logo
MPL

MPL

ވިޔަފާރި

ސަރުކާރާއި ރައްޔިތުންގެ އުއްމީދުތައް ހާސިލް ކޮށްދިނުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރާނެ

އަޙުމަދު ރަމީޒު
15 ނޮވެމްބަރު 2026 - 17:35
ސަރުކާރާއި ރައްޔިތުންގެ އުއްމީދުތައް ހާސިލް ކޮށްދިނުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރާނެ

ސަރުކާރާއި، ރައްޔިތުންގެ އުއްމީދުތައް ހާސިލްކޮށްދިނުމަށް ސްޓެލްކޯގެ މުވައްޒަފުން ހުއްޓުމެއްނެތި މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވެއްޖެ އެވެ.

ޑރ. އަޒުވަރު މިހެން ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ ހިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމުގެ މަރުހަލާގައި މަސައްކަތް ކުރި މުވައްޒަފުންގެ އަގުވަޒަން ކުރުމަށް މިއަދު ބޭއްވި ހާއްސަ ހަފްލާގާއި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޑރ. އަޒުވަރު ވިދާޅުވީ މިދިޔަ ސެޕްޓެމްބަރު 30 އިން މިމަހު ހަވަނަ ދުވަހުގެ ނިޔަލަށް ކުންފުނީގެ ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުން ކުރި ބުރަ މަސައްކަތުން އެ މަސައްކަތް ކަނޑައެޅިފައިވާ ތާރީހަށް ނިންމާލެވިފައިވާ ކަމަށެވެ.

"އެކަމަށްޓަކައި ކުންފުނީގެ މުވައްޒަފުން ކޮށްދެއްވި ބުރަ މަސައްކަތައް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން،" އަޒުވަރު ވިދާޅުވި އެވެ.

މި ބަދަލާއެކު ރާއްޖޭގެ ޔުޓިލިޓީ ދާއިރާގައި މުޅި ރާއްޖެއަށް ޚިދުމަތް ފޯރުކޮށްދިނުމުގައި އެ ކުންފުނީގެ ދައުރާއި ޒިންމާ ކުރިއަށްވުރެ ބޮޑުވެގެންދާނެ ކަންވެސް އަޒުވަރު ފާހަގަކުރައްވާފައިވެ އެވެ. މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެން ސްޓެލްކޯއިން އަދާކުރަންޖެހޭ ދައުރު ފުރިހަމައަށް އަދާކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ. ސަރުކާރުގެ ލެވެލްގައާއި ރައްޔިތުންގެ ފަރާތުން މިކަމުގައި ކުރާ އުއްމީދުތައް އިތުބާރާއެކު ފޯރުކޮށްދިނުމަށްޓަކައި، ކުންފުނީގެ ހުރިހާ މުވައްޒަފުން، ހާއްސަކޮށް އިސް ސަފުގައި ތިއްބެވި ބޭފުޅުން ސްޓްރެޓީޖިކަލީ މަސައްކަތްކުރެއްވުމަށް އަޒުވަރު އެދިވަޑައިގެންނެވި އެވެ.

އަޒުވަރުގެ ވާހަކައިގައި ވަނީ އިތުބާރު ހުރި ހިދުމަތެއް ލިބޭ ތަނެއްގެ ގޮތުގައި ސްޓެލްކޯގެ ބްރޭންޑް މިހާރުވެސް ހިފެހެއްޓިފައިވާކަން ފާހަގަކުރައްވާފަ އެވެ. ފެނަކައިގެ އިންވެސްޓްމަންޓްތަކާއެކު ދިވެހިރާއްޖޭގެ ބޮޑެތި ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކުންފުނީގެ ގޮތުގައި މިހާރު އެންމެން ގުޅިގެން ކުރިއަށްދާއިރު، ރައްޔިތުންނާއި ސަރުކާރުން ކުރާ އުއްމީދުތައް ހަގީގަތަކަށް ހެދުމުގެ ޒިންމާގެ ބޮޑުކަން އިހްސާސް ކުރެއްވޭ ކަމަށްވެސް ވިދާޅުވި އެވެ.

"މިޒިންމާއަކީ އަޅުގަނޑުމެން ހުރިހާ އެންމެންގެ ކޮނޑުގައި އެޅިފައި އޮތް ޒިންމާއެއް. އެކަމަށްޓަކައި އަޅުގަނޑުމެން އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭ،" އަޒުވަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ސްޓެލްކޯގެ ތެރޭގައި މިހާރުވެސް ހިފަހައްޓަމުންދާ ރަނގަޅު އުސޫލުތައް ކުރިއަށް އޮތް ތަނުގައިވެސް ހިފަހައްޓަމުން ގެންދެވިއްޖެނަމަ، ދިމާވާ ގިނަ ކަންތައްތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. ވަރަށް ގިނަ މުވައްޒަފުންގެ ބުރަ މަސައްކަތާއެކު ނިންމާލެވިގެން މިދިޔައީ ތާރީޚީ ގޮތުން މުހިންމު މަސައްކަތެއް ކަމުގައިވެސް ވިދާޅުވި އެވެ. ހާއްސަކޮށް ފުރަތަމަ މަރުހަލާގެ ދުވަސްތަކުގައި، މުވައްޒަފުންނާ ގުޅޭގޮތުން ގެންގުޅޭ އެންމެހައި އުސޫލުތައް ފުރިހަމައަށް ދަމަހައްޓައި، ސްޓެލްކޯއަކީ ހަރުދަނާ އުސޫލެއްގެ ތެރެއިން ހިނގާ ތަނެއްކަން ހުރިހާ މުވައްޒަފުންނަށް އިހުސާސްވާންޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

އަޒުވަރު ވިދާޅުވީ މި މަރުހަލާ ކާމިޔާބުކަމާއެކު ނިންމައި، ހިދުމަތްތަކާ ހަވާލުވުމަށްފަހު ދެން އޮތް އެންމެ ބޮޑު އަދި އުނދަގޫ މަސައްކަތަކީ ރައްޔިތުންނަށް އެކަށީގެންވާ ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. ރަށްރަށުގެ ފެންވަރުގައި ރައްޔިތުން އެދޭފަދަ ފުރިހަމަ ހިދުމަތެއް ފޯރުކޮށްދިނުމަކީ ކުންފުންޏާ މެދު އޮތް ވަރަށް ބޮޑު އުއްމީދަކަށްވާތީ، އެ އުއްމީދުތައް ހަގީގަތަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

އަޒުވަރު ވިދާޅުވީ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ބޮޑެތި އިންވެސްޓްމަންޓްތަކެއް ކުރަންޖެހޭ ކަމަށެވެ. ހާއްސަކޮށް ބޮޑެތި އާބާދީތައް ހިމެނޭ ރަށްރަށުގެ ހިދުމަތްތައް ތަރައްގީކުރުމަށް ބޮޑެތި އިންވެސްޓްމަންޓްތައް ކުރުމަށް މިހާރުވެސް ރޭވިފައިވާ ކަމަށެވެ. މީގެ އިތުރުން އަދިވެސް ވަރަށް ގިނަ ރަށްރަށުގައި އިންޖީނުގެތައް ހުރީ އާންމުން ދިރިއުޅޭ ސަރަހައްދުތަކުގައި ކަމަށް ވިދާޅުވި އެވެ. އަދި ބައެއް ރަށްރަށުގައި ރަށުގެ މެދުތެރޭގައާއި ރައްޔިތުންނަށް އުނދަގޫވާ ގޮތަށް ހުރުމުގެ ސަބަބުން، އިންޖީނުތަކުގެ އަޑާއި ދުމުގެ އުނދަގޫ ކައިރީގައި ދިރިއުޅޭ ރައްޔިތުންނަށް އިންތިހާއަށް ފޯރަމުންދާކަން ފާހަގަކުރެވޭ ކަމަށް ވިދާޅުވި އެވެ.

އަޒުވަރު ވިދާޅުވީ ސަރުކާރުގެ މިހާރުގެ އަމާޒަކީ ވީ އެންމެ އަވަހަށް މިފަދަ އިންޖީނުގެތައް އާންމުން ދިރިއުޅޭ ސަރަޙައްދުތަކާ ދުރަށް ބަދަލުކުރުން ކަމަށާއި، އަންނަ އަހަރުގެ ނޮވެމްބަރު މަހާ ހަމައަށް އެކަށީގެންވާ ބޮޑެތި މަސައްކަތްތަކެއް ނިންމުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. މީގެ އިތުރުން މިއީ ކުރު މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭ ވަރަށް ގިނަ އަދި ބުރަ މަސައްކަތްތަކެއް ކަމުގައިވެސް ވިދާޅުވި އެވެ.

އަޒުވަރު ވަނީ ސްޓެލްކޯގެ މަސައްކަތްތަކުގައި ކާމިޔާބު ނަތީޖާއެއް ހާސިލުކުރުމަށްޓަކައި، ކުންފުނީގެ ހުރިހާ މުވައްޒަފުންގެ ފުރިހަމަ އެއްބާރުލުމާއި، ވަގުތާއި، ބައިވެރިވުން ހިއްސާކުރުމަށް އެދިވަޑައިގެންފަ އެވެ. މީގެ އިތުރުން ރައްޔިތުންނަށް ލިބެމުން އަންނަ އަސާސީ ހިދުމަތްތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ޑރ. އަޒުވަރު ވަނީ ޝުކުރުވެސް އަދާކުރައްވާފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސަރުކާރާއި ރައްޔިތުންގެ އުއްމީދުތައް ހާސިލް ކޮށްދިނުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރާނެވިޔަފާރި | 7 މިނިޓު ކުރިންފެނާއި ނަރުދަމާ އިތުރަށް ތަރައްޤީކުރަން ސްޓެލްކޯއާ ބޮޑު 6 މަޝްރޫޢެއް ޙަވާލުކޮށްފިޚަބަރު | 5 ދުވަސް ކުރިންރައީސްގެ ނިންމެވުމާ އެއްގޮތަށް، ފެނަކައިގެ ޚިދުމަތްތައް ސްޓެލްކޯއަށް ބަދަލުކޮށް ނިންމާލައިފިޚަބަރު | 10 ދުވަސް ކުރިންތިނަދޫ ސިޓީގެ ޔުޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއިން ރަސްމީކޮށް ފަށައިފިޚަބަރު | 19 ދުވަސް ކުރިން