ގަތުލްއާންމު ކުށަކަށް ހަދަނީ ބައިނަލްއަގުވާމީ މުއާހަދާއަކުން ލާޒިމުކުރާތީ: ބަންޑާރަ ނައިބު
27 އޮކްޓޯބަރު 2026 - 04:40

ޤާނޫނުލް އުޤޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅީ، ރާއްޖޭން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުއާހަދާއަކުން ލާޒިމްކުރާ އިސްލާހެއް ގެނައުމަށް ކަމަށް ބަންޑާރަ ނައިބު އަޙުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ގަތުލުއާންމު ހިންގުމާއި، ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށް އަމަލުތައް ހިންގުމާއި، ދަޢުލަތަށް ޚިޔާނާތްތެރިވުމާއި އިޤްތިސާދަށް ގެއްލުންހުރި އަމަލުތައް ކުރުން ޖިނާއީ ކުށަކަށް ހެދުމަށް ޤާނޫނުލް އުޤޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލު ހުށަހެޅީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ބިލުގައި ވަކި ޤައުމަކަށް، ނަސްލަކަށް، ދަރިފަސްކޮޅަކަށް ނުވަތަ ދީނަކަށް ނިސްބަތްވާ ޖަމާއަތަކާ ދެކޮޅަށް ވަކި އަމަލުތަކެއް ހިންގުމަކީ ކުށެއް ކަމުގައި ވަނީ ކަނޑައަޅައިފައެވެ.
އޭގެ ތެރޭގައި އެފަދަ ޖަމާއަތެއްގެ ބަޔަކު މެރުން، ބޮޑެތި ޖިސްމާނީ ނުވަތަ ނަފްސާނީ އަނިޔާ ދިނުން، ޖަމާއަތް އެކުގައި ނުވަތަ އޭގެ ބޮޑު ބައެއް ހަލާކުވެދާނެ ފަދަ ދިރިއުޅުމުގެ ހާލަތްތައް ގަސްދުގައި ކުރިމަތިކުރުވުން އަދި ކުޑަކުދިން މަޖުބޫރުން އެހެން ޖަމާއަތަކަށް ބަދަލުކުރުން ހިމެނެއެވެ.
އެ ބިލާ ގުޅޭ ގޮތުން ބަންޑާރަނައިބު އުޝާމް ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (ޖެނޮސައިޑް ކޮންވެންޝަން) ގައި ދިވެހިރާއްޖެއިން އެޕްރީލް 24، 1984 ބައިވެރިވެފައިވާ ކަމަށެވެ. އަދި އެ މުއާހަދާގެ ފަސް ވަނަ މާއްދާގެ ދަށުން، އެ މުއާހަދާއަށް އަމަލުކުރުމަށްޓަކައި ބައިވެރިވެފައިވާ ގައުމުތަކުން ހަދަންޖެހޭ ގާނޫނުތައް ހެދުމާއި، ޖެނޮސައިޑާ ގުޅޭ ކުށްތަކަށް އަދަބު ކަނޑައެޅުން ލާޒިމުކޮށްފައި އޮތް ނަމަވެސް، ވޭތުވެދިޔަ 42 އަހަރު ދުވަހުގެ ތެރޭގައި ރާއްޖެއިން އެ ޒިންމާ އަދާކޮށްފައި ނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަދި މުސްލިމުންނާ ދެކޮޅަށް ގަތުލުއާއްމުގެ ކުށްތައް ހިންގާފައިވާ އަދި ހިންގަމުންދާ ޤައުމުތަކާ ދެކޮޅަށް އައިސީޖޭގައި ހިނގަމުންދާ މައްސަލަތައް ކަމަށްވާ، "ދަ ގެމްބިއާ ވ. މިޔަންމާ" އަދި "ސައުތު އެފްރިކާ ވ. އިސްރާއީލު" މައްސަލައަށް ދިވެހި ސަރުކާރުން ތަދައްޚުލުވެ، ހަރުކަށި ފިޔަވަޅު އެޅުމަށް ވަކާލާތު ކުރަމުންދާކަން ވެސް ބަންޑާރަ ނައިބު ފާހަގަކުރެއްވިއެވެ.
ނަމަވެސް، އެހެން ޤައުމުތަކުން ޖެނޮސައިޑް ކޮންވެންޝަނަށް ކަމޭހިތުމަށް ރާއްޖެއިން ގޮވާލާއިރު، އެ މުއާހަދާގެ ދަށުން ރާއްޖެއިން ކުރުން ލާޒިމު ކަންކަން ކޮށްފައި ނެތުމަކީ ރާއްޖޭގެ ގާނޫނީ ނުކުތާތަކަށް އަސަރުކުރާނެ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ދިވެހިރާއްޖޭގެ ގާނޫނުލްޢުގޫބާތަށް ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިޞްލާޙަކީ، ޖެނޮސައިޑް ކޮންވެންޝަންއާ އެއްގޮތްވާ ގޮތުގެމަތިން ޤަތުލުޢާންމު ހިންގުމަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައަޅައި، އެ ކުށުގެ އަދަބު ބަޔާންކުރުމަށްޓަކައި ހުށަހަޅާފައިވާ އިޞްލާޙެއް ކަމަށާއި،މިއީ ބައިނަލްއަޤްވާމީ ގާނޫނުގެ ދަށުން ދިވެހިރާއްޖެއިން ކުރުން ލާޒިމްކޮށްފައިވާ ކަމެއްކަން އުޝާމް ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
