"މޯލްޑިވްސް 2.0": ދައުލަތުގެ މުއައްސަސާތަކަށް ޚާއްސަ ޑިރެކްޓަރީއެއް އިފުތިތާހުކޮށްފި
14 އޮކްޓޯބަރު 2026 - 14:31

ދައުލަތުގެ މުއައްސަސާތަކާ ބެހޭ ސައްހަ މައުލޫމާތު އެއްތަނަކުން ފަސޭހަކަމާ އެކު ބެލޭނޭ އިންތިޒާމެއް ހަމަޖެއްސުމުގެ ގޮތުން ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކްޓަރީއެއް އެކުލަވައިލައްވައި، އެ ކަމަށް ޚާއްޞަ ވެބްސައިޓެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިފުތިތާހު ކުރައްވައިފިއެވެ.
މި ޑިރެކްޓަރީއަކީ ސަރުކާރުގެ "މޯލްޑިވްސް 2.0" ގެ ތަސައްވުރާ އެއްގޮތަށް، ދައުލަތުގެ އިދާރީ ހިންގުން ހަރުދަނާކޮށް، ދެފުށް ފެންނަ ހާމަކަން ބޮޑު ގޮތެއްގެ މަތިން ސަރުކާރުގެ ހިންގުން ބައްޓަންކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކުރި ވަސީލަތެކެވެ.
.png&w=750&q=75)
Ad by Hajj Corporation
ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކްޓަރީ ބައްލަވައިލެއްވުމަށް ހަމަޖެހިފައިވާ ވެބްސައިޓުގެ އެޑްރެހަކީ directory.presidency.gov.mv އެވެ.
މި ޑިރެކްޓަރީ އަދާހަމަކޮށް ބެލެހެއްޓުމަށްޓަކައި، މުއައްސަސާތަކުގެ މައުލޫމާތަށް އަންނަ ބަދަލުތައް ހުށަހެޅުމުގެ އިންތިޒާމު ވެސް ވަނީ ހަމަޖައްސަވާފައެވެ. އެގޮތުން މުއައްސަސާއެއްގެ އިސްވެރިޔާގެ ގޮތުގައި ކަނޑައަޅާ ފަރާތުގެ ނަމާއި، އެޑްރެހާއި، މުވާސަލާތީ މައުލޫމާތު އަދި މީސްވިއުގަ (ސޯޝަލް މީޑިއާ) ލިންކުތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެ ކަމެއް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް އަންގަންވާނެއެވެ. މި މައުލޫމާތުތައް ހުށަހަޅަންޖެހެނީ ޑިރެކްޓަރީގެ ވެބްސައިޓުގައިވާ ފޯމު މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށެވެ.
މީގެ އިތުރުން، ދައުލަތުގެ އިދާރާތަކުގެ ރަސްމީ ލިޔެކިޔުންތަކާއި، މަތުބޫޢާތަކާއި، މައުލޫމާތު އެއްކޮށް ބަލަހައްޓާ ސިސްޓަމްތަކާއި ޑޭޓާބޭސްތަކުގައި، މުއައްސަސާތަކުގެ ނަންތައް ދިވެހި އަދި އިނގިރޭސި ބަހުން ލިޔުމުގައި ވެސް ބޭނުންކުރަންވާނީ މި ޑިރެކްޓަރީގައި ކަނޑައަޅާފައިވާ ރަސްމީ ނަންތައް ކަމުގައި ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. މީގެ ތެރޭގައި ސަރުކާރުގެ ވެބްސައިޓުތަކާއި ސޯޝަލް މީޑިއާ އެކައުންޓުތައް ވެސް ހިމެނެއެވެ.

-01.jpg&w=3840&q=75)
