ރަސްމާލެއާ ގުޅޭގޮތުން އިދިކޮޅުން ދައްކަނީ ޙަޤީޤަތް އޮޅޭ ވާހަކަތަކެއް: ރައީސް މުޢިއްޒު
17 ނޮވެމްބަރު 2026 - 19:06

އިސްލާމްދީނާއި ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތީ ބާރާއި ދިވެހިން ޤަބޫލުކުރާ ހަމަތަކާ ޚިލާފުވާ އެއްވެސް އިންވެސްޓްމަންޓެއް ރާއްޖޭގައި ނުހިންގާނޭ ކަމަށާއި، ރާއްޖޭގައި އިންވެސްޓްކުރާނީވެސް އެފަދަ ހަމަތައް ޤަބޫލުކުރާ ފަރާތްތަކުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، މި ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
.png&w=750&q=75)
Ad by Hajj Corporation
ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ގެދޮރުވެރިކަމަށް ސަރުކާރުން މިހާތަނަށް ކުރަމުންދާ މަސައްކަތްތަކަށާއި ރަސްމާލެއާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން، ރަސްމާލެ މަޝްރޫޢާ ބެހޭގޮތުން ދައްކަމުންދާ ވާހަކަތަކަކީ ކަންކަމުގެ ޙަޤީޤަތް އޮޅޭގޮތަށް އިދިކޮޅު ފަރާތްތަކުން ފަސޭހަކަމާއެކު ފަތުރަމުންދާ ވާހަކަތަކެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އެފަދަ ކަންކަމުގައި ޝައްކު އުފައްދައި، ނުރަނގަޅު ތަޞައްވުރެއް ރައްޔިތުންގެ މެދުގައި އުފެއްދުމަށް މަސައްކަތްކުރަނީ އިޚްލާޞްތެރި ނިޔަތެއްގައި ނޫން ކަމަށާއި އެކަން ރައްޔިތުން ބަލައިނުގަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް ބުރޫއަރާނެ އެއްވެސް ކަމަކަށް ޖާގަ ނޯންނާނެކަން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި އިންވެސްޓްކުރަން އަންނާނީ ދިވެހިންގެ ހަމަތަކަށް އިޙްތިރާމްކުރާ ފަރާތްތައް ކަމަށާއި އެކަންކަން ޤަބޫލުނުކުރެވޭ ފަރާތްތަކަށް ފުރުޞަތެއް ނޯންނާނެ ކަމަށެވެ. މިއީ ސަރުކާރުން ވަރަށް ސާފުކޮށް ބަޔާންކޮށް، ސާބިތުކަމާއެކު ހިފަހައްޓަމުން އަންނަ ސްޓޭންޑެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ގެދޮރުވެރިކަމުގެ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ރައްޔިތުން ގެދޮރުވެރިކުރުމަށް ބަޖެޓުގެ ބޮޑު އިންސައްތައެއް ކަނޑައަޅާފައިވާ ކަމަށާއި އަންނަ އަހަރަކީ އެ މަޝްރޫޢުތައް ނިންމުމަށް އަމާޒުހިފާފައިވާ އަހަރު ކަމަށެވެ. އަދި ސަރުކާރުގެ ވިސްނުމަކީ އާބާދީގެ ނިސްބަތާއި ދިރިއުޅޭ ސަރަޙައްދަށް ނުބަލައި ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު އެއް ފެންވަރެއްގައި ޚިދުމަތް ފޯރުކޮށްދިނުން ކަމަށާއި، އާބަން ސެންޓަރުތަކާއި އިންޓަގްރޭޓެޑް ޒޯންތައް ޤާއިމްކޮށް ރައްޔިތުންގެ ދިރިއުޅުމަށް ފެންވަރު ރަނގަޅު ޚިދުމަތްތައް ލިބޭނެ ގޮތް ހަމަޖެއްސުން ކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، ފެނާއި ނަރުދަމާ، ބޭންކިންގ، ފުލުހުންގެ ޚިދުމަތް އަދި ކުނި މެނޭޖްކުރާ ނިޒާމު ފަދަ އަސާސީ ޚިދުމަތްތައް ކޮންމެ ރަށެއްގައިވެސް ޤާއިމްވެފައި ހުންނަންވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެފަދަ މަޝްރޫޢުތަކަށް ކުރާ ޚަރަދަކީ ބޭކާރު ޚަރަދެއް ނޫން ކަމަށާއި، އެއީ ދެމެހެއްޓެނިވި ތަރައްޤީއަށްޓަކައި ސަރުކާރު ހިންގުމުގެ ފުރަތަމަ ދުވަހުން ފެށިގެންވެސް ޢަމަލުކުރަމުން އަންނަ އަދި ކުރިއަށް އޮތްތަނުގައިވެސް ދެމިއޮންނާނެ އުޞޫލެއް ކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

-01.jpg&w=3840&q=75)
