އެމްއެމްސީއާއި ބްރޮޑްކޮމް އުވާލާ އައު ކޮމިޝަނެއް އުފައްދަަން ހުށަހަޅައިފި


13 ނޮވެމްބަރު 2024 - 07:31
މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓީން ކޮމިޝަން އެއްކޮށްލާ މީޑިއާތައް ރެގިއުލޭޓް ކުރުމަށް އައު ކޮމިޝަނެއް އުފައްދާގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅުއްވައިފިއެވެ.މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެމްބަރެއްކަމުގައިވާ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން ޢަބޫބަކުރެވެ. މިބިލިގެ ފުރަތަމަ ކިޔުން މިއަދު ވަނީ މަޖިލީހުގައި އިއްވާފައެވެ. ފުރަތަމަ ކިޔުން އިއްވަމުން މިބިލި ހުށަހެޅުއްވި ސަބަބެއްކަމަށް މެމްބަރު ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓާ ނޫސްވެރިންނަށް ގާނޫނު އަސާސީން ލިބިދޭ ހައްގުތައް ކަށަވަރުކޮށްދެއްވުން ކަމަށެވެ. އަދި ނޫސްވެރިންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގުތައް ޒިންމާދާރުކަމާއެކު ބޭނުން ކުރަމުންދޭތޯ ކަށަވަރު ކުރުމާއި ނޫސްވެރިކަމުގެ މިންގަނޑުތައް ހިފަހައްޓަމުންދޭތޯ ބެލުން ކަމަށް މެމްބަރު ވިދާޅުވިއެވެ.
ބިލުގައިވާ ގޮތުން، މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޮޑްކާސްޓިން ކޮމިޝަން އުވާލުމަށް ވަނީ ނިންމާފައެވެ. އަދި މީޑިއާތައް ރެގިއުލޭޓް ކުރުމަށް މި ކޮމިޝަންތަކުގެ ބަދަލުގައި މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފެއްދުމަށް ބިލުގައި ހުށަހަޅާފައިވެއެވެ. މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެދުމާ އެކު، ވަކި ދެ ގާނޫނަކުން އުފައްދާފައިވާ މީޑިއާ ކައުންސިލާއި ބްރޯޑްކޮމްގެ އުވިގެންދާނެ އެވެ. އަލަށް އުފައްދާ މީޑިއާ ކޮމިޝަން އެކުލެވިގެން ވަނީ ޖުމްލަ ހަތް މެންބަރުންގެ މައްޗަށެވެ. އެއީ، މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާ ހަތަރު މެންބަރުންނާއި މީޑިއާތަކުން އިންތިހާބު ކުރާ ތިން މެންބަރުންނެވެ. މި ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު ދީފައި ވަނީ ރައީސުލްޖުމްހޫރިއްޔާއަށެވެ. މިކޮމިޝަންގެ ޒިންމާއަކީ މީޑިއާތަކާއި ނޫސްވެރިންގެ މަޝްވަރާގެ މަތިން، މީޑިއާތަކާއި ނޫސްވެރިން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑެއް އެކުލަވައިލުމެވެ.މި ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000 ރުފިޔާ އާއި 50،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައިވެ އެވެ. އަދި ވަކިވަކި ނޫސްވެރިން ވެސް 5،000 ރުފިޔާ އާއި 10،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ވެސް ލިބެ އެވެ.
އިތުރު ލިޔުންތައް
މަޖިލީހުން މުއައްސަސާތައް ޖަވާބުދާރީ ކުރުވާނަން - މަޖިލިސް ރައީސް
އަހަރެއް ކުރިން
ހައިދަރުގެ ޖަވާބުތަކާމެދު ހިތްހަމަނުޖެހި މަޖިލިސް ޖަލްސާ ހުއްޓުވާލައިފި
އަހަރެއް ކުރިން
ގޯތި ދޫކުރުމުގައި އިންސާފު ގެއްލިފައިވާތީ ކަންބޮޑުވެއްޖެ
އަހަރެއް ކުރިން