ފަޓާސްބަރިއެއްހެން ކާޑު ފެނުނު މެޗުގައި އެއްކުޅުންތެރިޔަކު މަދުކޮށް ކުޅުނު ރެއާލްއަށް އުނދަގޫ މޮޅެއް
10 އޮކްޓޯބަރު 2026 - 21:45

ސްޕެނިޝް ލަލީގާގައިގިނަ ރީނދޫކާޑުތަކެއް ފެނުނު މެޗުގައި، 10 ކުޅުންތެރިންނާއެކު މެޗު ނިންމާލަން ޖެހުނު ރެއާލް މެޑްރިޑުން އުނދަގޫ މޮޅެއް ހޯދައިފިއެވެ. އަމިއްލަ ދަނޑުގައި ވިލަރެއާލް އާއި ދެކޮޅަށް ކުޅުނު މިމެޗު ރެއާލް މެޑްރިޑުން ކާމިޔާބުކުރީ 1-0 އިންނެވެ. މި މެޗުގައި ރެއާލް މެޑްރިޑްގެ ހަމައެކަނި ލަނޑު ޖަހައިދިނީ އެ ޓީމާ މިސީޒަނުގައި އަލަށް ގުޅުނު ޒުވާންތަރި ޔާން ޑިއޮމަންޑޭއެވެ. މިއީ ރެއާލްގެ ޖާޒީގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑުން ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން މެޗުގެ ހަތްވަނަ މިނެޓުގައި އަލްވާރޯ ކަރޭރަސް ނަގައިދިން ހުރަހަކުން ކިލިއަން އެމްބާޕޭ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ޓްރެންޓް އެލެކްޒެންޑާ-އާނޯލްޑް ތަނަވަސްކޮށްދިން ފުރުސަތަކުން އެމްބާޕޭ ފޮނުވާލި ބޯޅަ، ވިލަރެއާލްގެ ކީޕަރު ޕީޓަ ގުލާޗީ ވަނީ ދިފާއުކޮށްފައެވެ. އޭގެ އިތުރުން އަރްދާ ގުލާ އަށް ވެސް ވަނީ ހަނި އޭންގަލަކުން ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ރެއާލް މެޑްރިޑުން މެޗުގެ ލީޑު ނެގީ 62 ވަނަ މިނެޓުގައެވެ. ފެޑެރީކޯ ވަލްވާޑޭ ދިން ޕާހަކުން މި ލަނޑު ކާމިޔާބުކުރީ ކޯޗު ހޯސޭ މޮރީނިއޯގެ އިތުބާރާއެކު ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ނުކުތް ޑިއޮމަންޑޭއެވެ.
މެޗުގެ ފޯރި ގަދަވެގެން ދިޔައީ 72 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ވިނީޝިއުސް ޖޫނިއާ ދެއްކި އަމަލަކާ ގުޅިގެންނެވެ. ޖޫޑް ބެލިންހަމް ދިން ބޯޅައަކުން ވިނީޝިއުސް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލި ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު އެ ލަނޑު ބަލައިނުގަތުމަށް ރެފްރީ ނިންމިއެވެ. ސަބަބަކީ އެ ބޯޅަ ހޯދުމުގެ ތެރޭގައި ވިލަރެއާލްގެ ނޭތަން ސަލީބާގެ އިސްތަށިގަނޑަށް ވިނީޝިއުސް ދަމައިގަތުމުންނެވެ. މި ހާދިސާއާ ގުޅިގެން ރެފްރީ ވަނީ ވިނީޝިއުސް އަށް ސީދާ ރަތް ކާޑެއް ދައްކައި ދަނޑުން ފޮނުވާލާފައެވެ. މި ރަތްކާޑުގެ އިތުރުންވެސް ރެއާލްގެ ގެ 6 ކުޅުންތެރިޔަކަށް ވަނީ ރީނދޫކާޑު ދައްކާފައެވެ.
އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުމުން މެޗުގެ ފަހު ވަގުތުކޮޅުގައި ވިލަރެއާލުން ވަނީ ނަތީޖާ ހަމަހަމަކުރުމަށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ނަމަވެސް ކާލޮސް ރޮމޭރޯ އަދި ޖޯޖެސް މިކައުޓަޑްޒޭ ފޮނުވާލި ނުރައްކާތެރި ހަމަލާތައް ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މި މޮޅާއެކު ރެއާލް މިވަގުތުގައި އޮތީ 18 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ. ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެއްވަނައިގައި ބާސާއޮތްއިރު، ދެވަނައިގައި އޮތީ އެތްލެޓިކޯއެވެ.

-01.jpg&w=3840&q=75)
