ބްރޭކަކަށްފަހު ޗެންޕިއަންސް ލީގުގެ ބޮޑު ރެޔެއް.
ބްރޭކް އަކަށްފަހު ޗެންޕިއަންސް ލީގުގެ ކުޅުން މިރޭ ފަށާނެ.
22 އޮކްޓޯބަރު 2024 - 14:00
ބްރޭކަކަށްފަހު ޔޫރަޕް ގެ ކުލަބް ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތް ކަމުގައިވާ ޔޫއޭފާ ޗެންޕިއަންސް ލީގުގެ މެޗްޑޭ 3 ގެ މެޗްތައް ކުޅެން ތައްޔާރުވެއްޖެއެވެ. އެގޮތުން މިރޭގެ އެންމެ ފުރަތަމަ ކުޅޭނީ އޭސީ މިލާންއާއި ދެކޮޅަށް ކްލަބް ބްރޫގާ އަދި އަދި މޮނާކޯ އާއި ދެކޮޅަށް ކުޅޭނީ ސަރބިއާގެ ރެޑް ސްޓަރ ބެލްގްރޭޑްއެވެ. މި މެޗް ފަށާނީ ރާއްޖެ ގަޑިން މިރޭ 09:45 ގަ އެވެ.
ޗެންޕިއަންސް ލީގުގައި މިރޭ ކުޅޭނެ ވަރުގަދަ ގިނަ މެޗުތައް ކުޅޭނީ ރާއްޖެގަޑިން 12:00 ގައެވެ. އެގޮތުން ފާހަގަ ކޮށްލެވޭ ވަރުގަދަ މެޗުތަކުގެ ތެރޭގައި އާރސެނަލް އާއި ޝަޚްތަރް ޑޯނިއެސްކް ފާހަގަކޮށްލެވެއެވެ. މި ދެޓީމް މީގެ ކުރިން 2010 ވަނަ އަހަރުގެ ޗެންޕިއަންސް ލީގުގައި ކުޅެފައިވާއިރު ދެޓީމު ވެސް ވަނީ ހޯމް މެޗުގައި މޮޅުވެފައެވެ.
މިރޭގައި ކުޅޭ މެޗުތަކުގެ ތެރެއިން ދެން ފާހަގަކޮށްލެވޭ މެޗަކީ ޔުވެންޓަސް އާއި ވީ.އެފް.ބީ ސްޓަޓްގާޑް ކުޅޭ މެޗެވެ. މި މެޗަށް ޔުވެންޓަސް ކުރިމަތިލާއިރު އެންމެ ފަހުން އެޓީމު ކުޅުނު 10 މެޗުން ބަލިވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ. ޕީ.އެސް.ޖީ އާއި ޕީ.އެސް.ވީ މިރޭގައި ކުޅޭ މެޗަކީވެސް ފާހަގަކޮށްލެވޭ މެޗެކެވެ. މި ދެޓީމު ކުރިމަތިލާއިރު ޕީ.އެސް.ވީ މި ސީޒަންގައި ޗެންޕިއަންސް ލީގުގައި އެއްވެސް މެޗަކުން މޮޅުވެފައި ނުވާކަން ފާހަގަކޮށްލެވެއެވެ.
މިރޭ ކުޅޭ މެޗުތަކުގެ ތެރެއިން ދެން އެންމެ ފާހަގަ ކޮށްލެވޭ މެޗަކީ ނިމިދިޔަ ސީޒަންގެ ޗެންޕިއަންސް ލީގުގައި ފައިނަލް މެޗްގައި ކުޅުން ދެ ޓީމު ކަމަށްވާ ރެއާލް މެޑްރިޑާއި ބްރޫޝިއާ ޑޯޓްމަންޓް ބައްދަލުކުރާ މެޗެވެ. ނިމިދިޔަ ފައިނަލް މެޗުގައި 2-0 އިން ކާމިޔާބުކޮށް ތަށި އުފުއްލާލީ ރެއާލް މެޑްރިޑެވެ. މެޑްރިޑްގެ ސެންޓިއާގޯ ބާނަބާއު ގައި ކުޅޭ މި މެޗުގައި ޑޯޓްމަންޑް ނިކުންނާނީ އެޓީމަށް ފައިނަލުގައި ލިބުނު ހިތްދަތި ނަތީޖާގެ ބަދަލު ހިފުމަށް ކަމަށް ބެލެވެއެވެ. ޗެންޕިއަންސް ލީގުގައި ކުޅުނު ހުރިހާ މެޗަކުން މޮޅުވެ އެއްވަނަގައި އޮތް ޑޯޓްމަންޑް އޮތީ ވަރަށް ރަނގަޅު ފޯމެއްގައިކަން ފާހަގަކޮށްލެވެއެވެ.
މިރޭ ކުޅޭ އެންމެ ފޯރިގަދަ އަނެއް މެޗަކީ މިދިޔައަހަރު ޔޫރޮފާ ލީގު ކާމިޔާބު ކުރި އެޓްލާންޓާއާއި ސްކޮޓްލޭންޑުގެ ޗެންޕިއަން ސެލްޓިކް އާއި ދެކޮޅަށް ކުޅޭ މެޗެވެ. މި މެޗާ ކުރިމަތިލާއިރު ދެ ޓީމުންވެސް ވަނީ ޗެންޕިއަންސް ލީގުގައި އެއްމެޗު ކާމިޔާބުކޮށްފައެވެ.