ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް: ގާބިލު ޒުވާނުން ބިނާކުރުމުގެ ފުރަތަމަ ފިޔަވަޅު
04 ނޮވެމްބަރު 2024 - 06:48
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވުމަށްފަހު އަސްކަރީގޮތުން ރާއްޖެ އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި ވަނީ އަމާޒު ހިފާފައެވެ. އެގޮތުން ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި އެ މަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ނަމުގައި ދިވެހި ޢަސްކަރިއްޔާއާއި ފުލުހުންގެ ޚިދުމަތަށް އޮފިސަރުން ރެކްރޫޓުކުރުމުގެ ޤައުމީ ޕްރޮގްރާމެއް ހިންގަމުންދާނެކަން އިޢުލާން ކުރައްވައިފައެވެ.
ނަޞްރުގެ ދުވަސް ފަދަ މުނާސަބާތައް ފާހަގަކުރަމުން ދާއިރު، މުސްތަޤުބަލަށް ފޯރުކޮށްދެވޭ ދިވެހި ޤައުމަކީ، ސަލާމަތާއި މިނިވަންކަން ލިބިގެންވާ ޤައުމަކަށް ހެދުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކެއް އެބަހުރިކަން ފާހަގަކުރައްވައި، ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމް ކުރިއަށް ގެންދަވާނެ ގޮތުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، ސާނަވީ ތަޢުލީމު ނިންމުމަށްފަހު އެކި ސަބަބުތައް މެދުވެރިވެގެން ތަޢުލީމީ ޙަޔާތް ކުރިއަށް ގެންދެވެން ނެތް، އަދި ވަޒީފާގެ ފުރުޞަތުވެސް ތަނަވަސްވެފައި ނެތް، 16 އަހަރުން މަތީގެ ދިވެހި ދަރީން، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގައި ބައިވެރިކޮށް، ދިވެހި ޢަސްކަރިއްޔާ ނުވަތަ ފުލުހުންގެ ޚިދުމަތަށް ރެކްރޫޓް ކުރެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އަދުގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮންމެ އަހަރަކުވެސް އޯލެވެލް ސަނަދު ފުރިހަމަ ކުރުމަށްފަހު އެއަށްވުރެ މަތީ ފާހަކަށް ނުކިޔެވި، ނުވަތަ ވަޒީފާއެއް ނެތިފައި ތިބުމަށް 500 އާއި 1000 އާއި ދެމެދުގެ އަދަދެއްގެ ކުދިންނަށް މަޖުބޫރުވާ ކަމަށާއި، ނަމަވެސް ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ސަބަބުން އެކަން ބަދަލުވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ޢިލްމާއި ވަޒީފާގެ ފުރުޞަތުތަކުން މަހްރޫމުވުމުގެ ނަތީޖާއަކަށް ވަނީ މަސްތުގެ ވަބާގެ ތެރެއަށް ވަދެގެންދާ މީހުންގެ ޢަދަދު އިތުރުވުން ކަމަށާއި، އެކަމުގެ ނަތީޖާއަކަށް ވަނީ ސަރުކާރާއި، މުޖުތަމަޢު އަދި ޢާއިލާތަކުން އުފުލަންޖެހޭ ބުރަ ބޮޑުވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އެކަމުގެ ނޭދެވޭ އަސަރު، އިޤްތިޞާދަށްވެސް ފޯރާކަން ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމުގެ ތެރެއިން، ޢަސްކަރިއްޔާއާއި ފުލުހުންގެ ޚިދުމަތަށް، ކުރިއަށް އޮތް 4 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި 5000 ޒުވާނުން ރެކްރޭޓުކުރެވޭނެކަމަށް ވިދާޅުވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ޢަސްކަރީ ޚިދުމަތަށް ރެކްރޭޓު ކުރާ ހަތަރުހާހެއްހާ ސިފައިންނާއި، ފުލުހުންގެ ޚިދުމަތަށް ރެކްރޫޓުކުރާ ހާހެއްހާ އޮފިސަރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޚިދުމަތުގެ ޕްރޮގްރާމަކީ ޤާނޫނުން ބާރު ލިބިގެން ހިންގާނެ ޕްރޮގްރާމެއްކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ. އަދި، މި ޤައުމީ ޕްރޮގްރާމް ހިންގުމަށްޓަކައި މާލީ ގޮތުން ކަނޑައަޅާފައިވާ ބައެއް ކަންކަންވެސް ރައީސުލްޖުމްހޫރިއްޔާ މިރޭ ވަނީ ދިވެހި ޤައުމާ ހިއްސާކުރައްވާފައެވެ.
"މީގެ ނަތީޖާއަކަށްވާނީ، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި، ސިފައިންގެއަށް ހަތަރުހާސް ކުދިން، އަދި ފުލުހުންނަށް އެއްހާސް ކުދިން އިތުރުވެގެންދިޔުން. 2025 އަށް ހުށަހަޅާފައި އޮތް ބަޖެޓުގައި ނިއު ޕޮލިސީ އިނީޝިއޭޓިވްސް، އެން.ޕީ.އައި.ގެ ތެރެއިން ހަތަރުސަތޭކަ މިލިއަން ރުފިޔާ މިކަމަށް ޚާއްޞަ ކުރެވިގެންދާނެ. އަދި ކޮންމެ އަހަރަކު، އިތުރު ހަތަރުސަތޭކަ މިލިއަން އިތުރުކުރެވިގެންދާނެ. މި އަހަރު ހުށަހަޅާފައި އޮތް ބަޖެޓުގެ ތެރޭގައި، އެން.ޕީ.އައި.ގެ ތެރޭގައި، 3.8 ބިލިއަން ރުފިޔާ ހިމެނޭނެ. މި 3.8 ބިލިއަންގެ ތެރެއިން ހަތަރުސަތޭކަ މިލިއަން ރުފިޔާ އިރާދަކުރެއްވިއްޔާ ކަނޑައަޅާނީ، މި ދެންނެވި ނޭޝަނަލް ސަރވިސް ޕްރޮގްރާމް ހިންގަން. އަދި ކޮންމެ އަހަރަކު އިތުރު ހަތަރުސަތޭކަ މިލިއަން އިތުރުކުރެވޭނެ. މިއީ، ހިސާބުޖަހައި، ކަމާބެހޭ ވުޒާރާތަކުގެ ހިސާބުތައް އަޅުގަނޑު ހޯދައި، ހުރިހާ ކަމެއް ކަލްކިއުލޭޓްކޮށް، ފައިނަލް ކުރެވިފައި ހުރި ޢަދަދުތަކެއް. މި ޢަދަދުން ހަތަރުސަތޭކަ މިލިއަން ރުފިޔާއިން އަޅުގަނޑުމެންނަށް ކޮންމެ އަހަރަކު ސިފައިންގެއަށް އެއްހާސް ކުދިން، ފުލުހުންނަށް ދުއިސައްތަ ފަންސާސް ކުދިން ވެއްދޭނެ. ޖުމްލަ ފަސްހާސް ކުދިން. ކުރިއަށް އޮތް ހަތަރު އަހަރުގެ ތެރޭގައި، މަގުމަތީގައި ބާކީވެފައި ތިބުމުގެ ބަދަލުގައި، ފުލުހުންގެ ތަމްރީނު، ސިފައިންގެ ތަމްރީނު ލިބިފައި ތިބި، އަޚްލާޤު ރަނގަޅު، ޤައުމަށް ފައިދާހުރި، މުޖުތަމަޢަށް ފައިދާހުރި ބައެއް ގޮތުގައި އިރާދަކުރެއްވިއްޔާ ވެގެންދާނެ."
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައި ވަނީ، ޤައުމަކަށް ބޭނުންވަނީ، އެތެރެއާއި ބޭރުން އަންނަ ދުޝްމަނުންގެ ކިބައިން ޤައުމު ދިފާޢު ކުރުމަށްޓަކައި ޤުރުބާން ވާންކެރޭ ރައްޔިތުންތަކެއް އެ ޤައުމެއްގައި ތިބުންކަން ފާހަގަކުރައްވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅުގެ ދަށުން ފެށިގެންދާ މި ޕްރޮގްރާމާއެކު ދިވެހި އަސްކަރިއްޔާގެ ގަދަފަދަ ފައުޖަށް ޒުވާނުން އިތުރުވެގެންދާނެކަމަށް ގިނަ ބަޔަކު ދެކެއެވެ.