ޑްރަގް ހުއްޓުވުމުގެ ހެޔޮނިޔަތް މިހާތަނަށް އޮތް ހަމައެކަނި ރައީސަކީ ރައީސް މުޢިއްޒު: ޝުޖާއު


09 ޑިސެމްބަރު 2024 - 07:55
ދިވެހިރާއްޖޭގައި އޮތް ޑްރަގްގެ ވަބާ ހުއްޓުވުމުގެ ހެޔޮނިޔަތް މިހާތަނަށް އޮތް ހަމައެކަނި ރައީސަކީ، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުކަމަށް ށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.
މެމްބަރު މިފަދައިން ވިދާޅުވީ، ސަރުކާރުގެ ފަރާތުން މަސްތުވާތަކެތީގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހްގެ ބިލަށް މިއަދުގެ މަޖިލީހުގެ ޖަލްސާގައި ބަހުސް ކުރަށްވަމުންނެވެ.
ޝުޖާޢު ވިދާޅުވީ، ޑްރަގްގެ މައްސަލައަކީ 1950ގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި އޮތް މައްސަލައެއްކަމަށާއި، ރަސްރަސްކަލުން ފެށިގެން މިހާތަނަށް އައިއިރު ވެރިޔަކު ހެޔޮނިޔަތުގައި މިކަން ހައްލުކުރަން މަސައްކަތްކުރަށްވަނީ ހަމައެކަނި ހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަމަށެވެ.
''ރާއްޖޭގައި އިޖުތިމާއި ހުރިހާ މައްސަލައެއްގެ އަސްލަކީ މަސްތުވާތަކެތިކަން އެންމެން ޤަބޫލުކުރޭ، މި ބޮޑުވަބާ މި ޤައުމަށް އައީ އަދަކު، މާދަމާއަކު ނޫން. 1950 ވަނަ އަހަރު އަފިހުނާއި ހިސާބުން ފެށުނު މި މައްސަލަ މިއަދު މިވަނީ ޕާޓީ ޑްރަގާއި ހަމައަށް ގޮސް، މަސްތުވާތަކެތި އީޖާދު ކުރާމީހުން އަހަރުން އަހަރަށް ތަފާތު ބާވަތްތައް އީޖާދުކުރަމުންދޭ، ވަބާއިން ސަލާމަތްވުމަށް ތަޙްޤީޤީ އިދާރާތަކުން ތަޙްޤީޤް ފުޅާކުރާތަން އާދޭ، އެހެންނަމަވެސް ވިސްނާލަންޖެހޭ މި ބޮޑު ޤައުމީ މައްސަލަ ހައްލުކުރުމުގެ ނިޔަތް އޮތީ ކޮން ސަރުކާރެއްގައިތޯ،'' ޝުޖާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެ ބިލަށް ވާހަކަދައްކާއިރު އެންމެ އުފާވާކަމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެންމެ އިސްކަމެއްދޭ އެއްކަމަކީ މަސްތުވާތަކެތި އެތެރެވާ ދޮރުތައް ބަންދުކުރުން ކަމަށްވުމުންކަމަށެވެ.
''މި ވޭތުދިޔަ ހުރިހާ ސަރުކާރުން ކަންކުރީ މިހެން، އެމްޕީއެލް ޕޯޓުގައި ކޮންޓޭނާ ސްކޭންކޮށްލެވޭނެ މެޝިނެއްނެތި ރަސްރަސްކަލުން ފެށިގެން މިއަދާއި ހަމައަށް ވޭތުވެގެން ދިޔައީ، ކޮން ރައީސެއްތޯއޭ ހެޔޮނިޔަތުގައި މިކަން ހައްލުކުރަން މަސައްކަތްކުރީ، އެހެންވުމުގެ ސަބަބުން ޢާއިލާތައް ބިކަވެގެން ގޮސްފައިއޮތްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ،'' ޝުޖާއު ވިދާޅުވިއެވެ.
އެހެންނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު މިއަދު އިސްކަންދެއްވަނީ ކަނޑުމަގުން ރާއްޖެ އެތެރެވާ ހުރިހާ ކޮންޓޭނާއެއް ސްކޭން ކުރެވޭނެ ސިސްޓަމް އެމްޕީއެލްގައި ގާއިމުކުރަން، އެއީ މި މައްސަލައިގެ ހައްލުކަމަށް ޝުޖާއު ވިދާޅުވެފަވެއެވެ.
އިތުރު ލިޔުންތައް

ކުޅުދުއްފުށީގެ ރައްޔިތުން ތިބީ ޕީއެންސީއާއެކު ފޯރީގައި ކުރިއަށްދާން: ޝުޖާޢު
6 މަސް ކުރިން
އަޅުގަނޑުމެންނަށް ވާރުތަވީ ހުސްތޮށިގަނޑެއްގެ ގޮތުގައި އޮތް ސަރުކާރެއް: ޝުޖާއު
5 މަސް ކުރިން
ޤައުމު އާރާސްތު ކުރެވޭނީ ޓެކްސްގެ ނިޒާމު ހަރުދަނާ ކޮށްގެން - ޝުޖާޢު
5 މަސް ކުރިން