ސިންގަލް އިންޝިއުރެންސްގެ ނިޒާމަކަށް ބަދަލު ކުރުމަކީ އަމާޒެއް - އެންސްޕާ
03 ނޮވެމްބަރު 2024 - 13:49
ސަރުކާރުގެ އަމާޒަކީ އާސަންދަ ދޭ އުސޫލު އިސްލާހުކޮށް ހާމަނައިޒް ކުރެވޭއިރު ސިއްހީ ވެލްފެއާގެ ނިޒާމަކީ "ސިންގަލް" އިންޝުއަރެންސް ނިޒާމަކަށް ހެދުންކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)އިން މިއަދު ހާމަކޮށްފިއެވެ.
އެގޮތުން، މިހާރު އޮންނަ އުސޫލުގެ ސަބަބުން އަމިއްލަ އިންޝުއަރެންސްތައް ހުރި ނަމަވެސް ސަރުކާރުގެ އިންޝުއަރެންސް، އާސަންދައިން ވެސް ހޭދަކުރެވޭ ކަމަށާއި، ނަމަވެސް އުސޫލުތައް އިސްލާހުކުރެވެމުން އެ ކަން ހައްލުވެ، އިސްރާފު ކުޑަވެ، މީހަކަށް އޮންނަ އިންޝުއަރެންސަކީ "ސިންގަލް" އިންޝުއަރެންސް ސްކީމަކަށް ވާނެކަމަށް ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެންސްޕާގެ ސީއީއޯ ހީނާ ވަލީދް ވިދާޅުވިއެވެ.
ހީނާ ވިދާޅުވީ މިއަދާ ހަމައަށް ވެސް އަމިއްލަ އިންޝުއަރެންސް ޕެކޭޖުތައް ނަގާ ފަރާތްތަކަށް އެ ޕެކޭޖުތަކުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފިފައިނުވާ ކަމަށެވެ.
އެތައް ލައްކައިން އަމިއްލަ އިންޝުއަރެންސަށް ޚަރަދުކުރާ އާއިލާތައް ހުރި ނަމަވެސް އަހަރު ނިމޭއިރު، އޭގެ ބޭނުން އެކަށީގެންވާ ގޮތެއްގައި ނުހިފޭކަމަށް ވިދާޅުވިއެވެ.
އަމިއްލަ އިންޝުއަރެންސް ހޯދުމުގެ ގާބިލްކަމާއެކު ވެސް އާސަންދަ ބޭނުންކުރާނަމަ އާސަންދައިން އިތުރު ބޮޑު ޚަރަދެއްކުރަންޖެހޭ ކަމަށާއި މިއީ އާސަންދަ އެންމެ ބޭނުންޖެހިފައިވާ، މީހުންނަށް ރަނގަޅު ޚިދުމަތެއް ދިނުމަށް އޮތް ދައްޗަކަށް ވާނެ ކަމަށް ހީނާ ވިދާޅުވިއެވެ.
ޤައުމީ ސިއްޙީ ބޭސްފަރުވާގެ ނިޒާމްގައި ހަމަހަމަކަން ގާއިމުކުރުމަށް އެންސްޕާއިން އޮކްޓޯބަރު މަހު 1 އިން ފެށިގެން ގެނައި ބަދަލާއި ގުޅިގެން ރައްޔިތުންނަށް އޮޅޭގޮތަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ދޮގު މަޢުލޫމާތު ފަތުރަމުންނެވެ.
އެކަމާ ގުޅޭގޮތުން، އެންސްޕާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ސިއްހީ ހިދުމަތްދޭ އަމިއްލަ ތަންތަނުން "އައުޓް-ޕޭޝަންޓް" ގެ ހިދުމަތްތަކަށް ބިލް ކުރުމުގައި ޕްރައިވެޓް އިންޝުއަރެންސް އަށް އިސްކަން ދިނުމަށް ނިންމާފައިވާ ކަމަށެވެ.
އާސަންދަ ސްކީމަށް ގެނައި ބަދަލާއެކު ވަރަށް ގިނަ އާންމުންގެ މެެދުގައި "ދިވެއްސަކަށް ވީތީ ލިބެންޖެހޭ" އާސަންދަ ދިނުން ސަރުކާރުން ހުއްޓައިލީކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރިއިރު އެއީ ހަގީގަތް ނޫންކަމަށް އެންސްޕާއިން ވަނީ ބުނެފައެވެ.
އެންސްޕާއިން ބުނި ގޮތުގައި އަމިއްލަ އިންޝުއަރެންސްއިން ކަވަރު ނުކުރާ ކޮންމެ ހާލަތެއްގައި އާސަންދަ ލިބޭނެއެވެ.