logoEN
ޚަބަރު

އިސްރާއީލު ސަރުކާރާ އަސްކަރިއްޔާގެ މީހުންގެ ޕާސްޕޯޓު މަނާ ކުރަން ފެނޭ-ނާޒިމް

ހުސައިން ވަސީމްހުސައިން ވަސީމް

21 ނޮވެމްބަރު 2024 - 07:32

އިސްރާއީލު ހުރިހާ ރައްޔިތުންގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާ ކުރުމުގެ ބަދަލުގައި އިސްރާއީލު ސަރުކާރަށާއި އަސްކަރިއްޔާއަށް ނިސްބަތްވާ މީހުންގެ ޕާސްޕޯޓު މަނާ ކުރަން ފެނިވަޑައިގަންނަވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމީޓީ) އިން މިއަދު ބޭއްވި ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ އިސްރާއީލު ޕާސްޕޯޓުގައި އެހެން ގައުމުތަކުގެ ރައްޔިތުންވެސް އުޅޭނެ ކަމަށާ އެހެންވެ އިސްރާއީލު ޕާސްޕޯޓު އޮންނަ ހުރިހާ ރައްޔިިތުންނަށް ރާއްޖެ އެތެރެވވެވޭ ގޮތަށް ފާސްކުރުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ނުވެދާނެ ކަމަށެވެ.

އިސްރާއީލު ޕާސްޕޯޓު އޮންނަ އެހެން ގައުމުތަކުގެ މީހުންނާ އަރަބިންނާއި މުސްލިމުންވެސް އުޅޭ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އިސްރާއީލު ޕާސްޕޯޓު އޮންނަ ހުރިހާ ރައްޔިތުންނަށް ރާއްޖެ އެތެރެވުން މަނާ ކުރުމުގެ ބަދަލުގައި އިސްރާއީލް ޕާސްޕޯޓު އޮންނަ މީހުންގެ ތެރެއިން އިސްރާއީލުގެ ސަރުކާރާއި އަސްކަރިއްޔާގައި އުޅޭ މީހުންނަށް ރާއްޖެ އެތެރެ ނުވެވޭގޮތް ހަދަން ފެނިވަޑައިގަންނަވާ ކަމަށް ނާޒިމް ވިދާޅުވި އެވެ. އދ. އިން ވެސް ސެންކްޝަންސް އިމްޕޯސް ކުރާއިރު ކުރަނީ މިލިޓަރީ އެންޓިޓީސްގައި އުޅޭ ފަރާތްތަކަށާއި، އިންސާނީ ހައްގުތައް ވަޔަލޭޓް ކުރުމުގެ ކަންތައްތަކުގައި އުޅޭ މީހުން ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެހެންވީމާ އިސްރާއީލް ޕާސްޕޯޓު ހޯލްޑަރުންތެރޭގަ ހިމެނޭ ސަރުކާރަށް ނިސްބަތްވާ އިސްރޭލު މިލިޓިރީއަށް ނިސްބަތްވާ ނޫނީ މިލިޓަރީ އެޝްޓަބްލިޝްމަންޓް ތަކަށް ނިސްބަތްވާ މީހުންނަށް ރާއްޖެ އެތެރެވުން މަނާ ކުރެވިދާޅނެ ކަމަށް ނާޒިމް ވިދާޅުވި އެވެ.

މިކަން ކުރިއަށް ގެންދިއުމަށް އެކަމާ ގުޅޭ ތަފާސް ހިސާބުތައް ހޯދާ ރާއްޖެއަށް ވޭތުވެދިޔަ ފަސްވަރަކަށް އަހަރު ތެރޭ އެތެރެވީ ކިހާ އިސްރާއީލު މީހުންނެއްތޯ ކަމާ ގުޅުން ހުރި އިދާރާތަކާއި ވާހަކަ ދައްކައިގެން ހޯދަން ފެންނަ ކަމަށްވެސް ނާޒިމް ވިދާޅުވި އެވެ.

މި ބިލަކީ ގަލޮޅު ދެކުނު ދައިރާގެ އެމްޑީޕީ މެމްބަރު މީކާއީލް އަހުމަދު ނަސީމް ހުށަހަޅުއްވާފައިވާ ބިލެކެވެ. މި ބިލުގައިވާގޮތުން އިސްރާއީލްގެ ރައްޔިތުންނާއި އިސްރާއީލުގެ ޕާސްޕޯޓު ގެންގުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނަށް ވެސް ރާއްޖެ އެތެރެއެއް ނުވެވޭނެއެވެ.

އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި އިސްރާއީލްގެ ޕާސްޕޯޓް މަނާކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވާފައިވަނީ ޖޫންމަހުގެ 2 ވަނަ ދުވަހުއެވެ.

އަދި އިސްރާއީލްގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން ހުއްޓުވުމަށްޓަކައި ޤާނޫނުތަކަށް ގެންނަންޖެހޭ އިސްލާޙްތައް ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވުމުން، މިކަން ކުރިއަށް ގެންދިއުމަށް ވަނީ ވަޒީރުންގެ މަޖިލީހުގެ ކޮމިޓީއެއް އެކުލަވާލެއްވުމަށް ވެސް ނިންމަވައިފައެވެ.

ކޮމެންޓް

871x217_placeholder