32،000 ރުފިޔާގެ އޮންލައިން ސްކޭމެއްގެ މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފި
25 އޮކްޓޯބަރު 2026 - 13:01

އޮންލައިންކޮށް މަކަރާއި ހީލަތުން 32،000 ރުފިޔާ އަތުލި މައްސަލައަކާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް މުއާމަލާތުކޮށްގެން ފައިސާ ހޯދާފައިވާ ކަމަށް ބުނެ، މި ހިނގާ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެކެވެ.
.png&w=750&q=75)
Ad by Hajj Corporation
ފުލުހުން މިއަދު ހާމަކުރި ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ވެލަސްފަރުގެ، ޙުސައިން ސާމިރު (40އ) އާއި، ދަފްތަރު ނަންބަރު ރސ 6007، މުޙައްމަދު ރީޙާން (33އ) ގެ އިތުރުން މާލެ، ޖޯޖެޑްވިލާ، އަޙްމަދު ސުޖާއު (46އ) އެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޙުސައިން ސާމިރާއި އަޙްމަދު ސުޖާއުގެ ބަންދަށް 15 ދުވަސް އަދި މުޙައްމަދު ރީޙާންގެ ބަންދަށް 7 ދުވަސް ކޯޓުން ވަނީ ދީފައެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިންކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ (OTP) ކޯޑު އެއްވެސް ފަރާތަކާ ހިއްސާނުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށްވެސް ފުލުހުން އެދެއެވެ.
މަކަރާއި ހީލަތުގެ އެއްވެސް އަމަލެއް ފާހަގަކުރެވިއްޖެނަމަ، ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ނުވަތަ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރުމަށް ފުލުހުންގެ ޚިދުމަތުން ވަނީ އެދިފައެވެ.

-01.jpg&w=3840&q=75)
