ސަރުކާރުގެ ހުރިހާ މަސައްކަތެއް ކުރަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން: ރައީސް
17 ނޮވެމްބަރު 2026 - 18:20

ސަރުކާރުން ހުރިހާ މަސައްކަތެއް ކުރަނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދާއިމަށް ހިމާޔަތްކޮށް، އަންނަން އޮތް ޖީލުތަކަށް ކަށަވަރުކޮށްދިނުމަށް ކަމަށާއި، މިކަމުގައި ސަރުކާރުގެ ނިޔަތް ވަރަށް ސާފު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސަރުކާރަށް 3 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވެވި ރަސްމީ ޖަލްސާގައި ޤައުމާ މުޚާޠަބުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
.png&w=750&q=75)
Ad by Hajj Corporation
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ފަށްޓަވަމުން، އެމަނިކުފާނަށް ލިބިވަޑައިގެންފައިވާ އެންމެ ބޮޑު ޝަރަފަކީ އިސްލާމްދީނުގެ ޝިޢާރުތައް ކުރިއަރުވައި ނެގެހެއްޓުމަށް ޚިދުމަތްކުރުމުގެ ފުރުސަތު ލިބިވަޑައިގަތުން ކަމުގައި ވިދާޅުވެ، އެކަމުގައި ދެގޮތެއް ނުވެ ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. މިގޮތުން ވޭތުވެދިޔަ 3 އަހަރަކީ ރާއްޖޭގެ ތާރީޚުގައިވެސް ޒަކާތުގެ ގޮތުގައި އެންމެ ގިނަ އަދަދަކަށް ފައިސާ ލިބުނު 3 އަހަރުކަން ފާހަގަކުރައްވައި، މިއީ ސަރުކާރުން ތަންފީޒުކުރަމުންދާ ނިޒާމަށް ރައްޔިތުން ކުރާ އިތުބާރު ހާމަވާ ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި ރާއްޖޭގައި އިސްލާމްދީނާ ޚިލާފު އެއްވެސް ކަމަކަށް ޖާގަ ނުދިނުމަށްޓަކައި ޗެކް-އެންޑް-ބެލަންސްގެ ނިޒާމު އިތުރަށް ހަރުދަނާ ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހީންގެ ސިޔާދަތު ދެމެހެއްޓޭނީ އަމިއްލަ ފައިމައްޗަށް ތެދުވެ ތިބެގެން ކަމަށާއި، ދިފާޢީ ގޮތުން ވިޔަސް އަމިއްލަ ޤާބިލުކަން އިތުރުކޮށް ސަރަހައްދީ ސަލާމަތުގައި ފައިހަމަކުރަންޖެހޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ސަރުކާރުގެ ޚާރިޖީ ސިޔާސަތަކީ ދިވެހީން އިސްކުރުމުގެ ސިޔާސަތުކަން ތަކުރާރުކުރައްވައި، ޤާނޫނީ އޮނިގަނޑަށް ގެނެވުނު ބަދަލުތަކުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ކުރިން ރައްޔިތުންގެ މަޖިލީހުގެ 3 ބައިކުޅަ 2 ބައިގެ އަޣުލަބިއްޔަތުން ރާއްޖޭގެ ސަރަޙައްދުން ބައެއް ދޫކޮށްލަން ނިންމޭ ގޮތަށް އޮތް ނަމަވެސް، މިހާރު މަޖިލީހުގެ 4 ބައިކުޅަ 3 ބައިގެ އަޣުލަބިއްޔަތުން ނޫނީ ސަރަހައްދަށް އެއްވެސް ބަދަލެއް ނުގެނެވޭ ގޮތަށް އިސްލާޙު ގެނެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދާޚިލީ ކަންކަމަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބިދޭސީންގެ މައްސަލަ ކަމަށެވެ. އެގޮތުން މި ސަރުކާރުން އިޚްލާސްތެރިކަމާއެކު އެޅި ފިޔަވަޅުތަކުގެ ސަބަބުން، ރާއްޖޭގައި ތިބި ބިދޭސީންގެ 99 އިންސައްތަ މީހުންގެ 10 އިނގިލީގެ ބަޔޯމެޓްރިކްސް މިހާރު ރެކޯޑްކުރެވިފައިވާ ކަމަށާއި، މިއީ ދުނިޔޭގެ ނިސްބަތުންވެސް އެންމެ އެއް އިންސައްތަ ޤައުމުތަކުގައި ހާސިލުކުރެވިފައިވާ ފަދަ ކާމިޔާބީއެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެއާއެކު، ޤައުމަށް ދިމާވެފައިވާ މަސްތުވާތަކެތީގެ ވަބާއިން ޤައުމު ސަލާމަތްކުރުމަށްޓަކައި ޤާނޫނަށް މުހިންމު އިސްލާހުތަކެއް ގެނެވި، މި ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާކަން ފާހަގަކުރައްވައި، އެ މަސައްކަތްތަކުގެ ތަފްސީލީ ތަފާސްހިސާބުތައްވެސް އެމަނިކުފާނު މި ޖަލްސާގައި ހިއްސާކުރެއްވިއެވެ.

-01.jpg&w=3840&q=75)
