ޕަބްލިކް ހެލްތު ވޯކްފޯސް ރޯޑްމެޕް އެކުލަވާލަން އެޗްޕީއޭ އިން މުހިންމު މަސައްކަތު ބައްދަލުވުމެއް ފަށައިފި
23 ނޮވެމްބަރު 2026 - 18:27

ދިވެހިރާއްޖޭގައި ކޮންމެހެން ފޯރުކޮށްދޭންޖެހޭ ޢާންމު ޞިއްޙަތުގެ އަސާސީ ޚިދުމަތްތައް ކަނޑައަޅައި މެޕްކުރުމަށް ބާއްވާ "އެސެންޝަލް ޕަބްލިކް ހެލްތު ފަންކްޝަންސް" (އީ.ޕީ.އެޗް.އެފް) އާ ގުޅޭ ފުރަތަމަ ޤައުމީ މަސައްކަތު ބައްދަލުވުން މާލޭގައި ފަށައިފިއެވެ.
މީރުމާ އިވެންޓްސް ހޯލުގައި ފެށި މި މަސައްކަތު ބައްދަލުވުން ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ، ޤީލާ ޢަލީ އެވެ.
.png&w=750&q=75)
Ad by Hajj Corporation
ޢާންމު ޞިއްޙަތުގެ ޚިދުމަތްތަކަކީ މީހުން ބަލިވުމުގެ ކުރިން މުޅި މުޖުތަމަޢު ރައްކާތެރިކުރުމަށްޓަކައި މުހިންމު ދައުރެއް އަދާކުރާ ޚިދުމަތްތަކެކެވެ. މި މަސައްކަތްތައް ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށްޓަކައި، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިޔު.އެޗް.އޯ) އިން އެކުލަވާލާފައިވާ 12 އީ.ޕީ.އެޗް.އެފް ގެ މައްޗަށް ބިނާކޮށް، ޤައުމީ ފެންވަރުގައި މި މަސައްކަތް ކުރިއަށްގެންދަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިންނެވެ.
ހެލްތު މިނިސްޓްރީ އާއި، ޑަބްލިޔު.އެޗް.އޯ އަދި ޗައިނާ އެއިޑްގެ އެހީތެރިކަމާއެކު އިންތިޒާމުކޮށްގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި މަސައްކަތު ބައްދަލުވުމުގައި، ކަމާގުޅުންހުރި އެކި މުއައްސަސާތަކާއި އިދާރާތައް ތަމްސީލުކުރާ 45 ބައިވެރިން ބައިވެރިވެއެވެ.
މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ 12 އީ.ޕީ.އެޗް.އެފް ރާއްޖޭގެ ޙާލަތާ ގުޅުވައި ކަނޑައެޅުމާއި، މި ޚިދުމަތްތައް ފޯރުކޮށްދޭނީ ކޮން ފަރާތްތަކަކުން އަދި ކޮން މަރުކަޒުތަކަކުންކަން ދެނެގަތުމެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން 'ނޭޝަނަލް ޕަބްލިކް ހެލްތު ވޯކްފޯސް ރޯޑްމެޕް 2027–2031' ގެ އިތުރުން ގުޅުންހުރި ޤައުމީ އެހެނިހެން ޕްލޭންތައް އެކުލަވާލެވިގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތުދެއެވެ.
މި ރަސްމިއްޔާތުގައި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުންނާއި އިސްވެރިންގެ އިތުރުން، ޑަބްލިޔު.އެޗް.އޯ އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މެޑަމް ޕޭޑެން އަދި ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އެމްބަސީގެ މަންދޫބު ބައިވެރިވެވަޑައިގެންނެވިއެވެ.

-01.jpg&w=3840&q=75)
