ބޯހިޔާވަހިކަމުގެ އިކުއިޓީ ދައްކަން ދަތިވި މައްސަލައަށް ސަރުކާރުން ހައްލެއް ގެނެސްދީފި
18 އޮކްޓޯބަރު 2026 - 18:23

އަމިއްލަ ބޯހިޔާވަހިކަން ހޯދުމަށް ދިވެހި ރައްޔިތުންނަށް މަގުފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ތަޢާރަފްކުރި "ނޭޝަނަލް ހޯމް އޯނަރޝިޕް ޕްރޮގްރާމް"ގެ ދަށުން ކުރިއަށްގެންދާ އިކުއިޓީ އެހީތެރިކަން ފޯރުކޮށްދޭ "ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި" ސްކީމްތައް ތަންފީޒުކުރުމަށް މާލީ 4 އިދާރާއަކާއެކު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުންތައް އެކުލަވާލާފައިވަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)، މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)، ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޯޕަރޭޝަން (އެޗްޑީއެފްސީ) އަދި މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ (އެމްއެފްއެލްސީ) އާއެކުގައެވެ. މިއެއްބަސްވުންތަކުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހައުސިންގ، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. މީގެއިތުރުން ކަމާގުޅޭ މާލީ އިދާރާތަކުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ވޯލްޑް ބޭންކް ގްރޫޕްގެ ފަންނީ އެހީތެރިކަމާއެކު ދާދިފަހުން ނިންމި މޯލްޑިވްސް އަރބަން ޑިވެލޮޕްމަންޓް އެންޑް ރީކޮންސްޓްރަކްޝަން ޕްރޮޖެކްޓުގެ ދިރާސާތަކުން ދައްކާފައިވާ ގޮތުގައި، ދިވެހި ގިނަ ޢާއިލާތަކަށް ގެދޮރު އެޅުމަށާއި ގަތުމަށް ދިމާވާ އެންމެ ބޮޑު ހުރަހަކީ ބޭންކުތަކުން ކަނޑައަޅާ އިކުއިޓީ ޕޭމަންޓް ދެއްކުމުގައި ދިމާވާ ދަތިތަކެވެ. ސަރުކާރުގެ މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މި ހުރަސް ނައްތާލައި، ގޯއްޗެއް އޮވެމެ މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން މިހާތަނަށް ގެދޮރު އިމާރާތް ނުކުރެވިފައި ތިބި ފަރާތްތަކަށާއި އަލަށް ގެދޮރު ގަންނަ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
"ހެލްޕް ޓު ބިލްޑް" އަދި "ހެލްޕް ޓު ބައި"ގެ ތަފްޞީލް
"ހެލްޕް ޓު ބިލްޑް" ގެ ދަށުން ދިރިއުޅޭނެ އެކަށީގެންވާ ތަނެއް ނެތް ބިންވެރިންނަށް ގެދޮރު އިމާރާތްކުރުމަށް ބޭންކް ލޯނެއް ހޯދުމަށް ސަރުކާރުން އެހީތެރިވެދޭނެއެވެ. މިބައި މާލެ އަދި އަތޮޅުތަކުގެ މީހުން ދިރިއުޅޭ ރަށްރަށަށް އަމާޒުކޮށްފައިވާއިރު، 1،000،000 ރުފިޔާގެ ލޯނެއްގެ އިކުއިޓީ ޕޭމަންޓަށް 200،000 ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ އެހީ ދޭނެއެވެ. އާއިލީ ބިމެއްގައި އެއް ފަރާތަށް ވުރެ ގިނަ މިލްކުވެރިން އެކުވެގެން އިމާރާތް ކުރަން ބޭނުންވާ ހާލަތްތަކުގައި، ބޮލަކަށް 200،000 ރުފިޔާގެ މަގުން ގިނަވެގެން 1،000،000 ރުފިޔާއާ ހަމައަށް ލޯނުގެ އިކުއިޓީގެ ގޮތުގައި ހަމަޖައްސައިދެވޭނެއެވެ. މި އުޞޫލު ހިނގާނީ ހަމައެކަނި މާލޭގެ ބިންތަކަށެވެ. މިއީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ނަމަވެސް، 20 އަހަރު ދުވަހުގެ ތެރޭގައި އެ އިމާރާތް ވިއްކާލައިފިނަމަ، އެ ފައިސާ ދައުލަތަށް އަނބުރާ ދައްކަންޖެހޭނެއެވެ.
"ހެލްޕް ޓު ބައި" ގެ ދަށުން، ޕީ.ޕީ.ޕީ އުސޫލުން ޑިވެލޮޕަރުން އަޅާފައިވާ 1.5 މިލިއަން ރުފިޔާގެ އަގުހުރި އެފޯޑަބަލް ހައުސިންގ ޔުނިޓެއް ގަތުމަށް 250،000 ރުފިޔާއާ ހަމައަށް އެހީ ދެވޭނެއެވެ. އަދި ރިއަލް އެސްޓޭޓް މާކެޓް އަގުގައި ވިއްކާ ޔުނިޓެއް އަލަށް ގަންނަ ފަރާތްތަކަށް ވެސް 250،000 ރުފިޔާއާ ހަމައަށް އެހީ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ފައިސާ މާލީ އިދާރާ މެދުވެރިކޮށް ދައްކާނީ ސީދާ ޑިވެލޮޕަރަށެވެ. އަދި ގަންނަ ފަރާތުން ދައްކަންޖެހޭ ޖުމްލަ އަގުން އެ މިންވަރު އުނިކުރެވޭނެއެވެ.
މި ޕްރޮގްރާމުގެ ދަށުން އެހީ ލިބޭނީ އެދޭ ފަރާތުގެ ނަންމަތީގައި އިމާރާތްކޮށްފައިވާ އެހެން އެއްވެސް ބިމެއް ނުވަތަ ގޯއްޗެއް ނެތް ފަރާތްތަކަށެވެ. އަދި އިމާރާތްކުރާ ބިމަކީ އެދޭ ފަރާތް ނުވަތަ ފަރާތްތަކުގެ އަމިއްލަ މިލްކަކަށް ވާންޖެހޭއިރު، މައިގަނޑު ގޮތެއްގައި ދިރިއުޅޭނެ ގެއެއް އެޅުމަށް ޝަރުތުކުރެވުނު ނަމަވެސް، އިމާރާތުގެ ބައެއް ވިޔަފާރި އުސޫލުން ބޭނުންކުރުމުގެ ހުއްދަ ލިބިގެންވެއެވެ.
ބީއެމްއެލްގެ ދައުރު އަދި ހައުސިންގ ލޯނުތަކަށް ގެނައި ބަދަލު
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ މުޙައްމަދު ޝަރީފް ވިދާޅުވީ، އެ ބޭންކުން މިހާރުވެސް 4،000 ހައުސިންގ ޔުނިޓް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެ ތެރެއިން 3،260 ހައުސިންގ ޔުނިޓްގެ އަމަލީ މަސައްކަތްތައް ބާރަށް ކުރިއަށްދާއިރު، އިތުރު 740 ޔުނިޓްގެ މަސައްކަތް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން ގެދޮރު އިމާރާތް ކުރުމަށް ބޭނުންވާ ފައިނޭންސިންގ އަތްފޯރާފަށަށް ގެނައުމުގެ ގޮތުން، ހައުސިންގ ލޯންތަކުން އަމިއްލައަށް ދައްކަންޖެހޭ އިކުއިޓީ %20 އިން %5 އަށް ދަށްކޮށްފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.
"މި ހުރިހާ މަސައްކަތްތަކެއް ގުޅިގެން ދިއުމުން އޭގެ ނަތީޖާ މާ ފުރިހަމަވާނެ. 'ބީ.އެމް.އެލް އެފޯޑަބަލް ހޯމް ލީސިންގ' މެދުވެރިކޮށް އާ ގެދޮރުތައް ބިނާވެގެންދާނެ. އަމިއްލަ ހިއްސާ ނުވަތަ އިކުއިޓީ ދަށްކުރުމުން ފައިނޭންސިންގއަށް ވާސިލްވުން ފަސޭހަވާނެ. އަދި މިއަދު މި އިޢުލާންކުރެވުނު ސަރުކާރުގެ އެހީތެރިކަމާއެކު ކުރިން ދައްކަންޖެހޭ ފައިސާގެ އަދަދު އިތުރަށް ކުޑަވެގެންދާނެ. ގެދޮރު އިތުރުވުމާއި، ޑައުންޕޭމަންޓް ކުޑަވުމާއި، ފަސޭހައިން ފައިސާ ލިބޭނެ ގޮތްވުމަކީ 'އެންމެނަށް ބޯހިޔާވަހިކަން' މި ތަޞައްވުރު ހަޤީޤަތަކަށް ހެދުމަށް އޮތް މަގެއް،" ބީއެމްއެލްގެ ސީއީއޯ ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
