު ފާއިތުވި 40 އަހަރު ތެރޭގައި އެ ޓީމުން ލީގު ފެށި އެންމެ ދަށް ފެށުމެވެ. މިހާތަނަށް ކުޅުނު ހަ މެޗުން އެ ޓީމަށް ލިބިފައިވަނީ އެންމެ މޮޅަކާއެކު ހަ ޕޮއިންޓެވެ. ޓޮޓެންހަމްއަށްވެސް މި ސީޒަނުގެ ލީގުގައި އަދި މޮޅެއް ނުލިބޭއިރު، އެ ޓީމަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ.
.png&w=750&q=75)
Ad by Hajj Corporation
އާސެނަލް ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި އެ ޓީމުން ޕްރެޝަރު ކުރި ނަމަވެސް، މެޗުގެ 55 ވަނަ މިނެޓުގައި ޖޭމްސް ޖަސްޓިން ވަނީ ގޯލު ޖަހައި ލީޑްސްއަށް ލީޑު ނަގައިދީފައެވެ. ނަމަވެސް އޭގެ ކުޑައިރުކޮޅެއް ފަހުން ރިކާޑޯ ކަލަފިއޯރީ ވަނީ އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. އާސެނަލް މޮޅުވި ލަނޑު މެޗުގެ 70 ވަނަ މިނެޓުގައި ޑެކްލަން ރައިސް ތަނަވަސްކުރި ފުރުސަތަކުން ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ބްރޫނޯ ގިމަރޭޝްއެވެ.
ސްޓެމްފޯޑް ބްރިޖުގައި ޗެލްސީން ތަފާތު މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ތިން މިނެޓު ތެރޭގައި އެ ޓީމުން ވަނީ ދެ ގޯލު ޖަހައިފައެވެ. ދެވަނަ މިނެޓުގައި ކޯލް ޕާމާ ތަނަވަސްކުރި ފުރުސަތެއްގައި އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން ޗެލްސީއަށް ލީޑު ނަގައިދިނީ ޖޯޑަން ހެންޑަސަންއެވެ. އޭގެ މިނެޓެއް ފަހުން މޯގަން ރޮޖާސް ދެވަނަ ލަނޑު ޖެހިއެވެ. ދެވަނަ ހާފުގެ ފުރަތަމަ މިނެޓުގައި ޖޮއާއޯ ޕެޑްރޯ ޗެލްސީގެ ތިންވަނަ ލަނޑު ޖަހައިދިން އިރު، 51 ވަނަ މިނެޓުގައި ބޯންމައުތުގެ އެވަނިލްސަން ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ. ނަމަވެސް ޕެޑްރޯގެ އިތުރު ގޯލަކާއި 70 ވަނަ މިނެޓުގައި ހެންޑަސަން ކާމިޔާބުކުރި ހިލޭ ޖެހުމާއެކު ޗެލްސީން ވަނީ ފަސޭހަކަމާއެކު މެޗު ކާމިޔާބުކޮށްފައެވެ.
އޯލްޑް ޓްރެފޯޑުގައި ޔުނައިޓެޑާއި ޓޮޓެންހަމް ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި، ސަޕޯޓަރުންގެ ނުރުހުމާއެކުގައެވެ. ދެވަނަ ހާފުގައި ޔުނައިޓެޑަށް ލީޑު ނަގައިދިނީ 73 ވަނަ މިނެޓުގައި ބްރަޔަން އެމްބުއޭމޯއެވެ. އޭގެ އިރުކޮޅެއް ފަހުން ލޫކް ޝޯއަށް ބޯޅަ ނެތި ހަމަލާ ދިނުމުން ޓޮޓެންހަމްގެ ރޮޑްރިގޯ ބެންޓަންކޫރަށް ވަނީ ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފައެވެ. ނަމަވެސް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔަ ޓޮޓެންހަމްއިން ވަނީ އިތުރު ވަގުތުގެ ތެރޭގައި މެޗު އެއްވަރުކޮށްފައެވެ. އެ ގޯލަކީ ސާންޑްރޯ ޓޮނާލީ ނަގައިދިން ބޯޅައަކުން ޑޮމިނިކް ސޮލާންކޭ ކާމިޔާބުކުރި ގޯލެކެވެ.
މި ނަތީޖާތަކާއެކު އާސެނަލް އޮތީ ހަ މެޗުން 15 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް މެންޗެސްޓާ ސިޓީއަށްވެސް ފަސް މެޗުން 15 ޕޮއިންޓް ލިބިފައިވާއިރު، އެ ޓީމު ކުރީގައި އޮތީ ގޯލުގެ ފައިދާއިންނެވެ. ޗެލްސީ 10 ޕޮއިންޓާއެކު ފަސްވަނައަށް ޖެހިލިއިރު، ލީޑްސް އޮތީ ހަވަނައިގައެވެ. ޔުނައިޓެޑް ހަ ޕޮއިންޓާއެކު 12 ވަނައިގައި އޮތްއިރު، ބޯންމައުތު އޮތީ 17 ވަނައިގައެވެ. އަދި ޓޮޓެންހަމް އޮތީ ތާވަލުގެ 18 ވަނައިގައެވެ.

-01.jpg&w=3840&q=75)
