ނަފްސާނީ ފަރުވާ ހޯދުމަކީ ބަލިކަށިކަމެއްގެ ގޮތުގައި ނުދެކޭ މުޖުތަމައެއް ބިނާކުރަންޖެހޭ: ސާޖިދާ
1 ނޮވެމްބަރު 2026 - 06:35

ނަފްސާނީ ފަރުވާ ހޯދުމަކީ ކުށެއް ނުވަތަ ބަލިކަށިކަމެއްގެ ގޮތުގައި ނުދެކި، އެއީ ހިތްވަރުގަދަކަމެއްގެ ގޮތުގައި ބަލައިގަންނަ މުޖުތަމައެއް ބިނާކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ވިދާޅުވެއްޖެ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މި މޭރުމުން ވާހަކަ ދައްކަވާފައި ވަނީ ސާކް ސައިކޭޓްރިކް ފެޑެރޭޝަންގެ 16 ވަނަ ބައިނަލްއަގުވާމީ ކޮންފަރެންސް އިފްތިތާޙްކޮށްދެއްވައި ވާހަކަދައްކަވަމުްނެވެ.
.png&w=750&q=75)
Ad by Hajj Corporation
ނަފްސާނީ ދުޅަހެޔޮކަމަކީ ހަމައެކަނި ބޭސްފަރުވާއާ ގުޅުންހުރި ކަމެއް ނޫން ކަމަށާއި، އެއީ އިންސާނާގެ ކަރާމަތާއި، އިންސާނީ ގުޅުމާއި އަދި މުސްތަގުބަލުގެ އުއްމީދުތަކާ ގުޅިފައިވާ ކަމެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި ޑިޕްރެޝަނާއި، އެންޒައިޓީ އަދި ޓްރޯމާފަދަ ކަންކަމާ ކުރިމަތިލާންޖެހޭ ފަރާތްތަކަކީ ހަމައެކަނި ތަފާސްހިސާބުތަކެއް ނޫން ކަމަށާއި، އެއީ އާއިލާތަކާއި މުޖުތަމައުގެ ހިއްސާކަމަށް ވާތީ ކޮންމެ މީހެއްގެ ދުޅަހެޔޮކަމަށް އަޅާލަންޖެހޭނެ ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ތައުލީމީ މާހައުލުގެ ޕްރެޝަރާއި، މުޖުތަމައުގެ އުއްމީދުތަކާއި، އޮންލައިން ދުނިޔޭގެ ނުފޫޒުތަކުގެ ސަބަބުން ކުދިންނާއި ޒުވާނުންގެ ނަފްސާނީ ދުޅަހެޔޮކަމަށް ކުރާ އަސަރުތަކަށް އަލިއަޅުއްވާލައްވައި، އެފަދަ ފަރާތްތަކަށް ލޯތްބާއި އަޅާލުމާއެކު އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާ ވާހަކަދެއްކެވިއެވެ. އަދި ގައުމީ ސިއްހަތާ ބެހޭ އެޖެންޑާގައި ނަފްސާނީ ދުޅަހެޔޮކަން ހިމަނާފައިވުމާއި، 2029 ވަނަ އަހަރާ ހަމައަށް އެކުލަވާލާފައިވާ މެންޓަލް ހެލްތު ސްޓްރެޓެޖިކް ޕްލޭންގެ ދަށުން ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފަސޭހަކަމާއެކު ނަފްސާނީ ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ.

-01.jpg&w=3840&q=75)
