ނަޝީދު ސަރުކާރުން ރާއްޖޭގެ މައި ދޮރާށި ވިއްކާލުން، ދައުލަތަށް ދިން ބޮޑު ގެއްލުމެއް
18 އޮކްޓޯބަރު 2026 - 10:29

ރާއްޖޭގެ ތާރީހުން ފެނުނު ވިޔަފާރީގެ އެންމެ ބޮޑު އެއް ހަމަނުޖެހުމާއި ގައުމު ދަރުވާލި އެއް މަޝްރޫއަކީ ޖީއެމްއާރަށް އެއާޕޯޓް ދިނުމެވެ. އޭރު ވެރިކަމުގައި ހުންނެވި ކެނެރީގެ މުހައްމަދު ނަޝީދާއި އޭނާގެ އައުވާނުންގެ މަކަރުވެރި ރޭވުންތަކުގެ ދަށުން 2010 ވަނަ އަހަރު ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓް އަދި ދައުލަތުގެ އެންމެ އަގުހުރި އެއް މުދާ، ޖީއެމްއާރަށް 25 އަހަރަށް ދިނީ ޝައްކުތަކުން ފުރިފައިވާ ބިޑިން މަރުހަލާއެއްގެ ތެރެއިންނެވެ. މާކްސް ދޭން ކަނޑައެޅި ދާއިރާތަކުގެ ތެރެއިން ފަންނީ ބައިން އެ ކުންފުނި ފޭލްވުމުންވެސް ކުއްލިއަކަށް ހާއްސަ ބައްދަލުވުމެއް ބޭއްވުމަށްފަހު، ގޮތް ނޭނގޭ ގޮތަކަށް އެ ބައިން ވެސް ފާސްކޮށްދީ މުޅި އެގްރިމެންޓް އެމީހުން ބޭނުންވާ ގޮތަށް ކޮށާމަށާލި އެވެ.
ޒަމާނީ ފެންވަރަށް އެއާޕޯޓް ތަރައްގީކޮށް 2014 ވަނަ އަހަރަށް ނިންމާލުމަށް މޮޅެތި ހުވަފެންތައް ދިވެހިންނަށް ދެއްކި ނަމަވެސް ކަންވީ މުޅިން އެއާ އިދިކޮޅަށް. މުޅި އެގްރިމެންޓް އެފުށް މިފުށަށްޖެހި ނަމަވެސް އާ ރަންވޭއެއް އެޅުމުގެ އެއްވެސް ބައެއް އޭގައި ނެތެވެ. ޖީއެމްއާރު ބޭނުންވާ ކޮންމެ ކަހަލަ ވިޔަފާރިއެއް ވެސް ކުރުމުގެ ފުރުސަތު، އެގްރީމެންޓްގެ "ފޮރުވިފައިވާ ސިޔާސަތު"ގެ ތެރޭގައި އެމީހުންނަށް ވަނީ ދިފަ އެވެ.
.png&w=750&q=75)
Ad by Hajj Corporation
ރާއްޖެ ކަހަލަ ޑޮލަރުގެ މުހިންމުކަން ބޮޑު ގައުމެއްގައި ސަރުކާރަށް އެންމެ ގިނަ އަދަދަކަށް ޑޮލަރުން އާމްދަނީ ލިބޭ ދޮރުގެ ހުރިހާ ބާރެއް ޖީއެމްއާރު އަށް ދޫކޮށްލި އެވެ. އެބައިމީހުންނަށް ބާރުލިބުމުން މުޅި އެއާޕޯޓްގެ ހިންގުން އެފުށް މިފުށަށްޖަހާ ދިވެހިންގެ ބާރުވެރިކަން މުޅި އެއާޕޯޓުން ނައްތާލުމުގެ ސިއްރު އެޖެންޑާއެއް ކުރިޔަށްގެންދިޔަ އެވެ. އަދި ދިވެހި އެތައް ވިޔަފާރިތަކެއް ތަރައްގީގެ ނަމުގައި ބޭރުކޮށް ޑިއުޓީފްރީންނާއި ތަންތަނުން ބޭރުގެ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށް، ވަޒީފާތަކަށް ބޭރުގެ މީހުން ގެނެސް ދިވެހިންނަށް ލިބެމުންދިޔަ ފުރުސަތުތައް މުޅިހެން ހަނިކޮށްލި އެވެ. އަދި މިއާއެކު ތަރައްގީގެ ނަމުގައި ފުލައިވުޑް ފިލާޖަހާ ތަންތަން ބަންދުކޮށް އެތައް ދުވަހެއްވަންދެން ބަހައްޓާއިގެން އެއާޕޯޓުން ލިބެމުންދިޔަ ނަފާ އެމީހުންގެ ޖީބަށްލާންފެށި އެވެ. ޖެޓްފިއުލްއާ އެހެނިހެން ވިޔަފާރިތަކަށް އެމީހުން ހަންފަތުރާ އަތްގަދަކުރަން ފެށި އެވެ. އަދި ސަރުކާރުން އެމީހުންނަގާ ލޯނުތައް ގެރެންޓީދެވޭ ގޮތަށް ސަރުކާރު ފިއްތާލި އެވެ.
ތަރައްގީގެ އެންމެ ކުލަވަރެއް ނުފެނި ދިގުލައިގެން ދިޔަނަމަވެސް ފާހަނާ ހުޅުވުން ފަދަ ކަންކަމީ އެއާޕޯޓްގެ ތަރައްގީ ގެނައުން ކަމަށް ބުނެ ބޭރުގެ ސީއޯއެއްލައިން އެކުންފުނިން ދިޔައީ ދިވެހި ދައުލަތަށް ލިބުން ޑޮލަރުތައް ފެލާލަމުންނެވެ. އޭރު އެއާޕޯޓަށް ބޭނުންވެފައި އޮތް އެންމެ ބޮޑު ބަދަލަކީ މުސްކުޅި ރަންވޭގެ ބަދަލުގައި އާ ރަންވޭއެއް ހެދުމެވެ. ސަރުކާރުގެ އެއްވެސް ޑިމާންޑެއްގައި ވެސް،ޖީއެމްއާރުގެ ޕްލޭންގައި ވެސް އާ ރަންވޭއެއްގެ ވާހަކައެއް ނެތެވެ. ޖީއެމްއާރުން އެއާޕޯޓް ހިންގުމާ ހަވާލުވިތާ ފުރަތަމަ ހަފުތާގެ ތެރޭގައި އެކުންފުނިން އިއުލާންކުރީ އޭރުގެ ރަންވޭ އަށް ކުދިކުދި މަރާމާތާ އެކު 35 އަހަރަށް ވެސް ބޭނުންކުރެވިދާނެ ކަމަށެވެ. އާ ރަންވޭއެއްގެ ވާހަކަ އެމީހުންގެ ދުލަށް ވެސް އައީ މުހައްމަދު ވަހީދުގެ ސަރުކާރުން އެއްބަސްވުން އުވާލާނެކަން އެ ކުންފުންޏަށް ޔަގީންވީ ހިސާބުންނެވެ. އެހެންކަމުން ޖީއެމްއާރުން ހުރިހާ ވެސް ފޯކަސްއެއް އޮތީ ވީހާ ވެސް ކުޑަ އިންވެސްޓެއްކޮށް، ވީހާ ވެސް ބޮޑު މަންފާއެއް ހޯދަންކަން އެނގެ އެވެ. އަދި އެއިން އެއްވެސް ކަމެއް ހުއްޓުވުމުގެ ބާރެއް އެމްޑީޕީ ސަރުކާރަކަށް ނެތެވެ.
އެމްއޭސީއެލް އަކީ އަހަރަކު 4.5 ބިލިއަން ރުފިޔާގެ ވިޔަފާރި ކުރަމުންދިޔަ، ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ފައިދާއެއް ވަމުން އައި ކުންފުނި، އަދި ޖީއެމްއާރު އަތުން އެއާޕޯޓް އަތުލުމަށްފަހު، އެމްއޭސީއެލް އިން އެތަނުގެ ހިނގުމާ ހަވާލުވި ފުރަތަމަ އަހަރު ވެސް ފައިދާގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އެކުންފުނިން ދިވެހި ދައުލަތަށް ލިބުނެވެ. އެއާޕޯޓަކީ ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބޭ ކުންފުންޏަށްވާއިރު، އެމްއޭސީއެލް އިން އެއާޕޯޓް ހިންގި އިރު އޭގެ ތެރެއިން ބޮޑު ބައެއް ހިފެހެއްޓީ ރާއްޖޭގަ އެވެ. އެކަމަކު ޖީއެމްއާރުން އެ ހުރިހާ ޑޮލަރެއް ސީދާ ރާއްޖެއިން ބޭރަށް ބޭރުކުރި އެވެ. އެ ކުންފުނީގެ ބޮޑު ހުރިހާ އެކައުންޓެއް ހުރީ ސްޓޭޓް ބޭންކް އޮފް އިންޑިއާގަ އެވެ.
ވަހީދުގެ ސަރުކާރުން ޖީއެމްއާރު އެއްބަސްވުން އުވާލީ އެއްބަސްވުމަކީ "އުފެދުނު އިރުވެސް ބާތިލް އެއްޗަކަށް ވާތީ" ކަމަށް ބުނެ އެވެ. އެކަމުގެ ބަދަލެއްގެ ގޮތުގައި 803 މިލިއަން ޑޮލަރު ދައްކަން އެކުންފުނިން އެދުނެވެ. ނަމަވެސް އާބިޓްރޭޝަނުން ނިންމީ، 271 މިލިއަން ޑޮލަރު ބަދަލެއްގެ ގޮތުގައި ދެއްކުމަށެވެ. އެމްއޭސީއެލް އިން ޖީއެމްއާރަށް މިހާރު ދައްކާފައިވާ 271 މިލިއަން ޑޮލަރުގެ ތެރޭގައި، އެއާޕޯޓް ތަރައްގީކުރަން ޖީއެމްއާރުން ނެގި 150 މިލިއަން ޑޮލަރުގެ ލޯނު ހިމެނެ އެވެ. ޔާމީންގެ ސަރުކާރުގައި ވަނީ އެ އަދަދު އެއްކޮށް ދައްކައި ހަލާސްކޮށްލި ނަމަވެސް ޔާމިން ވެސް ކަންކުރީ އެންމެ ރަނގަޅަކަށް ނޫނެވެ. 271 އެއް މިލިޔަން ޑޮލަރުގެ އެބަދަލު ދެއްކީ ދިވެހިންގެ ކަރުބުޑަށް އަތްކޮށްޕާލުމަށް ފަހު، ކާޑުގެ ސަބްސިޑީ ކަނޑާލައިން ލިބު ފައިސާއިން އަދި އެފައިސާ ދެއްކުމާ އެކު ތިމާގެ ހެޔޮފުޅު ކަމުން ބުނެ އަނެއްކާ އަނބުރާ ކާނޑުގެ ސަބްސިޑީ ދެންފެށި އެވެ.
އެންމެ ފަހުން ޖީއެމްއާރުގެ ވާހަކަ ނިމުނު އިރު ދިވެހިންގެ މުއްސަނދިކަމުން ހަތަރު ބިލިއަން ރުފިޔާ އެވަނީ އެމްޑީޕީ ސަރުކާރުގެ އަބުއި ސިޔާސަތުގެ ދަށުން އުނިވެފަ އެވެ.

-01.jpg&w=3840&q=75)
