logo
MPL

MPL

ޚަބަރު

ހަކުރުބަލިން ރައްކާތެރިވުމާއި އަވަހަށް ދެނެގަތުމަށް ބާރުއަޅަން އެޗްއައިއެޗްގައި ވަރުގަދަ ފޯރަމެއް

މުހައްމަދު މޫސާމުހައްމަދު މޫސާ
16 ނޮވެމްބަރު 2026 - 10:29
 ހަކުރުބަލިން ރައްކާތެރިވުމާއި އަވަހަށް ދެނެގަތުމަށް ބާރުއަޅަން އެޗްއައިއެޗްގައި ވަރުގަދަ ފޯރަމެއް

ދުނިޔޭގެ ހަކުރުބަލީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ރާއްޖޭގައި ހަކުރުބަލިން ރައްކާތެރިވުމާއި އެ ބަލި އަވަހަށް ދެނެގަތުމަށް އަދި ފަރުވާ ހަރުދަނާކުރުމަށް ބާރުއެޅުމުގެ ގޮތުން ޚާއްޞަ ފޯރަމެއް މިއަދު ހުޅުލެ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ބާއްވައިފިއެވެ.

"މޯލްޑިވްސް ފޯރަމް އޮން އާލީ އެކްޝަން އޮން ޑައިބެޓީސް 2026" ގެ ނަމުގައި މި ފޯރަމް އިންތިޒާމުކޮށްފައިވަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއި މިނިސްޓްރީ އޮފް ހެލްތު އަދި ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ (ޑަބްލިއުއެޗްއޯ) ގުޅިގެންނެވެ. މި ފޯރަމްގައި ކަމާގުޅޭ އެކި ދާއިރާތަކުން ގާތްގަނޑަކަށް 60 ބައިވެރިން ބައިވެރިވެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ފޯރަމް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ އަލްފާޟިލާ ޤީލާ ޢަލީ އާއި ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު މިސް ޕޭޑެން އެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގެ ޑައިބެޓީސް ޕްރޮޓޮކޯލް ވަނީ ރަސްމީކޮށް އިފްތިތާޙުކޮށްދެއްވާފައެވެ. މީގެ އިތުރުން ގައިންގަޔަށް ނާރާ ބަލިތަކާއި ހަކުރުބަލިން ރައްކާތެރިވުމަށް އެޅިދާނެ ޢަމަލީ ފިޔަވަޅުތަކާއި ސިޔާސަތުތަކާ ގުޅޭގޮތުން ޞިއްޙީ ދާއިރާގެ މާހިރުން ހިމެނޭ ޚާއްޞަ ޕެނަލް މަޝްވަރާއެއް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ.

ފޯރަމްގެ ތެރެއިން ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް (ޑީއެސްއެމް) ގެ ސީއީއޯ ޢާއިޝަތު ޝިރުހާނާ އާއި މެޑިކަލް ޑިރެކްޓަރ ޑރ. އާމިނަތު މަލްހާ ސަޢީދު އަދި ނެޝަނަލް ޑައިބެޓީސް ސެންޓަރ (އެންޑީސީ) ގެ ސީނިއަރ ކޮންސަލްޓަންޓް އިން އިންޓަރނަލް މެޑިސިން، ޑރ. މޫސާ މުރާދު ވަނީ މުހިންމު މަޢުލޫމާތުތަކެއް ހިމެނޭ ޕްރެޒެންޓޭޝަންތައް ހުށަހަޅުއްވާފައެވެ.

ހަކުރުބަލި ކޮންޓްރޯލްކުރުމާއި، ފަރުވާދިނުމާއި، ބަލިމީހުންގެ ހާލަތު ބެލެހެއްޓުމުގެ ޚިދުމަތްތައް ހަރުދަނާކުރުމަށްޓަކައި އަތޮޅުތަކުގެ ޕަބްލިކް ހެލްތް ޔުނިޓްތަކާއި ޞިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުގެ ތަޖުރިބާތަކާއި ކުރިމަތިވާ ގޮންޖެހުންތައް މި ބައްދަލުވުމުގައި ހިއްސާކުރިއެވެ. އަދި އެންސީޑީ އެކްޝަން ޕްލޭންގެ ދަށުން އިސްކަންދޭންޖެހޭ ދާއިރާތައް ކަނޑައަޅައި، އެކަންކަމަށް ހުށަހަޅާނެ ޙަރަކާތްތަކާއި ޒިންމާތަކާ ގުޅޭގޮތުން ވަކިވަކި ގްރޫޕްތަކުގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކުރެވުނެވެ.

މުޅި ޕްރޮގްރާމްގެ އިވެލުއޭޝަނަކަށް ފަހު ފޯރަމް ނިންމާލިއިރު، މައިގަނޑު އަމާޒަކީ މުއައްސަސާތަކުގެ ގުޅުން ބަދަހިކޮށް، ބަލި ތަޙައްމަލުކުރާ ފަރާތްތަކަށް ފޯރުކޮށްދޭ ފަރުވާގެ ފެންވަރު މަތިކުރުމާއި ދުރާލާ ބަލި ދެނެގަތުމުގެ މަސައްކަތް އިތުރަށް ވަރުގަދަކުރުމެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަކުރުބަލިން ރައްކާތެރިވުމާއި އަވަހަށް ދެނެގަތުމަށް ބާރުއަޅަން އެޗްއައިއެޗްގައި ވަރުގަދަ ފޯރަމެއްޚަބަރު | 20 މިނިޓު ކުރިންއަހަރަކު މަރުވާ މީހުންގެ 85% އަކީ ގައިންގަޔަށް ނާރާ ބަލިތައް، ހަކުރުބަލިން ރައްކާތެރިވާން ދުރާލާ ފިޔަވަޅު އަޅަންޖެހޭޚަބަރު | 2 ދުވަސް ކުރިންތެލަސީމިއާ ކާޑު ޑިޖިޓަލްކޮށްފި، ނަތީޖާ ދެން ލިބޭނީ ވަޓްސްއެޕާއި އީމެއިލުންޚަބަރު | 5 ދުވަސް ކުރިންމިއަހަރުގެ ރިވެލި އެވޯޑު 8 ފަރާތަކަށް، އެވޯޑު ހަވާލުކޮށްދެއްވީ މެޑަމް ސާޖިދާޚަބަރު | 8 ދުވަސް ކުރިން