މާލޭގެ ސީއެޗްއެސްއީ ރަސްމީކޮށް ހުޅުވައިފި
5 ނޮވެމްބަރު 2024 - 05:35

މިދިޔަ އަހަރުގެ އޮގަސްޓު މަހު ބަންދުކުރި މާލޭގައި ހުންނަ ހަމައެކަނި މަތީ ސާނަވީ ތައުލީމު ކިޔަވައިދޭ ހަމަ އެކަނި ސަރުކާރު މަދަރުސާ ކަމުގައިވާ، ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެއީ) އަލުން ރަސްމީކޮށް ހުޅުވައިފިއެވެ.
1979 ވަނަ އަހަރު މާލޭގައި ހުޅުވި ސީއެޗްއެސްއީ، އޭގެ 41 އަހަރު ފަހުން މިދިޔަ އަހަރު ހުޅުމާލެ ބަދަލުކުރީ އޭރު އޮތް ސަރުކާރުގެ ނިންމުމަކާއެކުއެވެ. އޭގެ ސަބަބުން މާލޭގަައި މާތީ ސާނަވީ ތައުލީމު ކިޔަވައިދޭ މަދަރުސާއެއް ނެތުމުގެ ކަންބޮޑުވުން އާންމުން ފާޅުކުރިއެވެ.

Ad by Hajj Corporation
އެއާއެކު، މި ސަރުކާރު ވެރިކަމާ ހަވާލުވެ، ކުރީގައި ވެސް ސީއެޗްއެސްއީ ހުރިތަނުގައި އަލުން ބޭނުންކުރަން ފަށައި، ކިޔަވައިދޭން ފަށާނެ ކަމުގައި މިހާރުގެ ތައުލީމާ ބެހޭ ވަޒީރު ޑރ. އިސްމައީލް ޝަފީއު ވިދާޅުވިއެވެ. އެކަމުގެ ތެރެއިން ރޭ އެ މަދަރުސާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެ މަދަރުސާގައި އަލުން ކިޔަވައިދިނުމަށް ރަސްމީކޮށް ވަނީ ހުޅުވާލާފައެވެ.
އެ ސްކޫލު އަލުން ރަސްމީކޮށް ހުޅުވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވި، ރައީސް ޑރ. މުޙައްމަދު މުޢިއްޒުއެވެ. އެގޮތުން އެ ރަސްމިއްޔާތުގައި، އެ ސްކޫލުގެ ފަރާތުން ވަނީ އެހާރާއި މިހާރުގެ ރަމްޒެއް، ރައީސް މުޢިއްޒުއަށް އަރުވާފައެވެ.
މާލޭގެ ސީއެޗްއެސްއީ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒުއަށް ރަމްޒެއް އަރުވަނީ -- ފޮޓޯ/ ސީއެޗްއެސްއީ
ލިލީ މަގުގައި ހުންނަ ސީއެޗްއެސްއީގައި އަލުން ކިޔަވައިދޭން ފެށި ނަމަވެސް، ހުޅުމާލޭގައި ހުންނަ ސީއެޗްއެސްއީގައި ވެސް ކިޔަވައިދޭނެއެވެ.


