މަގުމަތީގެ ބިރުވެރިކަން ނައްތާލަން ފުލުހުން ފެށި މަސައްކަތް: ނުރައްކާތެރިކޮށް ދުއްވި އިތުރު 4 މީހަކު ހާޒިރުކޮށްފި
13 އޮކްޓޯބަރު 2026 - 12:49

މަގުމަތީގެ އަމާންކަން ގެއްލޭގޮތަށާއި އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް އުޅަނދު ދުއްވުމުގެ ރެކޯޑް އޮންނަ މީހުން ޕްރޮފައިލްކޮށް، ފުލުހަށް ހާޒިރުކޮށް ނަސޭހަތްތެރިވެ އިންޒާރު ދިނުމުގެ މަސައްކަތުގެ ތެރެއިން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އިތުރު 4 މީހަކު ފުލުހަށް ހާޒިރުކޮށްފިއެވެ.
މިއީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، ނުރައްކާތެރިކޮށް އުޅަނދު ދުއްވުން ތަކުރާރުކުރާ ފަރާތްތައް ހުއްޓުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށާފައިވާ ޚާއްސަ މަސައްކަތެކެވެ. މި މަސައްކަތުގެ ދަށުން، ކުށުގެ ރެކޯޑް އޮންނަ ފަރާތްތައް ފުލުހަށް ހާޒިރުކޮށް އެފަދަ އަމަލުތައް ނުކުރުމަށް ނަސޭހަތްތެރިވުމުގެ އިތުރުން، އެ އަމަލުތައް ތަކުރާރުވެއްޖެނަމަ ގާނޫނީ ހަރުކަށި ފިޔަވަޅު އަޅާނެކަމުގެ އިންޒާރު ގެންދަނީ ދެމުންނެވެ. މި މަސައްކަތުގެ ތެރެއިން އެންމެ ފުރަތަމަ މީހަކު ހާޒިރުކޮށް ނަސޭހަތްދީފައިވަނީ އިއްޔެއެވެ.
.png&w=750&q=75)
Ad by Hajj Corporation
ފާއިތުވި 24 ގަޑިއިރު ތެރޭގައި ފުލުހަށް ހާޒިރުކޮށް ނަސޭހަތާއި އިންޒާރު ދީފައިވަނީ ދިވެހި ހަތަރު ފިރިހެނުންނަށެވެ. އެއީ 18 އަހަރުގެ މީހަކާއި، 20 އަހަރުގެ ދެ މީހުން އަދި 22 އަހަރުގެ މީހެކެވެ.
ފުލުހުން ހާމަކުރި ގޮތުގައި މީގެ ތެރެއިން 18 އަހަރުގެ މީހާއަކީ ލައިސަންސް ހިފަހައްޓާފައި ވަނިކޮށް އުޅަނދު ދުއްވުމާއި، މަގުތަކުގައި ޒިގްޒެގްކޮށް މަގު ހުރަސްވާގޮތަށް ބާރު ސްޕީޑުގައި ދުއްވުމާއި، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް އަދި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމުގެ ރެކޯޑް އޮންނަ މީހެކެވެ. މީގެ އިތުރުން އެ ގިންތިއެއްގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި ދުއްވުމާއި، އުޅަނދަށް ދޫކޮށްފައިވާ ނަންބަރު ނޫން އެހެން ނަންބަރެއް ހަރުކޮށްގެން ދުއްވުމުގެ ރެކޯޑްވެސް އޭނާގެ އޮވެއެވެ.
ހާޒިރުކުރި 20 އަހަރުގެ އެކަކީ ވަންވޭއާ ޚިލާފަށް ދުއްވުމާއި، މަގުމަތީގެ އަމާންކަން ގެއްލި ބިރުވެރިކަން އުފެދޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި، ރަޖިސްޓްރީ ނުކޮށް އުޅަނދު ދުއްވުމުގެ އިތުރުން ޓްރެފިކް ލައިޓް ރަތްވެފައި ވަނިކޮށް ގަވާއިދާ ޚިލާފަށް ދުއްވައި، ސްޓިކާގެ އަދަދު ހަމަވެފައިވަނިކޮށް ދުއްވުމުގެ ރެކޯޑް އޮތް މީހެކެވެ. ދެން ހިމެނޭ 20 އަހަރުގެ ޒުވާނާއަކީ ގަޑިއަކު 106 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުމާއި، އަހަރީ ފީ ހަމަވެފައިވަނިކޮށް ދުއްވުމާއި، އެ ގިންތީގެ އުޅަނދު ދުއްވުމުގެ ލައިސަންސް ނެތި އިންޖީނުލީ އުޅަނދު ދުއްވުމުގެ ހަތަރު މައްސަލައެއްގެ އިތުރުން އެއްގޮތަކަށްވެސް ލައިސަންސް ނެތި ދުއްވުމުގެ ރެކޯޑް އޮންނަ ފަރާތެކެވެ.
މީގެ އިތުރުން 22 އަހަރުގެ މީހާއަކީ އެ ގިންތީގެ ލައިސަންސް ނެތި ދުއްވުމާއި، ވަންވޭއާ ޚިލާފަށް ދުއްވުމާއި، އިންޝުއަރެންސް، ރޯޑްވާދިނަސް އަދި އަހަރީ ފީ މުއްދަތު ހަމަވެފައި ވަނިކޮށް ދުއްވުމުގެ އިތުރުން ސައިކަލު ދުއްވަމުން މުވާސަލާތީ ވަސީލަތް ބޭނުންކުރުމުގެ ރެކޯޑް އޮންނަ މީހެކެވެ. އޭނާއަކީ ގަޑިއަކު 83 ކިލޯމީޓަރުގެ ބާރުމިނުގައި ދުއްވުމާއި، މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި، ސައިލެންސަރު އަޅުވައިގެން ދުއްވުމާއި، މަނާ ތަންތަނުން ޔޫޓާން ނެގުމާއި، ހުއްދަނެތި އެހެން ޒޯނެއްގައި ދުއްވުމުގެ އިތުރުން ސައިލެންސަރު ބަދަލުކޮށް އަޑުގަދަކޮށްގެން ދުއްވުމުގެ ރެކޯޑް އޮންނަ މީހެއްކަމަށް ފުލުހުން ބުނެއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި، ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތައް ދެނެގަނެ ފުލުހަށް ހާޒިރުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތަނުގައިވެސް ކުރިއަށްގެންދާނެ ކަމަށާއި، މިފަދަ އަމަލުތައް ތަކުރާރުކުރާ ފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

-01.jpg&w=3840&q=75)
