ސާބިއާ ބަލިކޮށް ނޭޝަންސް ލީގުގެ އުންމީދު ޖަރުމަނުން ދަމަހައްޓައިފި
14 ނޮވެމްބަރު 2026 - 04:59

ޔޫއެފާ ނޭޝަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގައެއް ހޯދުމަށް ޖަރުމަނުން ކުރަމުން އަންނަ އުންމީދުތައް، ރޭ ސާބިއާ އަތުން 3-1 އިން މޮޅުވެ އެ ޓީމުން ދަމަހައްޓައިފިއެވެ. ސާބިއާގެ ރާޖްކޯ މިޓިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗަށް ޔާގެން ކްލޮޕްގެ ޖަރުމަނު ނުކުތްއިރު ގްރޫޕުގައި އޮތީ އެންމެ މޮޅެކެވެ. ނަމަވެސް މި މޮޅާއި، ގްރޫޕުގެ އަނެއް މެޗުގައި ނެދަލެންޑްސް އަތުން 7-0 އިން ގްރީސް ބަލިވުމާ ގުޅިގެން، މުބާރާތުގެ ގަދަ އަށަކަށް ދިއުމުގެ ފުރުސަތު ޖަރުމަނަށް މިހާރު ވަނީ ތަނަވަސްވެފައެވެ.
މެޗު ފެށިގެން ތިންވަނަ މިނެޓުގައި މެކްސިމިލިއަން މިޓެލްސްޓެޑް ނެގި ކޯނަރަކުން ކައި ހަވާޓްޒް ބޮލުން ޖެހި ބޯޅަ ސާބިއާގެ ސްރްޔާން ބަބިޗް ގައިގައި ޖެހިފައި ބައިކޮޅަށް ވަދެ ޖަރުމަނުން ލީޑު ނެގިއެވެ. އޭގެ 11 މިނެޓު ފަހުން ފްލޯރިއަން ވާޓްޒް ވަނީ އެ ޓީމުގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. ދެވަނަ ހާފުގެ ކުރީކޮޅު، 50 ވަނަ މިނެޓުގައި ބްރަޔާން ގްރޫޑާ ވަނީ ހިތްގައިމު ކުޅުމަކަށްފަހު ޖަރުމަނުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
.png&w=750&q=75)
Ad by Hajj Corporation
ސާބިއާގެ ބަބިޗް ޖެހި ލަނޑުން އެ ޓީމަށް ކުޑަ އުންމީދެއް ލިބުނު ނަމަވެސް، މެޗުގެ 76 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ވަންޔާ ޑްރަގޮޔެވިޗް ކިމިކަށް ކުރި ފައުލަކާ ގުޅިގެން ރަތް ކާޑު ދެއްކުމުން އެ ޓީމު ވަނީ އިތުރަށް ހާސްކަމުގެ ތެރެއަށް ވެއްޓިފައެވެ. އަދި 89 ވަނަ މިނެޓުގައި ބޭއަދަބީ ބަހުރުވައިން ވާހަކަދެއްކުމުގެ ސަބަބުން އަންދްރިޔާ ޒިވްކޮވިޗަށް ވެސް ރަތް ކާޑު ދައްކައި، ސާބިއާ މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާއެކުގައެވެ.
މި ނަތީޖާއާއެކު ސާބިއާ ރެލިގޭޓްވިއިރު، އަށް ޕޮއިންޓާއެކު އޮތް ޖަރުމަނު ދެން ނުކުންނާނީ 11 ޕޮއިންޓާއެކު އެއްވަނައިގައި އޮތް ނެދަލެންޑްސްއާ ދެކޮޅަށެވެ. އެ މެޗުން މޮޅުވެގެން ޖަރުމަނަށް ކުއާޓާ ފައިނަލުން ޖާގަ ކަށަވަރުވާނެއެވެ.

-01.jpg&w=3840&q=75)
