ސަރުކާރުން ޓެކްސީ ހިދުމަތް ދިނަސް، ޓެކްސީ ކުރާ މީހުންނަށް ގެއްލުން ނުވާނެ: ވަޒީރު

ޓެކްސީތަކެއް އެއާޕޯޓުގައި: އެ ޚިދުމަތް ސަރުކާރުން ދިނުމުގެ މަސައްކަތް އަންނަނީ ކުރަމުން -- ފޮޓޯ: ދައުރު
.jpg&w=3840&q=75)
05 ނޮވެމްބަރު 2024 - 13:14
މާލެ ސަރަޙައްދުގައި ދޭ ޓެކްސީގެ ޚިދުމަތް ސަރުކާރުން ދިން ނަމަވެސް، އެ ޚިދުމަތް ދޭނީ އެ ވިޔަފާރީގައި އުޅޭ ފަރާތްތަކަށް ގެއްލުން ނުވާނެ ފަދައިން ކަމުގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ސަރުކާރުން ޓެކްސީ ޚިދުމަތަށް ވަނުމާ ގުޅޭ ގޮތުން ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ ޚިދުމަތް ސަރުކާރުން ދިން ނަމަވެސް، އެ ޚިދުމަތް ދިނުމުގައި އެ ފަރާތްތަކަށް ގެއްލުން ނުވާނެ ފަދައިން އެ ޚިދުމަތް ދިނުމަކީ ސަރުކާރުން އެންމެ ބޮޑަށް އިސްކަން ދޭނެ ކަން ކަމަށެވެ. އަދި އެ ޔަގީންކަން އެ ވިޔަފާރީގައި އުޅޭ ހުރިހާ ފަރާތްތަކަށް ވެސް މީގެ ކުރިން ވެސް ދީފައިވާނެ ކަމުގައި ވަޒީރު ވިދާޅުވިއެވެ.
ޖުމްލަ ގޮތެއްގައި މިކަން ކުރަން ޖެހޭ ސަބަބާއި މީގަ އޮތް ކޮންސެޕްޓާއި މިހާރު ޓެކްސީ ކުރާ މީހުންނަށް އެއްވެސް ލޮޅުމެއް ނާރާނެ ކަމުގެ ޔަގީންކަން އަރުވަން، - ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
ވަޒީރު އިތުރަށް ވިދާޅުވީ، ފާއިތުވި ހުރިހާ ދުވަހެއްގައި ވެސް ޓެކްސީ ޚިދުމަތް އެ ފަރާތްތަކަށް ދީފައި އޮތީ އެއްވެސް ހިފެހެއްޓުމެއް ނެތި ކަމަށާއި، އޭގެ ސަބަބުން އެ ޚިދުމަތުގައި އުޅޭ ފަރާތްތަކުން އެ ޚިދުމަތް ދިނީ އެންމެ ރަނގަޅަކަށް ނޫން ކަމަށެވެ. އެގޮތުން މާލެ ތެރޭގެ ދަތުރުތަކުގައި ޓެކްސީތައް ނުލިބުނު ނަމަވެސް، ހުޅުމާލެ ދާން ދަތުރަށް ޖެހުމުން ޓެކްސީ ލިބޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަރަށް ގިނަ ބޭފުޅުންގެ ކޮންސާން އޮންނަ މައްސަލަތަކެއް، މިއީ އާންމު ފަރާތްތަކުން ޓެކްސީ ހޯދަން ބޭނުންވީމަ ނުލިބޭ މައްސަލަ. މިއީ ސެންސިޓިވް އެނަލައިޒިން ފެންނަ ކަންކަން. މާލެ އިން އެއް ސަރަހައްދުން އަނެއް ސަރަހައްދަށް ދާން ނުލިބޭ ކަމަށް، އެކަމަކު ބުރިޖު ހުރަސް ކުރަން އެޕްގައި ޖެހީމާ ޓެކްސީ ލިބޭ ކަމަށް، - ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން
ވަޒީރު އެފަދައިން ވިދާޅުވިއިރު، ސަރުކާރުން ޓެކްސީގެ ޚިދުމަތް ދިނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވަޒީރު އިއުލާންކުރެއްވީ މިދިޔަ މަހުގެ 29 ވަނަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން އެ ދުވަހު ވެސް ވަޒީރު ވިދާޅުވީ، ޓެކްސީގެ ޚިދުމަތް ދިނުމަށް ސަރުކާރުގެ ކުންފުންޏަކަށް ހަވާލުކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އައި ނަމަވެސް، އޭގެ ސަބަބުން އަމިއްލަ ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ނުވާނެ ކަމަށެވެ. އެގޮތުން ވަޒީރު ވަނީ އެ ފަރާތްތަކަށް ގެއްލުން ނުވާނެ ކަން ފާހަގަކުރައްވައި ދެ ގޮތެއް ހުށަހަޅުއްވާފައެވެ.
އެގޮތުން ވަޒީރު ވިދާޅުވީ، ސަރުކާރު ކުންފުނީގެ ދަށުން ހިންގާ ޓެކްސީ ލައިންގައި ހިމެނޭ މުވައްޒަފުންގެ 50 ޕަސެންޓަކީ ދާއިމީ މުވައްޒަފުންނަށް ހަދާނެ ކަމަށެވެ. ވަޒީފާގައި އުޅެމުން ޓެކްސީ ކުރަން ބޭނުންވާ މުވައްޒަފުންނަށް، ބާކީ 50 ޕަސެންޓް ޖާގަ ހާއްސަކުރާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، އެ ޚިދުމަތް ފަށާނީ އައު ކާރުތަކެއް ގެނެސް، އުސޫލުތަކެއް ކަނޑައަޅައިގެންނެވެ. އެގޮތުން ޑްރައިވަރުން ވަކި ޔުނީފޯމެއް ލާން ޖެހުމާއި، ބިދޭސީންނަށް ޓެކްސީ ނުކުރެވޭނެ ކަން ވަޒީރު ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، ޓެކްސީ ކުރާ ކާރުތަކުގެ 25 އިންސައްތަ އަކީ އިލެކްޓިކް ޓެކްސީތަކަށް ހެދުމާއި، ޓެކްސީ ކުރާ ކޮންމެ ގަޑިއިރަކަށް ދޭ ފީ 100 ރުފިޔާއަށް ވުރެ ދަށް ނުކުރުމާއި، އެ ޓެކްސީއެއްގެ މެއިންޓަނެންސާއި ޕެޓްރޯލް ސަރުކާރުން އަޅައި ދިނުމުގެ އިތުރުން، ކޮންމެ ހަފުތާއަކު ވެސް މުސާރަ ދިނުން ކަނޑައެޅުން ވެސް ހިމެނެއެވެ.
އިތުރު ލިޔުންތައް

ޓެކްސީތައް ސެންޓަރެއްގައި ރަޖިސްޓްރީވާން މަޖުބޫރު
6 މަސް ކުރިން
ޓެކްސީގެ ޚިދުމަތް ދިނުމަށް، ސަރުކާރުގެ ކުންފުންޏަކަށް ހަވާލުކުރަނީ
4 މަސް ކުރިން
ޓްރެފިކަށް ހުރަސް އެޅި އިތުރު ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށްފި
3 މަސް ކުރިން