ފޮށި އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ސައިކަލު ކޮންޓްރޯލުން ނެއްޓި މޫދަށް ވެއްޓިއްޖެ
14 އޮކްޓޯބަރު 2026 - 07:53

ގދ. ތިނަދޫގައި ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލި، ދެ މީހުންނާއެކު ސައިކަލެއް މޫދަށް ވެއްޓޭ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ، ތިނަދޫ ޑީއެމްއެން ކެފޭ ކުރިމަތިން ބަނދަރާ ދިމާލަށް ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް މޫދަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބުނީ އިއްޔެ ހަވީރު 17:28 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ސައިކަލަށް ފޮއްޓެއް އަރުވައިގެން ނައްޓާލަން އުޅުމުގެ ތެރޭގައި ކޮންޓްރޯލް ގެއްލިގެން ކަމަށާއި، ސައިކަލު މޫދަށް ވެއްޓުނު ވަގުތު އޭގައި ދުއްވަން އިން މީހާގެ އިތުރުން ފަހަތުގައި އިން މީހާ ވެސް އިނެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ހާދިސާގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އަދި ސައިކަލު ދުއްވަން އިނީ އެ ކެޓަގަރީގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮންނަ މީހެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހާދިސާ ހިނގިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި، ފުލުހުންނާއި އާންމުން ގުޅިގެން ކުރި މަސައްކަތުން އިއްޔެ ހަވީރު 17:47 އެހައިކަންހާއިރު ވަނީ ސައިކަލު މޫދުން ނަގައި ވެރިފަރާތާ ހަވާލުކޮށްފައެވެ.
މިފަދަ ހާދިސާތަކުން ރައްކާތެރިވުމަށްޓަކައި، އެއްގަމު އުޅަނދު ދުއްވާއިރު ދުއްވާ ފަރާތާއި މަގު ބޭނުންކުރާ އެހެން ފަރާތްތަކުގެ ރައްކާތެރިކަމަށް އިސްކަންދިނުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް، އުޅަނދުގެ ބެލެންސް ނުގެއްލޭނެހެން އަދި ދުއްވާ މީހާއަށާއި ފަހަތުގައި އިންނަ މީހާއަށް ދަތިނުވާނެހެން ރައްކާތެރިކަމާއެކު މުދާ އުފުލުމަށް ވެސް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ.

-01.jpg&w=3840&q=75)
