ފަލަސްޠީނުގެ ފޭރިގަނެފައިވާ ބިންތަކުގައި ޤާއިމުކޮށްފައިވާ އިސްރާޢީލުގެ ކުންފުންޏަކާއި ބާސެލޯނާއާއި ދެމެދު ވެވުނު އެއްބަސްވުމާގުޅިގެން ކުލަބު ހޫނުފެނަށް
21 ސެޕްޓެމްބަރު 2026 - 03:21

އިސްރާއީލުގެ މުނިފޫހިފިލުވުމުގެ ޚިދުމަތްދޭ ކުންފުންޏެއް ކަމަށްވާ ބެބިލޯން ޕާކާއެކު، 25 އަހަރު ދުވަހުގެ ވިޔަފާރި އެއްބަސްވުމެއް އެފްސީ ބާސެލޯނާއިން ފާސްކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން ސްޕޮޓިފައި ކޭމްޕް ނޯ ކޮމްޕްލެކްސްގައި ބާސާ ތީމްގެ އާއިލީ މުނިފޫހިފިލުވުމުގެ މަރުކަޒެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިއާއެކު ގިނަބަޔަކު ދަނީ މިކަމާއި ދެކޮޅަށް ފާޑުކިޔަމުންނެވެ.
މި އެއްބަސްވުން ފާސްކޮށްފައިވަނީ ސެޕްޓެމްބަރު 19 ގައި ބޭއްވުނު ބާސެލޯނާގެ އެސެމްބްލީ އޮފް ޑެލިގޭޓްސްގައެވެ. މި ނިންމުމަށް އެއްބަސްވުމަށް 252 ވޯޓު ލިބުނުއިރު، ދެކޮޅަށް 158 ވޯޓު އަދި ވަކިކޮޅަކަށް ނުޖެހޭ 31 ވޯޓު ވަނީ ލިބިފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ބާސާ ކެފޭ ކައިރީގައި ގާތްގަނޑަކަށް 900 އަކަމީޓަރުގެ ސަރަޙައްދެއްގައި ޤާއިމުކުރެވޭ މި މަރުކަޒުގައި ފުޓުބޯޅަ ތީމްގެ އެކި ކުޅިވަރުތަކާއި އާއިލީ މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހުންނާނެއެވެ. ބާސެލޯނާއިން އަންދާޒާކުރާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން ކުރިއަށް އޮތް 25 އަހަރު ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 100 މިލިއަން ޔޫރޯ ލިބޭނެއެވެ. މިއީ މުޅި އަހަރު ދުވަހު ވިޔަފާރި ހިނގާ މަންޒިލަކަށް ކޭމްޕް ނޯ ބަދަލުކުރުމަށް ކްލަބުން ގެންގުޅޭ ފުޅާ ސްޓްރެޓެޖީގެ ބައެކެވެ.
ބެބިލޯން ޕާކަކީ އިސްރާއީލުގެ އަސްލެއް އޮންނަ އަދި އެ ޤައުމުގައި ވިޔަފާރި ހިންގާ ކުންފުންޏަކަށް ވާތީ މި އެއްބަސްވުމަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. އެގޮތުން މި ޕާކުގެ މައި އޮޕަޜޭޝަންތައް މިވަގުތުވެސް ހިނގަމުންގެންދަނީ އިސްރާއީލުން ފަލަޞްތީނުގައި ގަދަކަމުން ވެރިވެގަނެފައިވާ ބިންތަކުގައެވެ.
ފަލަސްޠީނުގެ ޙައްޤުގައި މަސައްކަތްކުރާ ފަރާތްތަކާއި ބޮއިކޮޓް، ޑައިވެސްޓްމަންޓް އެންޑް ސެންކްޝަންސް (ބީޑީއެސް) މޫވްމަންޓްގެ ސަޕޯޓަރުން ވަނީ އިސްރާއީލާއި ފަލަސްޠީނުގައި މެދުކެނޑުމެއްނެތި ޤަތުލުއާންމު ހިނގަމުންދާ މި ދަނޑިވަޅުގައި، އިސްރާއީލާ ގުޅުންހުރި ކުންފުންޏަކާއެކު ދިގު މުއްދަތުގެ ވިޔަފާރި ގުޅުމެއް ނުބޭއްވުމަށް ގޮވާލައި އެއްބަސްވުން އަލުން މުރާޖަޢާ ކުރުމަށް އެދިފައެވެ. ސްޕެއިނުގެ މައި ސަރުކާރަކީވެސް ޕަލަޞްޠީނުގެ ދިފާޢުގައި މަސައްކަތް ކުރަމުންގެންދާ ސަރުކާރަކަށްވެފައި، ކުލަބުގެ ގިނަ ސަޕޯޓަރުންނެއްވެސް ވަނީ މިކަމާދެކޮޅަށް އަޑުއުފުލާފައެވެ. މިއެއްބަސްވުމާއެކު ކުލަބުވަނީ މިހާރު ހޫނުފެނަށްވެއްޓިފައެވެ.
މި މައްސަލަ ބާސާގެ އެސެމްބްލީގެ ބަހުސްގައިވެސް ފާހަގަކުރެވުނެވެ. ނަމަވެސް ބާސެލޯނާގެ އޮފިޝަލުން ވަނީ އެއްބަސްވުން ދިފާޢުކޮށް، ކްލަބުން އަޅަންޖެހޭ ޤާނޫނީ އަދި އިޖުރާއީ ބެލުންތައް ބަލާފައިވާ ކަމަށާއި މި ޕާޓްނާޝިޕް ހުއްޓުވާނެ ޤާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ބުނެފައެވެ. މި ނިންމުމާއެކު، ބާސެލޯނާ މިހާރު ވަނީ ވިޔަފާރީގެ މަޞްލަޙަތާއި، ކްލަބުގެ އިޖުތިމާޢީ އަގުތަކާއި އަދި ސިޔާސީ ބަހުސްތަކުގެ މެދުގައި ބޮޑު ސަމާލުކަމެއް ލިބިފައެވެ.


