logo
MPL

MPL

ކުޅިވަރު

ގެޓަފޭ ވެސް ބަލިކޮށް ބާސާއިން ރެކޯޑް ހަދައި ފަތުއަޑުޖަހާފައި ކުރިޔަށް

އަބްދުﷲ ޣާނިމް
10 އޮކްޓޯބަރު 2026 - 21:42
ގެޓަފޭ ވެސް ބަލިކޮށް ބާސާއިން ރެކޯޑް ހަދައި ފަތުއަޑުޖަހާފައި ކުރިޔަށް

އެންތަނީ ގޯޑަން ބާސެލޯނާއަށް ޖަހައިދިން ފުރަތަމަ ލަނޑާއެކު، ލަލީގާގައި 3-0 އިން ގެޓަފޭ ބަލިކޮށް ހަންސީ ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ބާސެލޯނާއިން ސައްތައިން ސައްތަ މޮޅުވުމުގެ ރެކޯޑު ދަމަހައްޓައިފިއެވެ. މެޗުގެ ދެވަނަ މިނެޓުގައި ގޯޑަން ކާމިޔާބުކުރި ލަނޑުގެ އިތުރުން ދެން އެ ޓީމަށް ލަނޑުތައް ޖަހައިދިނީ ގެބްރިއަލް ޖީސޫސް އަދި ޔޫލްސް ކޫންޑޭއެވެ.

ބައިނަލްއަޤްވާމީ ބްރޭކުގައި އިންގްލެންޑް ޤައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ގޯޑަން، މެޗު ފެށިގެން އެންމެ 78 ސިކުންތުގެ ތެރޭގައި ވަނީ ގެޓަފޭގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ގޯލްކީޕަރު ޑޭވިޑް ސޯރިއާގެ ފައިދަށުން ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފައެވެ. މިއީ 21 ވަނަ ޤަރުނުގައި ލަލީގާގައި ލަނޑު ޖެހި 10 ވަނަ އިނގިރޭސި ކުޅުންތެރިޔާއަށް ގޯޑަން ވެގެންދިޔަ ލަނޑެވެ. އަދި މިއީ މި ޤަރުނުގައި މި މުބާރާތުގައި އިނގިރޭސި ކުޅުންތެރިއަކު އެންމެ އަވަހަށް ޖެހި ލަނޑުގެ އިތުރުން، މި ސީޒަނުގެ ލަލީގާގައި މިހާތަނަށް ފެނުނު އެންމެ އަވަސް ލަނޑެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 30 ވަނަ މިނެޓުގައި ބާސެލޯނާގެ ލީޑު ފުޅާކޮށްދިނީ ޖީސޫސްއެވެ. ގެޓަފޭގެ ޒައިދު ރޮމޭރޯގެ އަތުން އޭރިއާ ތެރެއިން ގެއްލުނު ބޯޅައެއް ހޯދައި، ޖީސޫސް ވަނީ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިފައެވެ. ރަފީނިއާގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ކުޅެމުން އަންނަ ޖީސޫސް ވަނީ ބާސެލޯނާއަށް ކުޅުނު ފަސް މެޗުން ތިން ލަނޑު ކާމިޔާބުކޮށްފައެވެ. ފުރަތަމަ ހާފު ނިމެން ދަނިކޮށް ރޮޑްރީ ހުރަސްކޮށްދިން ބޯޅައަކުން ކޫންޑޭއަށް ރަނގަޅު ފުރުޞަތެއް ލިބުނު ނަމަވެސް، އޭނާއަށް އެ ބޯޅަ ގޯލަށް ފޮނުވައެއް ނުލެވުނެވެ.

ދެވަނަ ހާފުގައި ލަމީން ޔަމާލް ދިން ތުރޫ ޕާހަކުން ދެވަނަ ލަނޑެއް ޖަހަން ގޯޑަންއަށް ފުރުޞަތު ލިބި ބޭކާރުވިއެވެ. ނަމަވެސް މެޗުގެ 73 ވަނަ މިނެޓުގައި ބާސެލޯނާއިން ކުޅުނު ކުރު ކޯނަރެއްގައި ޔަމާލް ނަގައިދިން ހުރަހަކުން ކޫންޑޭ ވަނީ އެ ޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

މި މޮޅާއެކު ބާސެލޯނާއިން ވަނީ ލަލީގާ ސީޒަނެއްގެ ފުރަތަމަ އަށް މެޗުން މޮޅުވެ، 2013-14 ވަނަ އަހަރު ގެރާޑޯ މާޓީނޯގެ އިރުޝާދުގެ ދަށުން ހެދި އެ ކްލަބުގެ އެންމެ ރަނގަޅު ފެށުމުގެ ރެކޯޑާ ހަމަހަމަކޮށްފައެވެ. ކުޅުނު އަށް މެޗުން 34 ލަނޑު ޖަހާފައިވާ ބާސެލޯނާއިން ވަނީ އެއް މެޗު ފިޔަވައި ކޮންމެ މެޗެއްގައި މަދުވެގެން ތިން ލަނޑު ކާމިޔާބުކޮށް ވަރުގަދަ ފޯމެއް ދައްކައިފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގެޓަފޭ ވެސް ބަލިކޮށް ބާސާއިން ރެކޯޑް ހަދައި ފަތުއަޑުޖަހާފައި ކުރިޔަށްކުޅިވަރު | ގަޑިއިރެއް ކުރިންބާސެލޯނާއިން ރެފްރީންނަށް ރިޝްވަތުދިން މައްސަލައާއި ގުޅޭ 500އަށްވުރެ ގިނަ ޞަފްޙާގެހެކި ރެއާލް މެޑްރިޑުން ޔުއޭފާއަށް ހުށަހަޅައިފިކުޅިވަރު | 9 ދުވަސް ކުރިންބާސެލޯނާއިން އަބުރުގެ ދަޢުވާކުރުމަށް ރެއާލް މެޑްރިޑް ގޮވައިގެން ކޯޓަށްކުޅިވަރު | 11 ދުވަސް ކުރިންފަލަސްޠީނުގެ ފޭރިގަނެފައިވާ ބިންތަކުގައި ޤާއިމުކޮށްފައިވާ އިސްރާޢީލުގެ ކުންފުންޏަކާއި ބާސެލޯނާއާއި ދެމެދު ވެވުނު އެއްބަސްވުމާގުޅިގެން ކުލަބު ހޫނުފެނަށްކުޅިވަރު | 20 ދުވަސް ކުރިން