ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ނޮމިނޭޓްވެއްޖެ
12 އޮކްޓޯބަރު 2026 - 04:59
.jpeg&w=3840&q=75)
މިއަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ބަޔަކުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީ.އައި.އޭ) ނޮމިނޭޓްވެއްޖެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ވީ.އައި.އޭ ނޮމިނޭޓްވެފައިވަނީ "ވޯލްޑްސް ލީޑިން އެއާޕޯޓް 2026" އަދި "ވޯލްޑްސް ލީޑިން އެއާޕޯޓް - ކަސްޓަމާ އެކްސްޕީރިއަންސް 2026" މި ދެ ކެޓަގަރީންނެވެ. މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ބުނީ މި އެވޯޑަށް ވޯޓުލުމުގެ ފުރުސަތު އަންނަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްގެ ރަސްމީ ވެބްސައިޓް މެދުވެރިކޮށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވޯޓު ދިނުމަށް ދިވެހި ރައްޔިތުންނަށާއި، ދަތުރުވެރިންނަށް އަދި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެމް.އޭ.ސީ.އެލް އިން ވަނީ ދައުވަތު އަރުވާފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގައި "އިންޑިއަން އޯޝަންސް ލީޑިން އެއާޕޯޓް 2026" ގެ ޝަރަފު ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ވަނީ ލިބިފަ އެވެ.
ދުނިޔޭގެ އެންމެ ފާހަގަކޮށްލެވޭ އެއާޕޯޓްތަކުގެ ކެޓަގަރީގައި ޖުމްލަ 21 އެއާޕޯޓެއް ނޮމިނޭޓްވެފައިވާއިރު، ކަސްޓަމާ އެކްސްޕީރިއަންސް ކެޓަގަރީގައި 12 އެއާޕޯޓެއް ހިމެނެއެވެ. މީގެ ތެރޭގައި ސިންގަޕޫރުގެ ޗާންގީ އެއާޕޯޓާއި، ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓާއި، ހޮންކޮންގް އިންޓަނޭޝަނަލް އެއާޕޯޓުގެ އިތުރުން ސިޑްނީ އަދި އޯކްލޭންޑް އެއާޕޯޓް ހިމެނެއެވެ.
އެމް.އޭ.ސީ.އެލް އިން ބުނީ ކަސްޓަމާ އެކްސްޕީރިއަންސް ކެޓަގަރީން ނޮމިނޭޓްވުމަކީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދާ ދަނޑިވަޅެއްގައި މުހިއްމު ކަމެއް ކަމަށެވެ. އެމްއޭސީއެލްއިން ބުނީ މި ބަޔަށް ނޮމިނޭޓްވުމަކީ އެއާޕޯޓް ތަރައްގީކޮށް ޒަމާނީ ފެންވަރަށް ބަދަލުކުރުމާއެކު ދަތުރުވެރިންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެއް ކަމަށެވެ.
މި އެވޯޑުތަކުގެ ނަތީޖާ ކަނޑައަޅަނީ ފަތުރުވެރިކަމުގެ ދާއިރާގެ މާހިރުންނާއި އާންމުންގެ ވޯޓުންނެވެ. އަދި އެވޯޑް ލިބޭ ފަރާތްތައް އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑް ފައިނަލްގައެވެ.

-01.jpg&w=3840&q=75)
