ސިފައިން ބޮޑު ސަރަހައްދެއް ބަލައިފި، ތަސްލީމް އަދިވެސް ނުފެނޭ
ދަތުރުގޮސް އުޅެނިކޮށް ގެއްލިގެން ހޯދާ ތަސްލީމް
31 އޯގަސްޓު 2024 - 16:39
ފިނޮޅަކަށް ދަތުރު ގޮސް އުޅެނިކޮށް ގެއްލިގެން ހޯދާ މީހާ ހޯދުމަށް ސިފައިން ބޮޑު ސަރަހައްދެއް ބަލާފައިވާއިރު، އެމީހާ އަދިވެސް ނުފެންނަ ކަމަށް އެއިދާރާއިން ބުނެފިއެވެ.
ގެއްލިގެން ހޯދަނީ މ.އަސަރީ ހަދާން ތަސްލީމް މުޙައްމަދު 43އ. އެވެ.
އެމްއެންޑީއެފުން ބުނީ، ތަސްލީމް ހޯދުމަށް ކ. ހުވަފެންފުށި ފިނޮޅުގެ ވަށައިގެން 5،000 އަކަ ފޫޓުގެ ސަރަހައްދެއް ސްނޯކަލްކޮށްގެން އަދި 3،000 އަކަފޫޓު ކަނޑުއަޑިން ޑައިވްކޮށްގެން ކޯސްޓްގާޑްގެ ޑައިވަރުން ބަލާފައިވާ ކަމަށެވެ.
އެހެން ނަމަވެސް މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، ތަަސްލީމް ގެއްލިފައިވަނީ މޫދަށްކަން ކަށަވަރު ކުރެވިފައި ނުވާތީ އެމީހާ ހޯދުމުގެ އޮޕަރޭޝަން ލީޑް ކުރަނީ ދިވެހި ފުލުހުންގެ ހިދުމަތުން ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
އޭނާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ އަދި އިއްޔެ އާއި އޭގެ ކުރީ ދުވަހު އެ ފިނޮޅަށް ދަތުރު ދިޔަ ބަޔަކު އުޅޭ ނަމަ ހިންމަފުށި ޕޮލިސް ސްޓޭޝަންގެ ނަންބަރު، 9794639 ގުޅައި އެންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.
އޭނާއާއެކު ދަތުރު ދިޔަ މީހުންނާ ހަވާލާދީ ފުލުހުން ބުނެފައިވާ ގޮތުގައި ތަސްލީމް އެންމެ ފަހުން ފެނިފައިވަނީ ވެސް އިއްޔެ ހެނދުނު 10:00 އާއި 11:00 އާ ދެމެދުގަ އެވެ.