ކަރެކްޝަންސްގެ މުވައްޒަފުންނަށް ތައިލެންޑުން ތަމްރީނު ފުރުސަތު ހޯދައިދެނީ
3 ޑިސެމްބަރު 2024 - 11:37

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މުވައްޒަފުންނަށް ތައިލެންޑްގައި ތަމްރީނު ހޯދުމާ ބެހޭ ގޮތުން މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ތައިލެންޑްގެ ޑިޕަރޓްމަންޓް އޮފް ކަރެކްޝަންސްގެ ދައުވަތަކަށް ތައިލެންޑަށް ކުރައްވާ ދަތުރުފުޅުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު، އެ ޤައުމުގެ ޖަސްޓިސް މިނިސްޓަރ އަދި ޑިޕަރޓްމަންޓް އޮފް ކަރެކްޝަންސްގެ އިސްވެރިންނާ ބައްދަލު ކުރައްވައި ކުރެއްވި މަޝްވަރާތަކުގައެވެ.

Ad by Hajj Corporation
ތައިލެންޑަށް ކުރައްވާ ދަތުރުފުޅުގައި ކޮމިޝަނަރގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ ޖަލުތަކުގެ އިސްވެރިން ވެސް ވަނީ ބައިވެރިވެފައެވެ.
ތައިލެންޑްގައި ކުރިއަށްދާ ބައްދަލުވުންތަކުގައި ދެ މުވައްސަސާގެ މެދުގައި އިތުރަށް ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި ވާހަކަ ދެކެވިފައިވެއެވެ.
މި ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާ ޓީމް ވަނީ ޗިއަންގމައި ސެންޓްރަލް ޕްރިޒަން އާއި ބެންކޮކްގެ އެކި ކަރެކްޝަނަލް ފެސިޓީތަކަށް ޒިޔާރަތްކޮށް، ގައިދީންނަށް ހިންގާ ރިހެބިލިޓޭޝަން ޕްރޮގްރާމްތަކާއި އެހެނިހެން ފަންނުވެރިކަމުގެ މަސައްކަތާއި ސިއްޙީކަންކަން ފޯރުކޮށްދޭ ގޮތްތަކާ ބެހޭ ގޮތުން މަޢުލޫމާތު ހޯއްދަވާފައެވެ.


