logoEN
ޚަބަރު

ވަޅިން ބިރުދައްކާ ފޭރުނު މައްސަލަ: ޢާއިޝަތު ބުނީ ކެންސަރު ޖެހިފައިވާ މަންމައަކު ބަލަން ޖެހިފައިވާކަމަށް

އަޙްމަދު ޒަލީފްއަޙްމަދު ޒަލީފް

23 އޮކްޓޯބަރު 2024 - 09:21

މާލޭގެ ގެއަކަށް މީހަކު ވައްދައި ފޭރުނު މައްސަލައެއްގައި ދަޢުލަތުން ދަޢުވާ ކޮށްފައިވާ ތިން މީހުންގެ ޝަރީޢަތް މިއަދު ކްރިމިނަލް ކޯޓުގައި ފަށައިފިއެވެ.

މި މައްސަލައިގައި ދަޢުލަތުން ދަޢުވާކޮށްފައިވަނީ، މއ. މަސްފަން، 43 އަހަރުގެ ޢާއިޝަތު އާއި މއ. މަސްފަން، އުމުރުން 27 އަހަރުގެ މުޙައްމަދު ރީހާން އަދި ސ. ހިތަދޫ / ސޯމާ، އުމުރުން 35 އަހަރުގެ ޝަފީޤު އިބްރާހީމްގެ މ،ައްޗަށެވެ.

މި މައްސަލައިގައި ދަޢުވާ ލިބޭ ޢާއިޝަތު އަކީ ހަމަ މި މައްސަަލައިގައި ދަޢުވާ ލިބޭ މުޙައްމަދު ރީހާންގެ މަންމައެވެ.

3 މީހުންގެ މައްޗަށް އުފުލާފައިވާ ދަޢުވާތައް:

  • އަނިޔާއެއް ދިނުން
  • އެނގިހުރެ ހުއްދަނޫން ގޮތުގައި މަޢުލޫމާތެއް ހޯދުން
  • ފޭރުން

މި މައްސަލައިގައި ހިމެނޭ ތިން މީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކާ ގުޅޭ ޝަރީޢަތް މިއަދު ފަށާފައިވާއިރު، މިއަދުގެ އަޑުއެހުމަށް ހާޟިރުވެފައިވަނީ މުޙައްމަދު ރީހާނާއި އޭނާގެ މަންމަ ޢާއިޝަތުއެވެ. ދަޢުވާ ލިބޭ އަނެއް ފަރާތް މިއަދުގެ މަޖިލީހަށް ހާޟިރުވެފައެއް ނުވެއެވެ.

ދަޢުވާއަށް ޖަވާބުދާރީ ވުމުގެ ފުރުޞަތު ދިނުމުގެ ކުރިން، ދަޢުވާ ލިބޭ ފަރާތްތަކަށް ދިނުމުގެ ކުރިން ޖިނާޢީ ދަޢުވާއެއް އުފުލިފައިވާ ފަރާތްތަކަށް ޤާނޫނުން ލިބޭ ހައްޤުތައް ޝަރީޢަތުން މިއަދު އަންގާފައިވެއެވެ.

ދަޢުވާ ލިބޭ މީހުންގެ މައްޗަށް ދަޢުލަތުން ކޮށްފައިވާ ދަޢުވާތައް ދަޢުލަތުން ސާފުކޮށްދީފައިވާއިރު، ދަޢުވާ ލިބޭ ދެ ފަރާތުންވެސް ބުނެފައިވަނީ ދަޢުވާއާ ގުޅިގެން އިތުރު އެއްވެސް ކަމެއް ފާހަގަ ކުރަން ނެތް ކަމަށެވެ.

އެހެން ނަމަވެސް، މި ދެ ފަރާތަކީ ބަންދުގައި ތިބޭތާ ތިން މަސްދުވަސް ހޭދަވެފައިވާ ފަރާތްތަކެއް ކަމުގައިވާތީ ބަންދަށް ލުއި ގޮތެއް ހަދައިދިނުމަށް އެ ފަރާތްތަކުން ވަނީ އެދިފައެވެ. އެގޮތުން ޢާއިޝަތު ބުނެފައިވަނީ 18 އަހަރުގެ އަންހެން ދަރިއަކާއި، ކެންސަރު ޖެހިފައިވާ މަންމައެއް ބަލަން ޖެހިފައިވާ ކަމަށާއި، އެހެންކަމުން ބަންދުން ދޫކޮށްދިނުން އެދޭ ކަމަށެވެ.

ނަމަވެސް މި ދެ ފަރާތުގެ ބަންދަށް ލުޔެއްދޭން ނުފެންނަ ކަމަށް މައްސަލަ ބައްލަވާ ޤާޟީ ވަނީ ނިންމަވާފައެވެ.

މި މައްސަލަ ބައްލަވަނީ ޤާޟީ އިބްރާޙިމް ޛިހުނީއެވެ.

ކޮމެންޓް

871x217_placeholder