ހިޔާވަހި ލޯނު ފުރިހަމައަށް ނުލިބުނު ފަރާތްތަކަށް ޓޮޕްއަޕް ހަމަޖައްސައިދެވޭތޯ ބައްލަވަނީ
5 ނޮވެމްބަރު 2026 - 18:23

ހިޔާވަހި ފައިނޭންސިންގ ސްކީމުގެ ދަށުން ދޫކޮށްފައިވާ ލޯނުތަކުގެ ތެރެއިން އެކަށީގެންވާ މިންވަރަށް ފައިސާ ނުލިބޭ ފަރާތްތަކަށް، އުސޫލުގެ ތެރެއިން އިތުރަށް ލޯނު ޓޮޕްއަޕްކުރެވޭނެ އިންތިޒާމު ހަމަޖައްސައިދެވޭތޯ ބައްލަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "ރައްޔިތުންގެ އަޑު" ޕްރޮގްރާމުގެ 12 ވަނަ އެޕިސޯޑުގައި އާންމު ރައްޔިތަކު ހުށަހެޅި ޝަކުވާއަކަށް ޖަވާބުދެއްވަމުންނެވެ.
.png&w=750&q=75)
Ad by Hajj Corporation
އެ ޕްރޮގްރާމުގައި ވާހަކަދެއްކި ރައްޔިތަކު ފާހަގަކުރި ގޮތުގައި، ރަށްރަށުގައި ގެދޮރު އެޅުމަށް ހިޔާވަހި ފައިނޭންސްގެ ދަށުން 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށް ކަނޑައަޅާފައިވީ ނަމަވެސް، އޭނާއަށް ހަމަޖެހިފައިވަނީ 650,000 ރުފިޔާއެވެ. އަދި އެ އަދަދުން ގެދޮރު އިމާރާތްކުރުމުގެ މަސައްކަތް އެއްކޮށް ނިންމާނުލެވޭތީ ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
މި ކަމާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ، މިއީ އެމަނިކުފާނުގެ ސަމާލުކަމަށް ކުރިން އައިސްފައިވާ ކަމެއް ނޫން ކަމަށާއި، މިކަން ހިނގާފައިވަނީ ސަރުކާރުން ވިސްނާފައިވާ ގޮތަށް ނޫން ކަމަށެވެ. އަދި މި މައްސަލަ ވަރަށް ގާތުން ބައްލަވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ.
"1 މިލިޔަން ރުފިޔާ ރަށްރަށުގައި އަޅާ ގެތަކަށް މިއޮތީ. 6 ލައްކަ ރުފިޔާއިން ނުނިންމޭނެކަން އަޅުގަނޑަށްވެސް ހަމަ އިނގޭ. އިންކަމްއަށް ބަލާފައި ކުޑަކުރީތޯ ސްޕެސިފިކް ކޭސް ބަލާލާނަން މިނިސްޓްރީ ތުރޫކޮށް. އޮންނަ އުސޫލުގެ ތެރެއިން އިތުރަށް ލޯނު ޓޮޕްއަޕްކޮށްލަން ލިބޭނެތޯ. އެކަން ކުރެވެން އޮތިއްޔާ އޮންނަ އުސޫލުގެ ތެރެއިން އެއްބާރުލުންދޭން ދަންނަވާނަން،" ރައީސް ވިދާޅުވިއެވެ.
ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމުގެ ބައިތައް
ސަރުކާރުން ތައާރަފުކޮށްފައިވާ ހިޔާވަހި ފައިނޭންސިންގ ޕްރޮގްރާމް އެކުލެވިގެންވަނީ މައިގަނޑު 3 ސްކީމެއްގެ މައްޗަށެވެ. އެއީ:
ރަށްވެހި ފައިނޭންސިންގ ސްކީމް: ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށުގައި ގެދޮރު އެޅުމަށް 1 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނު.
ސަހަރު ފައިނޭންސިންގ ސްކީމް: ކަނޑައެޅިފައިވާ އަރބަން ސެންޓަރުތަކުގައި ގެދޮރު އިމާރާތްކުރުމަށް 3 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނު.
ފަހިމާލެ ފައިނޭންސިންގ ސްކީމް: މާލެ ސަރަހައްދުގައި ގޭގެ ބެހެނިވެރިން ގުޅިގެން އިމާރާތްކުރުމަށް 6 މިލިއަން ރުފިޔާއިން ފެށިގެން 10 މިލިއަން ރުފިޔާއާ ހަމައަށް ދޫކުރާ ލޯނު.
ރައްޔިތުންގެ ފަރާތުން ހުށަހަޅާ ކަންބޮޑުވުންތަކަށް އިންސާފުވެރިކަމާއެކު ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި އުސޫލުތައް ތަންފީޒުކުރުމުގައި ގޯހެއް ހިނގާފައިވާނަމަ އެކަންކަން އިސްލާހުކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

-01.jpg&w=3840&q=75)
