އިސްރާއީލް ޕާސްޕޯޓްގެ މަސައްކަތް އަވަސް ކުރަން ހުށަހެޅި ގަރާރު ބޭރުކޮށްލައިފި


20 ނޮވެމްބަރު 2024 - 07:25
އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ މަސައްކަތް އަވަސްކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ގަރާރު މަޖިލީހުން ބޭރުކޮށްލައިފި އެވެ.
އިދިކޮޅު އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ހުށަހެޅުއްވި ގަރާރުގެ ބަހުސް މިއަދު ވަނީ މަޖިލީހުގައި ފަށަފަ އެވެ. އެގަރާރު މަޖިލީހަށް ބަލައިގަތުމަށް ނެގި ވޯޓުގައި ބަލައިގަންނަން ނުފެންނަ ކަމަށް 63 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ.
އެހެންވެ އެ ގަރާރު ބަލައިގަތުމަށް ފާސް ނުވާ ކަމަށް މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާން ކުރެއްވި އެވެ.
އިޒްރޭލުގެ ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އަށް އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ގާނޫނު ބަދަލުކުރަން މިދިޔަ މޭ މަހުގެ 30 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ. އެ ބިލު މަޖިލީހަށް ބަލައިގެންފައި ވަނީ ޖޫން މަހުގެ 10 ވަނަ ދުވަހު އެވެ. އެދުވަހު ބިލު ކޮމެޓީއަށް ފޮނުވި ގޮތަށް އޮތީ މަޑުޖެހިފަ އެވެ. ބިލުގައިވާގޮތުން އިސްރާއީލްގެ ރައްޔިތުންނާއި އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ވެސް ރާއްޖެ އެތެރެއެއް ނުވެވޭނެއެވެ.
އިޒްރާއީލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާ ކުރަން މަޖިލީހަށް ހުށަހެޅި ބިލުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ކުރީން ނުނިމޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އިން މިމަހުގެ 12 ވަނަ ދުވަހު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ވަނީ ނިންމާފަ އެވެ.
އެބިލުގެ މަސައްކަތް ނިންމުމަށް ސުންގަޑިއެއް ކަނޑައެޅުމަށް ބޭއްވި ބައްދަލުވުމުގައި އިޒްރާއީލް ޕާސްޕޯޓުގައި ރާއްޖެ އެތެރެ ނުވެވޭގޮތަށް އިސްލާހު ގެނައުމަކީ ވަރަށް ހައްސާސީ ކަމެއް ކަމަށާއި އެހެންކަމުން މި ކަމުގައި މަޝްވަރާ ކުރަންޖެހޭ ގިނަ ބަޔަކު ތިބި ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެ ބިލުގެ މަސައްކަތް ފެބްރުއަރީ 2025، ގެ ނިޔަލަށް ދިގު ދަންމާލަން 241 ކޮމެޓީގައި ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން ވަނީ ވިދާޅުވެފައެވެ. އެ ހުށަހެޅުމަށް ތާއީދުކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް އެވެ.