ރަސްމާލެ މަޝްރޫއުން ބޯހިޔާވަހިކަން ގެއްލޭ ކަމަށް ދައްކާ ވާހަކައަކީ ބުހުތާނު ދޮގެއް: ޝުޖާއު
17 އޮކްޓޯބަރު 2026 - 09:43

ރަސްމާލެ މަޝްރޫއުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ލިބެން ހުރި ބޯހިޔާވަހިކަން ގެއްލޭ ކަމަށް ދައްކާ ވާހަކަތަކަކީ އެއްބަސްވުމުގެ ހަގީގީ މަންފާތައް ފޮރުވުމަށް ފަތުރަމުންދާ ބުހުތާނު ދޮގުތަކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ސަރުކާރު ހިންގާ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝުޖާއު ވިދާޅުވީ، އީގަލް ހިލްސްގެ އިންވެސްޓްމަންޓް ފްރޭމްވޯކްގެ ދަށުން، ދައުލަތުން އެއްވެސް މިންވަރެއްގެ ދަރަންޏެއް ނުނަގައި، ހުޅުމާލޭގައި އެކަނިވެސް ދިވެހި ރައްޔިތުންނަށް ހާއްސަކޮށްގެން 3 ކޮޓަރީގެ 5،000 ހައުސިން ޔުނިޓް ތަރައްގީކޮށްދިނުން ވަނީ ލާޒިމްކޮށްފައެވެ. މީގެ އިތުރުން ރަސްމާލޭގެ ރެސިޑެންޝަލް ޔުނިޓްތައް ގަތުމުގައި ދިވެހިންނަށް އިސްކަންދެވޭނެ ކަމަށާއި، ދިވެހި ރުފިޔާއިން ފައިސާ ދެއްކޭނެ މަގު ފަހިވެގެންދިއުމަކީ ދިވެހި އާއިލާތަކަށް ލިބޭނެ ހަގީގީ މަންފާތަކެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ދިވެހި ސަރުކާރާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ ވިޔަފާރިވެރިޔާ މުހައްމަދު އަލާއްބާރު ގުޅިގެން "މާލްދީވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި ކުރިއަށްގެންދާ މި މަޝްރޫއަކީ މާލެއާ ގާތްގަނޑަކަށް 20 މިނެޓުގެ ދުރުމިނުގައި އޮންނަ ފުށިދިއްގަރު ފަޅުގެ ހިއްކާފައިވާ 500 ހެކްޓަރުގެ ބިމުގައި ތަރައްގީކުރާ އިންޓެގްރޭޓެޑް މަންޒިލެކެވެ. ރާއްޖޭގައި އާންމުކޮށް އޮންނަ "ވަން އައިލެންޑް، ވަން ރިސޯޓް" މޮޑެލްގެ ބަދަލުގައި ހިންގާ މި މަޝްރޫއުގައި މެގާ ޔޮޓް މެރީނާއަކާއި، ފްރަންޓް ޕްރޮމެނާޑްތަކާއި، ބްރޭންޑެޑް އަދި ލަގްޒަރީ ރެސިޑެންސްތަކުގެ އިތުރުން ވިޔަފާރި، ކެއިންބުއިން، މުނިފޫހިފިލުވުން، ސިއްހީ، ތައުލީމީ އަދި ވެލްނެސް ހަބްތައް ގާއިމުކުރާނެއެވެ. އަދި ރާއްޖޭގެ ގާނޫނީ އިމުގެ ތެރެއިން މި ތަންތަން 99 އަހަރާ ހަމައަށް ދިގު މުއްދަތުގެ ލީސްހޯލްޑް އުސޫލުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ސަބަބުން ސީދާ އަދި ނުސީދާ ގޮތުން އެތައް ހާސް ވަޒީފާއެއް އުފެދި، އަހަރަކު އިތުރު 1 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާނެ ކަމަށް ލަފާކުރެވެއެވެ. މީގެ އިތުރުން، އާންމުންގެ ބޯހިޔާވަހިކަމަށް އެހީތެރިވުމުގެ ގޮތުން އީގަލް ހިލްސް އިން ހުޅުމާލޭގައި 5،000 ހައުސިން ޔުނިޓް ތަރައްގީކޮށްދޭނެއެވެ.
ދައުލަތުގެ ސޮވަރިން ދަރަނި އިތުރުނުވާ (ނޮން-ސޮވަރިން ޑެބްޓް) މޮޑެލްއަކަށް ބިނާކޮށް ހިންގާ މި މަޝްރޫއަށް ފައިސާ ހަމަޖައްސަނީ ޑިވެލޮޕަރުގެ އީކުއިޓީއާއި، އަމިއްލަ ފަރާތްތަކުގެ ކޯ-އިންވެސްޓްމަންޓާއި، ދަރަނި ފައިނޭންސިން އަދި ޕްރޮޕަޓީތަކުގެ ޕްރީ-ސޭލްސް މެދުވެރިކޮށެވެ.
ތިމާވެށި ރައްކާތެރިކުރުމުގެ ފިޔަވަޅުތަކަށް ބަލާއިރު، އިތުރު ފަޅުތައް ނުހިއްކައި ބޭނުންކުރަނީ މިހާރު ހިއްކާފައިވާ ބިމެވެ. އަދި މޫސުމީ ބަދަލުތަކަށް ތައްޔާރުވެފައިވާ ވަސީލަތްތަކާއެކު، ކަނޑުގެ މާހައުލު ބެލެހެއްޓުމާއި، މުރަކަ އާލާކުރާ ނާސަރީތަކުގެ އިތުރުން، އެ އަވަށުގައި އުޅަނދުފަހަރު ނުދުއްވޭ "ކާރު-ފްރީ" ސަރަހައްދުތައް ގާއިމުކުރުމަށްވެސް ވަނީ ނިންމާފައެވެ.

-01.jpg&w=3840&q=75)
