މެސީ ރިޓަޔަރ ކުރުމާއެކު އާޖެންޓީނާ ބަލިވާން ފަށައިފި
14 ނޮވެމްބަރު 2026 - 14:05
.jpg&w=3840&q=75)
ލިއޮނަލް މެސީ ބައިނަލްއަޤްވާމީ ފުޓްބޯޅައިން ރިޓަޔާވެ، އަލްވަދާޢުކީ މެޗަށްފަހު އާޖެންޓީނާ ކުޅުނު ފުރަތަމަ އެކުވެރިކަމުގެ މެޗުން 2-1 ގެ ނަތީޖާއަކުން އުރުގުއާއީ އަތުން ބަލިވެއްޖެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާއިން ގިނަ ހަމަލާތަކެއް އުފައްދައި، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން ހޫލިއަން އަލްވަރޭޒް ފޮނުވާލި ހަމަލާއަކާއި ތިއާގޯ އަލްމާދާގެ ރީބައުންޑް ބޯޅައިގެ އިތުރުން އެންޒޯ ފެނާންޑޭޒާއި ފަކުންޑޯ މެދީނާ ފޮނުވާލި ހަމަލާތައް އުރުގުއާއީގެ ކީޕަރު ކްރިސްޓޮފާ ފިއާމަރިން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި ނީކޯ ޕާޒް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.
.png&w=750&q=75)
Ad by Hajj Corporation
ފުރަތަމަ ހާފުގައި ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުމުގެ އަދަބު އާޖެންޓީނާއަށް ލިބުނީ ދެވަނަ ހާފު ފެށުނުތަނާއެވެ. ދެވަނަ ހާފު ފެށިގެން 3 ވަނަ މިނެޓުގައި ލިއޮނާޑޯ ބަލާޑީ އަތުން ބައިކޮޅަށް ވަން ލަނޑާއެކު އުރުގުއާއީއިން ލީޑު ނެގިއެވެ. އެއަށްފަހު މެޗުގެ 53 ވަނަ މިނެޓުގައި ކޯނަރަކުން ތަނަވަސްވި ފުރުސަތެއްގައި ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މެކްސީ އަރައުހޯ ވަނީ އުރުގުއާއީގެ ލީޑު ފުޅާކޮށްދީފައެވެ.
ދެ ލަނޑުގެ ފަރަގެއް އޮތް ނަމަވެސް، އާޖެންޓީނާއިން ކުރިއަށްޖެހި ކުޅެ މެޗުގެ 71 ވަނަ މިނެޓުގައި ފަރަގު ކުޑަކުރިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޫލިއަން އަލްވަރޭޒެވެ. ނަމަވެސް އޭގެ ފަހުން ލިބުނު ފުރުސަތުތަކުގައި ނަތީޖާ ހަމަހަމަ ކުރެވޭ ގޮތެއް ނުވިއެވެ. މިއާއެކު އުރުގުއާއީގެ ކޯޗު ޑިއޭގޯ ފޯލާންގެ އިރުޝާދުގެ ދަށުން އެ ޓީމު މިވަނީ ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދާފައެވެ.
އާޖެންޓީނާއިން މުޅި މެޗުގައި 17 ހަމަލާ އުފައްދައި، އޭގެ ތެރެއިން 6 ހަމަލާ ގޯލާ އަމާޒުކުރި ނަމަވެސް އެދެވޭ ނަތީޖާއެއް ނެރެވޭ ގޮތެއް ނުވިއެވެ. އެއާ ޚިލާފަށް އުރުގުއާއީއިން ފޮނުވާލި 6 ހަމަލާގެ ތެރެއިން ގޯލަށް އަމާޒުވި 3 ހަމަލާއިން އެ ޓީމު ވަނީ ނަތީޖާ ނެރެދީފައެވެ.
ކޯޗު ލިއޮނަލް ސްކަލޯނީ އާ ކޮންޓްރެކްޓެއްގައި ސޮއިކުރުމަށްފަހު ނުކުތް މި މެޗުން ބަލިވި ނަމަވެސް، ކުރިއަށް އޮތް އަންގާރަ ދުވަހު ކޮސްޓަރީކާއާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމުގެ ކުޅުން ރަނގަޅުކޮށް އަލުން މޮޅުވުމުގެ މަގަށް ރުޖޫޢަވާން އާޖެންޓީނާ އުންމީދު ކުރާނެއެވެ.

-01.jpg&w=3840&q=75)
