މެމްބަރު ފަލާހުގެ މުސާރައިން 10 އިންސައްތަ އުނިކުރަނީ

މެމްބަރު ފަލާހު

25 އޮކްޓޯބަރު 2024 - 04:14
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގައުމުގެ އިގްތިސާދު ރަނގަޅުކުރުމަށް އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކަށް އެއްބާރުލުން ދެއްވުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުން ލިބޭ މުސާރައިގެ 10 އިންސައްތަ އުނިކުރަން އިނގުރައިދޫ ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ފަލާހު ނިންމަވައިފިއެވެ.
މެމްބަރު މިކަން ހާމަކުރައްވައި ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒު ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅުކޮށް އާއްމުދަނީ އިތުރުކުރުކޮށް ހަރަދުތައް ކުޑަކުރުމަށް އަޅުއްވަމުން ގެންދަވާ މުހިންމު ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނޮވެމްބަރު މަހުން ފެށިގެން އެއް އަހަރުދުވަހުގެ މުއްދަތަށް މަޖިލީހުގެ މުސާރައިން 10 އިންސައްތަ އުނިކުރަން ނިންމާފައިވާކަމަށެވެ.
އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން، ދައުލަތުގެ ޚަރަދުތައް ކުޑަކުރުމުގެ މަޤްޞަދުގައި ގިނަ ފިޔަވަޅުތަކެއް އެޅުއްވުމަށް ރައީސް ނިންމަވާފައިވާއިރު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވީތީ ލިބިވަޑައިގަންނަވާ މުސާރައިގެ 50 އިންސައްތަ ނުނަންގަވާގޮތަށް އެމަނިކުފާނު ވަނީ ނިންމަވާފައެވެ.
މީގެ އިތުރުން ސިޔާސީ މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމާއި، ބޭންކްތައް ފިޔަވައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމާއިއެކު، ބައެއް ކުންފުނިތަކުގެ މުސާރައިގެ އޮނިގަނޑު މިވަގުތު އޮތް ގޮތުން 1 ލައްކަ ރުފިޔާއަށްވުރެ ބޮޑު މުސާރަ ލިބިވަޑައިގަންނަވާ ވެރީން ތިއްބެވިއިރު، ކުންފުނިތަކުގެ ވެރީންނަށް ދެވޭނެ އެންމެ ބޮޑު މުސާރައަކީ 90،000 ރުފިޔާ ކަމަށް ކަނޑައެޅުމާއި، މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް، ކަމާބެހޭ ފަރާތްތަކަށް ހުށަހެޅުމުގެ އިތުރުން ޝަރުޢީ ދާއިރާގެ އިސްވެރިންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރައިން 10 އިންސައްތަ އުނިކުރުމަށް، އެ ފަރާތްތަކުގައި އެދިވަޑައިގަތުމަށް ނިންމަވާފައިވާކަމަށް ރައީސް ވަނީ ހާމަކުރައްވާފައެވެ.
ދައުލަތުގެ ޚަރަދުތައް ބެލެހެއްޓުމުގެ ޤާބިލުކަން އިތުރުކުރުމަށާއި، ސަރުކާރުގެ ހިންގުން ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިހާރުވެސް ގެންދަވަނީ މާލީ ދާއިރާގެ ތެރެއިން އިޞްލާޙީ ބޮޑެތި ބަދަލުތަކެއް އިއުލާންކުރައްވަމުންނެވެ.