ތެލަސީމިއާ ކެރިއަރ ތަޙުލީލުގެ ނަތީޖާ އަންގައިދޭ ޑިޖިޓަލް ކާޑު ތަޢާރަފްކޮށްފި
11 ނޮވެމްބަރު 2026 - 02:33

ލޭގެ ބަލިތަކަށް ޚާއްޞަ ވަށާޖެހޭ ފަރުވާގެ ނިޒާމެއް ޤާއިމުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ތެލަސީމިއާ ކެރިއަރ ތަޙުލީލުގެ ނަތީޖާ އަންގައިދޭ ޑިޖިޓަލް ކާޑު ރަސްމީކޮށް ތަޢާރަފުކޮށްފިއެވެ.
މި ބަދަލާއެކު މީގެކުރިން ދޫކުރަމުން އައި ޕްރިންޓް ކާޑުގެ ބަދަލުގައި، ތަޙުލީލުގެ ނަތީޖާ މިހާރު ލިބެމުންދާނީ ވަޓްސްއެޕް އަދި އީމެއިލް މެދުވެރިކޮށެވެ.
.png&w=750&q=75)
Ad by Hajj Corporation
ތެލަސީމިއާ ސްކްރީން ކުރުމުގެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކޮށް، ޒަމާނީ ފެންވަރަކަށް ގެނައުމަށް ކުރެވޭ މި މަސައްކަތުގެ ދަށުން ތަޢާރަފުކުރި ޑިޖިޓަލް ކާޑުގައި، ތެލަސީމިއާ ކެރިއަރެއްކަން ނުވަތަ ނޫންކަން އަންގައިދޭ 7 ބާވަތެއްގެ ސިފަ ހިމެނެއެވެ. އަދި ކާޑުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި ޚާއްޞަ ކިއުއާރް ކޯޑެއް ހިމަނާފައިވާއިރު، މި ކޯޑު މެދުވެރިކޮށް ތެލަސީމިއާ ކެރިއަރުންނަށް ޢާއިލާ ރޭވުމުގައި ބޭނުންވާ މުހިންމު މަޢުލޫމާތާއި އިރުޝާދުތައް ފަސޭހަކަމާއެކު ބަލައިލެވޭނެއެވެ.
ދިވެހިރާއްޖޭގައި ތެލަސީމިއާ ބަލީގެ ފަރުވާއާ ގުޅުންހުރި ޚިދުމަތްތައް ފުޅާކޮށް ހަރުދަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ރިޔާސީ ވަޢުދެކެވެ. އެގޮތުން، ތެލަސީމިއާ ކޮންޓްރޯލް ކުރުމުގެ ޤާނޫނުގެ ދަށުން ސްކްރީނިންގ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި، ސަރުކާރުގެ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއްގައި ތެލަސީމިއާގެ އެކި ތަޙުލީލުތައް ހަދާ ޑީއެންއޭ ލެބޯރެޓަރީއެއް ޤާއިމުކޮށް މިދިޔަ ފެބްރުއަރީ 8 ވަނަ ދުވަހު ވަނީ ޚިދުމަތް ދޭން ފަށާފައެވެ.
ބައިނަލްއަޤުވާމީ ޞިއްޙީ މިންގަނޑުތަކާ އެއްގޮތަށް، ލޭގައި ހިމެނޭ ހީމޮގްލޯބިންގެ ގިނަ އަދަދެއްގެ މިއުޓޭޝަން ދެނެގަތުމަށް ހަދާ ޑީއެންއޭ ތަޙުލީލުގެ ޚިދުމަތް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ފޯރުކޮށްދެމުން ގެންދަނީ މޯލްޑިވްސް ޓަރޝަރީ ހޮސްޕިޓަލްސް ގްރޫޕްގެ ދަށުން ހިންގާ މޯލްޑިވިއަން ބްލަޑް ސަރވިސަސް މެދުވެރިކޮށެވެ. އަދި މިފަދަ އެންމެހާ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި ޒަމާނީ ޑިޖިޓަލް ވަސީލަތްތައް ތަޢާރަފުކުރުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ.

-01.jpg&w=3840&q=75)
