އިސްރާއީލުން އީރާނަށް ވައިގެހަމަލާދިނުން ހުއްޓާލައިފި

ފޮޓޯ-- އެންޑީޓީވީ
.jpg&w=3840&q=75)
26 އޮކްޓޯބަރު 2024 - 12:23
އިސްރާއީލުން ނެރުނު އަސްކަރީ ބަޔާނެއް ބުނާގޮތުން ތިންފަހަރެއްގެ މަތިން އީރާނުގެ ޖުމްލަ 20 އަސްކަރީ ތަނަކަށް ފައިޓާޖެޓުންނާއި މިސައިލުން ވަރުގަދަ ހަމަލާތަކެއް ދިނުމަށްފަހު ހަމަލާތައް މިހާރުވަނީ ހުއްޓާލާފައެވެ. މިތަންތަނަކީ ކުރީއްސުރެ ހަމަލާދޭން ކަނޑައަޅާފައިވާ އަސްކަރީ 20 ތަންތަންކަމަށްވެސް އިސްރާއީލުގެ ބަޔާން ބުނެއެވެ.
މީގެތެރޭގައި ހިމެނެނީ ވެރިރަށް ތެހެރާނާއި ގުމް އާއި ޚަރާޖް ސިޓީ އާއި ތޯން ސިޓީގައިވާ އަސްކަރީ ތަންތަންކަމަށް ވެސް ބުނެފައިވެއެވެ. ހަމަލާދިނީ މި ސިޓީތަކުގައިވާ އަސްކަރީ ބައެއް ބޭސްތަކާއި ހަތިޔާރު އުފައްދާ ބައެއް ކާރުޚާނާތަކާއި ޖާސޫސީ ބައެއް މަރުކަޒުތަކަށް ކަމަށް އިސްރާއީލުގެ ބަޔާން ބުނެއެވެ.
އިސްރާއީލުގެ މީޑީއާ ރިޕޯޓްތައް ބުނާގޮތުން އީރާނުގެ އެންމެ ބޮޑު އެއް އެއާޕޯޓްކަމަށްވާ އިމާމް ޚުމައިނީ އިންޓަނޭޝަނަލް އެއާޕޯޓަށްވެސް އިސްރާއީލުން ވަރުގަދަ ހަމަލާތަކެއް ދިނެވެ.
ހަމަލާދިން ތަންތަނުގެ ތެރޭގައި އީރާނުގެ ތެލާއި ގޭހާ ބެހޭ މަރުކަޒުތަކާއި ނިއުކްލިޔާ މަރުކަޒުތައް ހިމެނިފައި ނުވާނެކަމަށް އިސްރާއީލުގެ ބަޔާން ބުނެއެވެ.
އިސްރާއީލު ބުނާގޮތުން ހަމަލާދޭން ފަށާފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ. ފުރަތަމަ ހަމަލާއާއި ދެވަނަ ހަމަލާއާ ދެމެދު ވިއްސަކަށް މިނެޓު އަދި ދެވަނަ ހަމަލާއާއި ތިންވަނަ ހަމަލާއާ ދެމެދު ބައިގަޑިއެއްހާއިރު ވިކަމަށް ރިޕޯޓްތައް ބުނެއެވެ.
މިހަމަލާތަކާބެހޭ ގޮތުން އީރާނުން އަދި ރަސްމީ ސިފައެއްގައި އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް އީރާނުގެ މަދަނީ ދިފާއާބެހޭ މަސްއޫލުވެރިއަކާ ހަވާލާދީ އީރާނުގެ އޮންލައިން ބައެއް ނޫސްތައް ބުނާގޮތުން ހަތް ގޮވުމެއްގެ އަޑު އީރާނުގެ ވެރިރަށް ތެހެރާންގެ ތެރެއިން ވަނީ އިވިފައެވެ. މި ގޮވުންތަކުގެ ތެރޭގައި އީރާނުގެ ވައިގެ ދިފާއީ ނިޒާމުން އިސްރާއީލުގެ ހަމަލާތައް މަތަކުރުމަށް ފޮނުވާލި މިސައިލްތަކެއް ގޮވުންތައް ވެސް ހިމެނެއެވެ.
އީރާން ކުރިން ބުނެފައިވާގޮތުން އިސްރާއީލުން ދޭ ރައްދު ހަމަލާތަކުން އީރާނަށް މާބޮޑު ގެއްލުމެއް ނުލިބޭނަމަ އީރާނުން ސީދާގޮތެއްގައި އިސްރާއީލަށް ރައްދު ނުދިނުމަކީ އެކަށީގެންވާ ކަމެކެވެ. އެޢީ ސަރަހައްދީ ހަނގުރާމައަކަށް ދާން އީރާން ބޭނުންނުވާތީއެވެ.
ނަމަވެސް ބޮޑު ގެއްލުމެއް ލިބިއްޖެނަމަ ކުރިން އިސްރާއީލަށް އަމާޒުކޮށް އީރާނުން ދިން ހަމަލާތަކަށްވުރެ އެތައް ގުނައެއް ބާރުގަދަ ހަމަލާތަކެއް އިސްރާއީލަށް ދޭނެއެވެ. އަދި އީރާނުގެ ތެލާއި ގޭހުގެ މަރުކަޒުތަކާއި ނިއުކްލިޔާ މަރުކަޒުތަކަށް ހަމަލާދީފިނަމަ އިސްރާއީލުގެ ނިއުކްލިޔާ މަރުކަޒު ބިމާ ހަމަކޮށްލެވޭ ވަރުގެ ހަމަލާތަކެއް ދޭނެއެވެ.
އިތުރު ލިޔުންތައް

ޔޫއެންގެ ސެކްރެޓަރީ ޖެނެރަލް އިސްތިއުފާ ދިނުމަށް އިސްރާއިލުން ގޮވާލައިފި
6 މަސް ކުރިން
އީރާނުގެ ތެލުގެ ވިޔަފާރިއާ ގުޅިފައިވާ ކުންފުނިތަކަށް އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
6 މަސް ކުރިން
އިޒްރޭލުގެ ކިބައިން ބަދަލުހިފުމަށް އާޔަތުﷲ ޚާމަނާއީ ހުރީ ތައްޔާރުވެގެން
5 މަސް ކުރިން