އިނގިރޭސި ޕްރީމިއަރ ލީގު: ފަހުގެ ޗެންޕިއަން ސިޓީއަށް ލީގުގެ ފުރަތަމަ ބަލި
2 ނޮވެމްބަރު 2024 - 17:35
.png&w=3840&q=75)
އިނގިރޭސި ޕްރީމިއަރ ލީގުގައި ރޭގައި މެންޗެސްޓަރ ސިޓީ އާއި ބޯންމައުތު ކުޅުނު މެޗުން ސިޓީ ބަލިވެ މި އަހަރުގައި ފުރަތަމަ ފަހަރަށް ލީގު މެޗަކުން އެޓީމު ބަލިވެއްޖެއެވެ. މި ބައްޔާއެކު ގާޑިއޯލާގެ ސިޓީ ވަނީ އެންމެ ފަހުން ކުޅުނު ދެމެޗުން ވެސް ބަލިވެފައެވެ. އެގޮތުން ލީގު ކަޕުގައި ސިޓީ އެންމެ ފަހުން ޓޮޓްނަމް އާ ދެކޮޅަށް ކުޅުނު މެޗުން ސިޓީ ބަލިވެ އެ މުބާރާތާ އަލްވަދާޢު ކިޔަން ވަނީ ޖެހިފައެވެ.
ބޯންމައުތުގެ ވައިޓާލިޓީ ސްޓޭޑިއަމްގައި ރޭގައި ކުޅުނު މި މެޗުން ސިޓީ ބަލިވެފައިވަނީ 2-1 އިންނެވެ. މި މެޗުގައި ފުރަތަމަ ދެލަނޑުވެސް ޖަހާފައިވަނީ ބޯންމައުތުންނެވެ. އެގޮތުން މެޗުގެ ނުވަވަނަ މިނެޓުގައި ބޯންމައުތުގެ ފުރަތަމަ ގޯލު ޖަހައިދިނީ ސެމެންޔޯ އެވެ. އަދި ބޯންމައުތުގެ ދެވަނަ ގޯލު ޖަހައިދިނީ 64 ވަނަ މިނެޓުގައި މި ސީޒަނުގައި ކްލަބް ރެކޯޑް ޓްރާންސްފާއަކަށް ޕޯޓޯއިން ގެނައި ބެރެޒިލްގެ އެވަނިލްސަން އެވެ. ސިޓީގެ ހަމައެކަނި ގޯލު ޖަހައިދިނީ މެޗުގެ 82 ވަނަ މިނެޓުގައި ވާޑިއޯލް އެވެ. މި ބައްޔާއެކު ސިޓީ ވަނީ ތާވަލުގެ ދެވަނައަށް ވެއްޓިފައެވެ.

Ad by Hajj Corporation
މީގެ ކުރިން ބޯންމައުތުންވަނީ އެމީހުންގެ އަމިއްލަ ދަނޑުގައި އާސެނަލް ވެސް ބަލިކޮށްފައެވެ.
ރޭ ލީގުގައި ކުޅެވުނު ފާހަގަކުރެވޭ އަނެއް މެޗަކީ ލިވަޕޫލާއި ބްރައިޓަން ބައްދަލުކުރި މެޗެވެ. އެ މެޗުގައި ލިވަޕޫލް ވަނީ ބްރައިޓަން ގޯލެއްޖަހާފައިވަނިކޮށް ފަހަތުން އަރައި 2 ގޯލް ޖަހައި މޮޅުވެފައެވެ. މި މޮޅާއެކު ލިވަޕޫލް ވަނީ އިނގިރޭސި ޕްރީމިއަރ ލީގުގެ ތާވަލުގެ އެއްވަނައަށް އަރާފައެވެ.


