އިޒްރާއީލުގެ ޤަތުލުއާންމު ކުއްވެރިކޮށް ޣައްޒާއަށް އެހީ ވެއްދުމުގެ ހުއްދަ ދިނުމަށް ހެމިލްޓަން ގޮވާލައިފި
12 ނޮވެމްބަރު 2026 - 03:35

މިސްރާއި ޣައްޒާ ގުޅޭ ރަފާހު ބޯޑަރު ސަރަހައްދަށް ޒިޔާރަތްކުރުމަށްފަހު، އެހީ ހިފައިގެންދާ ލޮރީތައް ޣައްޒާއަށް ވެއްދުމުގެ ހުއްދަ ދިނުމަށް ފޯމިއުލާ ވަންގެ މަޝްހޫރު ޑްރައިވަރު ލުވިސް ހެމިލްޓަން އިސްރާއީލަށް ގޮވާލައިފިއެވެ.
ދުނިޔޭގެ ޗެމްޕިއަންކަން 7 ފަހަރު ހޯދާފައިވާ ހެމިލްޓަން އަންގާރަ ދުވަހު މިސްރުގެ އަލްއަރީޝަށް ގޮސް، މިސްރުގެ ރެޑް ކްރެސެންޓުގެ ގުދަންތަކާއި ރަފާހު ބޯޑަރު ބަލައިލައި، އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތައް ރޭވިފައިވާ ގޮތް ވަނީ ބަލައިފައެވެ. އެއަށްފަހު ބުދަ ދުވަހު އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި އޭނާ ބުނީ، ވޭތުވެދިޔަ ތިން އަހަރު ޣައްޒާގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކަކީ ނަސްލުހޭދަކުރުން (ޖެނޮސައިޑް) ކަމަށާއި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި އިންސާނުންގެ މިނިވަންކަމާއި ރައްކާތެރިކަމާއި އަބުރު ގެއްލުވައިލުމަކީ ބޮޑު ބޭއިންސާފެއް ކަމަށް އޭނާ ފާހަގަކުރިއެވެ.
.png&w=750&q=75)
Ad by Hajj Corporation
ރަފާހު ބޯޑަރުގައި ކާބޯތަކެތި ހިފައިގެން ޣައްޒާއަށް ވަނުމަށް ތައްޔާރުވެފައިވާ ގިނަ އަދަދެއްގެ ލޮރީތައް ގިނަ ދުވަސްތަކެއް ވަންދެން މަޑުކުރަން ޖެހިފައިވާ މަންޒަރު ފެނުނު ކަމަށް ހެމިލްޓަން ބުންޏެވެ. އަދި އެހީގެ ތަކެތި ބަލައިފާސްކުރާ މަރުކަޒުން ނިދާ ކޮތަޅާއި ފުރަތަމަ އެހީގެ ސާމާނާއި ސިއްހީ އާލާތްތަކާއި ފުރޮޅުލީ ގޮނޑި އަދި ކުޑަކުދިން ކުޅޭ ބޯޅަ ފަދަ ތަކެތި އެއްވެސް އަސާސެއް ނެތް ސަބަބުތަކާ ހުރެ އެތެރެކުރުމަށް ހުރަސްއަޅާފައިވާ ކަމަށްވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން ހެމިލްޓަން ބުނީ، ހަމަލާތައް ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން އިސްރާއީލުން އަދާކުރަންޖެހޭ ޒިންމާތައް އަދާކޮށް، އެއްވެސް ބަހަނާއެއް ނުދައްކައި އެހީގެ ލޮރީތައް ޣައްޒާއަށް ވެއްދުމުގެ ފުރުސަތު ދޭންޖެހޭ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުން ތަހައްމަލުކުރަމުންދާ ތަކުލީފުތަކަށް ދުނިޔެ ލޯމަރާލައިގެން ތިބެގެން ނުވާނެ ކަމަށްވެސް އޭނާ ބުންޏެވެ. ނަމަވެސް އިސްރާއީލުން އަބަދުވެސް ނަސްލުހޭދަކުރުމުގެ ތުހުމަތުތައް ދޮގުކުރަމުންދަނީ އެ ގައުމުގެ އަސްކަރީ ހަރަކާތްތަކަކީ ހަމާސް ޖަމާއަތާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކެއް ކަމަށް ބުނެއެވެ.
އިންސާނީ އެހީތެރިކަމުގެ ދާއިރާއިން އަޑުއުފުލަމުން އަންނަ އުމުރުން 41 އަހަރުގެ ހެމިލްޓަންއަކީ 2021 ވަނަ އަހަރު ޒުވާނުންނަށް ތައުލީމާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމަށް "މިޝަން 44" ގެ ނަމުގައި ޗެރިޓީއެއްވެސް އުފައްދާފައިވާ ފަރާތެކެވެ. ފެރާރީ ޓީމަށް ދުއްވާ ހެމިލްޓަން މިވަގުތު އޮތީ ޑްރައިވަރުންގެ ޗެމްޕިއަންޝިޕްގެ ހަތަރުވަނައިގައެވެ. މި ސީޒަނުގެ ތިން ރޭސް ބާކީ އޮއްވައި ޗެމްޕިއަންކަން ކަށަވަރުކޮށްފައިވަނީ މާސިޑީޒްގެ ޑްރައިވަރު ކީމީ އެންޓޮނެލީއެވެ.

-01.jpg&w=3840&q=75)
