ނޮވެމްބަރުމަހު އަލުން ޑޮމެއިންގެ ހިދުމަތް ފަށަނީ
31 އޮކްޓޯބަރު 2024 - 07:13
ދިވެހިރާއްޖޭގައި ޑޮމެއިންގެ ޚިދުމަތް އަލުން ފެށުމަށް ސަރުކާރުން ނިންމައިފިއެވެ. މި މިނިސްޓްރީގެ ފަރާތުން މި ފެށޭ ނޮވެމްބަރު މަހު ޑޮމެއިންގެ ޚިދުމަތްތައް އަލުން ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ.
ނިމިދިޔަ ސަރުކާރުގެ ދައުރުގެ ފަހުކޮޅު، ޑޮމެއިންގެ ގިނަ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެން ވަނީ ޑޮމެއިންގެ އެންމެހާ ޚިދުމަތްތައް ހުއްޓާލާފައެވެ. މި ޚިދުމަތަކީ ޚާއްސަކޮށް ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލު އަދި ބޮޑެތި ހޭދަތައް ވެސް ކޮށްފައިވާ ޚިދުމަތެކެވެ.
މިނިސްޓްރީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި ޚިދުމަތް އަލުން ނުފެށި ލަސްވެގެން ގޮސްފައިވަނީ ވޭތުވެދިޔަ ތަނުގައި ޑޮމެއިންގެ ރެކޯޑްތައް ހަރުދަނާ ގޮތެއްގައި ބެލެހެއްޓިފައި ނެތުމުގެ ސަބަބުންނެވެ. މިނިސްޓްރީގެ މައިގަނޑު އަމާޒަކީ، ޑޮމެއިން ޚިދުމަތް އަލުން ފެށުމާއެކު، ހަރުދަނާ މޮނިޓަރިންގ ނިޒާމަކާއި ފުރިހަމަ ޤަވާޢިދެއް ޤާއިމުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމެވެ.
އަލުން ޚިދުމަތް ފެށުމާއެކު، ޑޮމެއިންގެ ޚިދުމަތަށް ދޫކުރާ އެންމެހައި ލިޔެކިޔުންތަކަކީ ސެކިއުރިޓީ ފީޗާޒްތައް ހިމެނޭ ލިޔެކިޔުންތަކަކަށް ބަދަލުވެގެންދާނެއެވެ. އަދި މި މަސައްކަތް ކުރާނީ އެއްވެސް ފަރާތެއްގެ ހައްގަށް އުނިކަމެއް ނާންނާނެ ގޮތަށެވެ.