logo
MPL

MPL

ރިޕޯޓް

ކަށަވަރުވާ ޔަގީންކަން: ޤައުމުގެ މިނިވަންކަމާއި އިސްލާމްވަންތަކަމަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ނުކުރަށްވާނެ!

މުހައްމަދު މޫސާމުހައްމަދު މޫސާ
6 ނޮވެމްބަރު 2026 - 16:03
ކަށަވަރުވާ ޔަގީންކަން: ޤައުމުގެ މިނިވަންކަމާއި އިސްލާމްވަންތަކަމަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ނުކުރަށްވާނެ!

ދިވެހިރާއްޖޭގެ ލޮބުވެތި ތާރީޚުގެ ސަފުހާތައް ހެކިދޭ ގޮތުގައި، ދިވެހީންގެ އެންމެ އަގުބޮޑު ރައުސްމާލަކީ މި ޤައުމުގެ ސައްތައިން ސައްތަ އިސްލާމީ ވަޙްދަތާއި، މިނިވަންކަމާއި ސިޔާދަތެވެ. އެއީ އަޅުގަނޑުމެން އެންމެހާ ދިވެހި ވަންތަ ދިވެހީންގެ ވެސް ހިތުގެ އަޑީގެ ޤަބޫލުކުރުމެވެ. ހަމައެފަދައިން އަދު ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ބަސްފުޅުންނަމަ މި މަތިވެރި އަސާސްތަކަކީ އެއްވެސް ޙާލެއްގައި ދޫދެވޭނެ ނުވަތަ އެއާމެދު ސުވާލު އުފެއްދޭނެ ކަންކަމެއް ނޫނެވެ. ދިވެހި ރައްޔިތުންގެ ފުދުންތެރި، ބާއްޖަވެރި އަދި އަމާން ދިރިއުޅުމެއް ކަށަވަރުކުރުމަށްޓަކައި އެޅޭ ކޮންމެ ފިޔަވަޅެއްގެ އެންމެ ފުރަތަމަ އަދި އެންމެ ވަރުގަދަ ބިންގަލަކީ، ޤައުމުގެ މިނިވަންކަމާއި އިސްލާމްވަންތަކަމުގެ ރަތް ރޮނގު ފަހަނައަޅައި ނުދިއުމުގެ ޔަގީންކަންކަން އެމަނިކުފާނު ވަނީ އެކި ފަހަރުމަތީން ތަކުރާރުކުރަށްވާފައެވެ. އަދި މިއީ ޤައުމީ ތަރައްޤީގެ ދަތުރުގައި ދެގޮތެއްނުވެ ދަމަހައްޓަންޖެހޭ އަސާސީ އަހުދެއްކަމަށް ވެސް ވިދާޅުވެއެވެ.

ރަސްމާލެ މަޝްރޫޢުއާއި ގުޅުވައި އުފަންކުރުވާ ދޮގުތައް

Ad by Hajj Corporation

Ad by Hajj Corporation

ދިވެހިރާއްޖޭގެ ސަރުކާރާއި އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިންވެސްޓަރު މުހައްމަދު އަލާއްބާރު ގުޅިގެން "މާލްދީވްސް ވޯޓަރފްރަންޓް އެންޑް މެރީނާ" ގެ ނަމުގައި ބޮޑު މަޝްރޫއެއް ހިންގުމަށް ނިންމާފައިވާއިރު، އީމާރް ޕްރޮޕަޓީޒްގެ ބާނީ އަދި އަބޫދާބީގެ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން އަލާއްބާރު އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 12 ބިލިއަން އާއި 20 ބިލިއަން އެމެރިކާ ޑޮލަރާ ދެމެދުގެ އިންވެސްޓްމަންޓެއް އެކުލެވޭ، ރާއްޖޭގެ އިގްތިސާދީ ދާއިރާއަށް ބޮޑު ބަދަލެއް ގެނުވާނެ ތާރީޚީ މަޝްރޫއެކެވެ. މި ޖުމްލަތަކުގެ މި މިންވަރަކީ ވެސް ގައުމަށް ހެޔޮނޭދޭ ޒިންމާދާރުކަމެއް ނެތް އިދިކޮޅަކަށް ހަޖަމްވާ ކަމަކަށް ނުވެއެވެ. ރައްޔިތުންނަށް ކިތަންމެ ފައިދާއެއް ވާނެ މަޝްރޫޢުއެއް ނަމަވެސް ތިމާމެނަށް ނުވެ އޮތްކަމެއް ވިޔަ ނުދޭން ފޫގަޅައި ދޮގު ފެތުރުމަކީ މިއަދު މިދެންނެވި އިދިކޮޅުގެ މައިގަނޑު މަސައްކަތެވެ. އިދިކޮޅުން ބަލަނީ އެންމެފަސޭހައިން ރައްޔިތުން ލޭކެކޭނެ ގޮތަކީ ކޮބައިތޯއެވެ. އެގޮތަށް ބަލައި މި މަޝްރޫޢު އިސްލާމް ދީނާ ގުޅުވާލިއެވެ. އެއަށްފަހު ގުޅުވާލީ ޔަހޫދީންނާއެވެ.

އިދިކޮޅުން ކިތަންމެ ތުހުމަތެއް ކުރިއަސް، ދޮގެއް ފެތުރިއަސް ކުލަވާ ހަގީގަތަކީ އިސްރާއީލްގެ ރައްޔިތުން ރާއްޖެއަށް އެތެރެނުވެވޭނެ ނިންމުން ނިންމަން ކެރުނީ ވެސް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ކަމެވެ. އިސްރާއީލުން ޣައްޒާގައި ހިންގާ ލާއިންސާނީ ޖަރީމާތަކާއި ދެކޮޅަށް ބައިނަލްއަގްވާމީ މައިދާނުގައި ފަސްނުޖެހި އެންމެ ހަރުއަޑެއް ނެރެނީ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުންކަމެވެ. ހަމަ އެކަނި މި ދެ ހަގީގަތްމައްޗަށް ބުރަވެލިޔަސް އިދިކޮޅުގެ ވާހަކަތަކުގެ އަސާސެއްނެތްކަން ދޭހަވެއެވެ.

ދެން އޮތީ އިސްލާމީ ޝިޢާރު ދިރުވަން މި ސަރުކާރުން ކުރަށްވާ ބުރަ މަސައްކަތެވެ. ކުރު ޖުމްލަތަކަކުން އެމަސައްކަތް ސިފަކުރާނަމަ އިސްލާމީ ތަޢުލީމް ފުޅާކުރުމާއި، ރާއްޖޭގެ ކޮންމެ ރަށެއްގައި ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ގާއިމުކޮށް ޤުރްއާންގެ މަތިވެރި ޢިލްމު ފެތުރުމާއި، ރެކޯޑް އަދަދަކަށް މިސްކިތް ބިނާކޮށް، އާބާތުރަ ފިލުވުމާއި، ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ސެންޓަރުތަކާއި ވަގްފް އިމާރާތްތައް އެޅުއްވުމާއި، ހާފިޒުންގެ އަގު ވަޒަންކުރަށްވައި އެލަވަންސް ބޮޑުކުރެއްވުމާއި، އިމާމުންނާއި މިސްކިތު މަސައްކަތު މީހުންގެ އިނާޔަތަށް ޚާއްޞަ އިސްކަމެއް ދެއްވުމާއި، ހުއްޓުމެއްނެތް ދަރުސްތަކާއި، ސެމިނާތަކާއި، ދީނީ ޕްރޮގްރާމްތައް މުޅިރާއްޖެއަށް ފަތުރާލާފައިވުން ފަދަކަންކަމަކީ ކުރީގެ އެއްވެސް ސަރުކާރަކަށް މިކަންކަމާއި ގާތަށް ވެސް މަސައްކަތްކުރެވިފައިވާކަންކަމެއްނޫނެވެ.

އެހެންކަމުން އިދިކޮޅުން އެ ފަތުރާ ބުހުތާންތަކުގައި އޮއްޓަރެއްގެ މިންވަރުވެސް ނެތްކަން މި މަދު މިސާލުތަކުން ވެސް ހެކިދެއެވެ. ޔަގީންކުރާންވީ ކަންކަމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ދިވެހީންނަށް ދިވެހީންގެ ރާއްޖެއެެއް ބިނާކޮށްދެއްވުމަށް ކުރަށްވާ މަސައްކަތުގެ އަސާސްތަކުން މި ގައުމަށް ލިބެންއޮތް އާރޯކަމެވެ. ރައްޔިތުމީހާ އާއި ބައްދަލުކުރާނެ ފުދުންތެރިކަމެވެ. ޒަމާނީ ފަންނުވެރި ގައުމެއް ބިނާވުމުގައި އޮތް މޮޅު ގޮތްތަކެވެ. އެ ސިޔާސަތުތަކުގެ ބައެއް ހިތްމައްޗަށް ގެންނަމާ ބަހީއެވެ. އެ އަސާސްތައް ރައީސްގެ ތަގްރީރުތަކުން ނިކަން ސާފުވެއެވެ.

އިޤްތިޞާދީ މިނިވަންކަމާއި ސިޔާދަތުގެ ގުޅުން

ފަރުދެއް ކަމުގައިވިޔަސް، ޢާއިލާއެއް ނުވަތަ މުޅި ޤައުމެއް ކަމުގައިވިޔަސް، އަމިއްލަ ބަސް ބުނެ، މިނިވަންކަމާއެކު އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤު ލިބެނީ ފުދުންތެރިކަން ހުރެގެންނެވެ. ދަރަނީގެ މަޅީގައި ތާށިވެފައިވާ ފަރާތަކަށް އަބަދުވެސް އޮންނަންޖެހެނީ ދަރަނިދޭ ފަރާތުގެ ބާރާއި ނުފޫޒުގެ ދަށުގައެވެ. ޤައުމަކަށް ވުމަކުން މި ޙަޤީޤަތަކަށް ބަދަލެއް ނާދެއެވެ. ޤައުމެއްގެ އަމިއްލަވަންތަކަމާއި، ދީނާއި، ސަގާފަތް ފުރިހަމައަށް ރައްކާތެރިކުރެވެނީ ބޭރުގެ އެހީއާއި ދަރަންޏަށް ސަލާންޖަހަން ނުޖެހޭފަދަ ހަރުދަނާ އިޤްތިޞާދެއް ބިނާކުރެވިގެންނެވެ. އެހެންކަމުން، ސިޔާސީ މިނިވަންކަން ދެމެހެއްޓުމުގެ އެންމެ މައިގަނޑު ތަނބަކީ އިޤްތިޞާދީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމެވެ.

ދަރަނީގެ އަޅުވެތިކަމުން މިނިވަންވުން

މާޒީގައި ހަތިޔާރު އަޅައިގެން އައި އިސްތިޢުމާރީ ބާރުތަކުގެ ކިބައިން އަޅުގަނޑުމެންގެ ކާބަފައިން މި ޤައުމު ސަލާމަތްކުރި ފަދައިން، ޒަމާނީ ދުނިޔޭގައި ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ދަރަނީގެ އަޅުވެތިކަމެވެ. މި އަޅުވެތިކަމުން ސަލާމަތްވުމަށްޓަކައި، އެތެރޭގެ ސިޔާސީ ތަޢައްޞުބާއި ފިތުނަ ފަސާދައިގެ އަލިފާންތައް ނިއްވާލައި، ޤައުމީ މަޞްލަޙަތު އިސްކުރަންޖެހެއެވެ. ދުނިޔޭގެ ޤައުމުތައް ކުރިއަރަމުންދާ ދުވެއްޔަށް ލޯހުޅުވައި، ދިވެހި ޒުވާނުންނާއި އަންނަން އޮތް ޖީލުތަކުގެ ޙައްޤުގައި އިޤްތިޞާދީ އިންޤިލާބީ ބަދަލުތަކަކަށް އަޅުގަނޑުމެން ރުޖޫޢަވާން އެބަޖެހެއެވެ. މިއިން ކޮންމެ ބަދަލެއް ގެންނަންވާނީ ޤައުމުގެ ސިޔާދަތާއި އިސްތިޤްލާލަށް އެއްވެސް އުނިކަމެއް ނާންނާނެކަން ކަށަވަރުކުރުމާއެކުގައެވެ.

އިސްލާމީ ވަޙްދަތާއި ތަހުޒީބީ ތަރައްޤީ

ތަރައްޤީއަކީ ހަމައެކަނި އުސް ޢިމާރާތްތަކާއި ބޮޑެތި ބަނދަރުތަކެއް ނޫނެވެ. ދިވެހީންގެ ޙަޤީޤީ ތަރައްޤީ ގުޅިފައިވަނީ މާއްދީ ތަރައްޤީއާއެކު، މާނަވީ އަދި އަޚްލާޤީ ތަރައްޤީ އެއްވަރަކަށް ކުރިއަށް ގެންދިއުމުގެ މައްޗަށެވެ. ދިވެހިރާއްޖޭގެ ސައްތައިން ސައްތަ އިސްލާމްވަންތަކަމަކީ އަޅުގަނޑުމެންގެ އިޖުތިމާޢީ ހަމަޖެހުމާއި އެއްބައިވަންތަކަމުގެ މައިބަދައެވެ. އެހެންކަމުން، ބޭރުގެ ފިކުރުތަކާއި ނުފޫޒުތަކުގެ ސަބަބުން އަޅުގަނޑުމެންގެ ދީނީ ޢަޤީދާއަށާއި ޤައުމީ އަގުތަކަށް އެއްވެސް ލޮޅުމެއް އެރިޔަދީގެން ނުވާނެއެވެ. ދައުލަތް ހިންގުމުގައާއި ސިޔާސަތުތައް އެކަށައެޅުމުގައި އިސްލާމީ އުޞޫލުތައް ނަގަހައްޓައި، ދިވެހި ދިދައިގެ ހިޔަލުގައި އެންމެހައި ރައްޔިތުންނަށް އަމާންކަން ހޯދައިދިނުމަކީ ޤައުމީ ފަރުޟެކެވެ.

ޤައުމީ ތަޞައްވުރާއި ކުރިމަގުގެ ޔަގީންކަން

މި ދެންނެވި އަމާޒަށް ވާޞިލުވެވުމުން، ދިވެހި ދައުލަތުގެ މާލީ އަދި އިޤްތިޞާދީ މައިކަށި ހަރުދަނާވެ، ބައިނަލްއަޤްވާމީ މަސްރަޙުގައި ފަޚުރުވެރިކަމާއެކު ބަސްބުނުމުގެ ފުރިހަމަ ޤާބިލުކަން ދިވެހިރާއްޖެއަށް ލިބިގެންދާނެއެވެ. ތަރައްޤީވަމުން އަންނަ ޤައުމުތަކުގެ ޞަފުން ކުރިއަށް ޖެހިލައި، ދުނިޔެ ޤަބޫލުކުރާ ތަހުޒީބު ދައުލަތަކަށް މި ޤައުމު ވެގެންދިއުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް އެންމެ ބޮޑު އުންމީދެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުން މިހާތަނަށް ކުރެއްވި މަސައްކަތްޕުޅަށް ހަމައެކަނި ފިކުރު ހިންގައިލި ނަމަވެސް މި ލޮބުވެތި ދިވެހި ވަޠަނުގެ މިނިވަންކަމާއި، ސިޔާދަތާއި، ސައްތައިން ސައްތަ އިސްލާމްވަންތަކަމަށް ކުޑަނަމަވެސް އުނިކަމެއް އަންނާނެ އެއްވެސް ކަމެއް ނުކުރުމަކީ ކަށަވަރުވެފައިވާ ވަރުގަދަ ޔަގީންކަމެކެވެ. އެމަނިކުފާނުގެ ޒަޢާމަތުގައި ކުރިއަށް އޮތް ތަނުގައިވެސް ނިންމާ ކޮންމެ ނިންމުމަކާއި އަޅާ ކޮންމެ ފިޔަވަޅެއް ވާނީ، ދިވެހި ޤައުމިއްޔަތުގެ އެންމެހައި ބަހާތަކަށް ދިރުމާއި އާރޯކަން ގެނެސްދީ، ދިވެހި ރައްޔިތުންގެ ފަޚުރުވެރިކަން ދުނިޔޭގެ ކުރިމަތީގައި އުފުލައިދޭނެ ހަރުދަނާ ފިޔަވަޅުތަކަކަށްކަން ކަށަވަރެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަށަވަރުވާ ޔަގީންކަން: ޤައުމުގެ މިނިވަންކަމާއި އިސްލާމްވަންތަކަމަށް އުނިކަން އަންނާނެ އެއްވެސް ކަމެއް ނުކުރަށްވާނެ!ރިޕޯޓް | 39 މިނިޓު ކުރިންހިޔާވަހި ލޯނު ފުރިހަމައަށް ނުލިބުނު ފަރާތްތަކަށް ޓޮޕްއަޕް ހަމަޖައްސައިދެވޭތޯ ބައްލަވަނީޚަބަރު | ދުވަހެއް ކުރިންޖުމްހޫރީ ދުވަހާ ގުޅުވައިގެން ނޮވެމްބަރު 12 ބަންދުކޮށްފިޚަބަރު | ދުވަހެއް ކުރިންގައުމީ ރުކުނަކަށް އުނިކަމެއް އަންނާނެ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެކަމުގެ ޔަގީންކަންދެން: ރައީސްޚަބަރު | 2 ދުވަސް ކުރިން