އެސްއެމްއީތަކަށް ޑޮލަރުން ފައިސާ ލިބޭ ބީއެމްއެލް ޕޭމަންޓް ގޭޓްވޭއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
1 ނޮވެމްބަރު 2026 - 12:33

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ޑޮލަރުން ފައިސާ ލިބޭ، ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މިއަދު އިއުލާނުކުރި ގޮތުގައި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިހާރު ބީއެމްއެލް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތަށް އެދި ހުށަހެޅޭނެއެވެ.
.png&w=750&q=75)
Ad by Hajj Corporation
މިއާއެކު ބައިނަލްއަގުވާމީ ބާޒާރުގައި މުދަލާއި ޚިދުމަތް ވިއްކާ ދިވެހި އުފެއްދުންތެރިންނާއި ކުދި ވިޔަފާރިތަކަށް ދުނިޔޭގެ ކޮންމެ ގައުމެއްގެ، ކޮންމެ ތަނަކުންވެސް ޑޮލަރުން ފައިސާ ބަލައިގަނެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ.
މިގޮތަށް ލިބޭ ޑޮލަރު ޖަމާކޮށްދޭ އެކައުންޓަށް ދޫކުރެވޭ ޔޫއެސްޑީ ޑެބިޓް ކާޑު ބޭނުންކޮށްގެން، އެކި ބާވަތުގެ ސަބްސްކްރިޕްޝަންތަކަށާއި ބައިނަލްއަގުވާމީ އެހެނިހެން މުއާމަލާތްތަކަށް އެއްވެސް ދަތިކަމެއް ނެތި ފައިސާ ދެއްކޭނެއެވެ.
މި ޚިދުމަތަށް އެދި ހުށަހެޅުމުގެ ފުރުސަތު މިއަދުގެ ވަގުތެއްގައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީ.ސީ.ސީ) ޕޯޓަލް މެދުވެރިކޮށް ހުޅުވާލެވޭނެއެވެ. ބީ.ސީ.ސީ މެދުވެރިކޮށް ރިފަރަލް ލިބުމުން، ބޭންކުން އެ ވިޔަފާރިއަކާ ގުޅައި، ބޭނުންވާ ލިޔެކިޔުންތައް ހޯދުމާއި ރަޖިސްޓްރީ ކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދާނެއެވެ. މި މަސައްކަތްތައް ނިމުމުން ކަސްޓަމަރުންގެ އެކައުންޓާއި ޕޭމަންޓްގޭޓްވޭ ލިންކްކޮށްދެވޭނެއެވެ.
މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އަދި ބީ.ސީ.ސީއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ. މި ޚިދުމަތުގެ މައިގަނޑު މަގުސަދަކީ ބައިނަލްއަގުވާމީ މާކެޓްތަކަށް މުދަލާއި ޚިދުމަތް ފޯރުކޮށްދޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް، ބޭރުގެ ކަސްޓަމަރުންގެ ފަރާތުން ބޭރުފައިސާ ލިބޭނެ މަގުފަހިކޮށްދިނުމެވެ.

-01.jpg&w=3840&q=75)
