ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް ދެނީ
18 ނޮވެމްބަރު 2026 - 05:11

މި އަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު ލިބިވަޑައިގަންނަވާ ބޭފުޅުންގެ އަދަދު ރައީސް އޮފީހުން ހާމަކޮށްފި އެވެ.
މި ޖަލްސާ އޮންނާނީ މާދަމާ ރޭ 8:30 ގައި ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ.
.png&w=750&q=75)
Ad by Hajj Corporation
މި ޖަލްސާގައި ދައުލަތަށް ހިދުމަތް ކުރުމުގެ އިނާމު 56 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ އެވެ.
އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ ބެޖަކާއި އައްޑަނައަކާއި ހަނދާނި ލިޔުމެކެވެ. އިނާމަށް ބޭފުޅުން ހޮއްވެވީ ގައުމީ އިނާމާ ބެހޭ ކޮމިޓީންނެވެ. ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި 66 ބޭފުޅަކަށް މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައިވެސް ވަނީ އިނާމު ދެއްވާފަ އެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމު މި އަހަރު ލިބިވަޑައިގަންނަވަނީ 57 ބޭފުޅުންނަށެވެ. އެއީ، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލުކުރުމުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކުރެއްވި 6 ބޭފުޅުންނަށާއި، ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7ގެ ނުވަތަ ލެވެލް 8ގެ ނުވަތަ ލެވެލް 9ގެ ސަނަދެއް ހާސިލްކުރުމުގައި އެންމެމަތީ ވަނަ ހޯއްދެވި 50 ބޭފުޅުންނަށާއި، ބައިނަލްއަގުވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ ބައިނަލްއަގުވާމީ މިނޫންވެސް މިންކުރުމަކުން އެންމެ މަތީ ވަނަ ނުވަތަ ޝަރަފު ހޯދައިގެން އިނާމު ހާސިލު ކުރި އެއްފަރާތަކަށެވެ.
ހާއްސަ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ މެޑެއްޔަކާއި ހަނދާނީ ލިޔުމެކެވެ. އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވީ ހާއްސަ އިނާމާ ބެހޭ ކޮމިޓީންނެވެ.

-01.jpg&w=3840&q=75)
